16 Aug 2014, 15:38
ރާއްޖޭގައި މުއާސަލާތީ ޚިދުމަތްދޭ މައި ކުންފުނި ދިރާގުން އެ ކުންފުނީގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތްތަކެއް ކުރާތީ މާދަމާއިން ފެށިގެން މިމަހުގެ 21 ވަނަ ދުވަހާ ހަމައަށް މާލެ ސަރަހައްދުގައި ޚިދުމަތަށް ބުރޫ އަރާފާނެ ކަމަށް އެކުންފުނިން ބުނެފި އެވެ.
ދިރާގުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މޯބައިލް ނެޓްވޯކްގެ ފެންވަރު ރަނގަޅުކުރުމަށާއި 4ޖީ ޚިދުމަތް ދިނުމަށް ޓަކައި މައިގަނޑު ނެޓްވޯކް އޮޕަރޭޝަނެއް މާދަމާއިން ފެށިގެން ހިންގާނެ ކަމަށެވެ. އަދި އައު އިކްއިޕްމެންޓް އިންސްޓޯލް ކުރުމުގެ މަސައްކަތްތައް އެ އޮޕަރޭޝަންގައި ހިމެނޭނެ ކަމަށް ވެސް ބުންޏެވެ.
ޚިދުމަތަށް ބުރޫ އަރާފާނެ ބައެއް ގޮތްތައް ވެސް ދިރާރުގެ ބަޔާނުގައި ހާމަކޮށްފައި ވެއެވެ. އެގޮތުން ދިމާވެދާނެ މައްސަލަތަކެއް ކަމަށް ބުނެފައި ވަނީ ކޯލެއް މެދުކެނޑުމާއި ކޯލެއް ކުރަން ނުވަތަ ނަގަން އުނދުގޫ ވުމާއި މިސްޑްކޯލް މެސެޖް ލިބުމާއި 3ޖީ ސްޕީޑަށް މައްސަލަ ދިމާވުމެވެ.
ދިރާގުގެ މަސައްކަތްތައް މާދަމާ ކުރާނީ ވިލިމާލެ އާއި އަމީނީ މަގުގެ މާފަންނު ހުޅަނގު ސަރަހައްދުގައެވެ. މިމަހުގެ 18 ވަނަ ދުވަހު މަސައްކަތް ކުރާނީ ކަސްޓަމްސް ސަރަހައްދާއި ޗާނދަނީމަގާއި މަޖީދީ މަގުގައެވެ. 19 ވަނަ ދުވަހު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން ފެށިގެން އާޓިފިޝަލް ބީޗާ ދެމެދުގައެވެ. 20 ވަނަ ދުވަހު ޗާންދަނީ މަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުން ފެށިގެން ނަސަންދުރަ ޕެލަސް ހޮޓަލާ ދެމެދުގައެވެ. އަދި މިމަހުގެ 21 ވަނަ ދުވަހު މަސައްކަތް ކުރާނީ ހުޅުލެ ސަރަހައްދުގައެވެ.
ދިރާގުގެ މަސައްކަތްތައް ހިނގާ ދުވަސްތަކުގައި ކުރިމަތިވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ފަރާތުން މައާފަށް އެދޭ ކަމަށް ބަޔާނުގައި ވެއެވެ.