16 Jan 2011, 10:49
މުޅި އިސްލާމީ އުންމަތުގައި ވެސް ރާއްޖެއަށް ވުރެ ބޮޑަށް، ދީނީ ދަންނަ ބޭކަލުންނަށް މިނިވަންކަން ލިބިފައިވާ އެހެން ޤައުމެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރ. އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިއްޔެ މެންދުރުފަހު، އެއަތޮޅު ކިނޮޅަހަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އިސްލާމީ އުންމަތުގައި ވެސް، މި ރާއްޖެ ނޫނީ ދީނީ ދަންނަ ބޭކަލުންނަށް ބޭނުން އެއްޗެއް ބުނެވޭނެ ޤައުމެއް ނޯންނާނެ ކަމަށެވެ.
"ދުނިޔޭގެ އިސްލާމީ އެއްވެސް ޤައުމެއްގައި، ރާއްޖޭގެ ދީނީ ދަންނަ ބޭކަލުން އެ ވިދާޅުވާ ވައުޒު ބުނެވޭނެ އެހެން ޤައުމެއް މި އިސްލާމީ ދުނިޔެއަކު ނޯންނާނެ. އަޅުގަނޑުމެންގެ އަމާޒަކަށްވީ އަބަދުވެސް ދީނީ ދަންނަ ބޭކަލުންނަށް ދީނީ ނަސޭޙަތް ދިނުމުގެ މިނިވަންކަން ދިނުން. ހެޔޮ ލަފާ ނަޞޭޙަތް ދޭނެ ފުރުޞަތު އެމީހުންނަށް އެރުވުން" ރައީސް ވިދާޅުވި އެވެ.
~
ރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގައި އިސްލާމް ދީން ދެމި އޮންނަތާ އެއް ހާސް އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި، ހުއްޓުމެއް ނެތި އިސްލާމީ ޝަރީޢަތް، އިސްލާމީ އުސޫލުތައް، އިސްލާމީ ސަޤާފަތް މި ދަރަޖައަށް މިހާ ދިގަށް ދެމިގެން ގޮސްފައިވާ ޤައުމެއް ރާއްޖެ ފިޔަވާ މިދުނިޔޭގައި ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
އިސްލާމީ ތާރީޚްގެ ޢައްބާސީ ޚިލާފަތުގެ ޒަމާނަށް ވެސް ރައީސް އަލި އަޅުވައިލެއްވެވި އެވެ. ވިދާޅުވީ އިސްލާމް ދީނާއި އިސްލާމީ އުންމަތް ކުރިއަރާ ދިޔައީ މިނިވަންކަން ލިބި، ހަނި މަގެއްގައި ހިނގުމަށް އެއްވެސް މީހަކު މަޖުބޫރު ނުކުރީތީ ކަމަށެވެ. އަދި އިސްލާމީ އުންމަތް ދެން ވެސް ދިރޭނީ "ރައްޔިތުން ހަނި މަގަކަށް ނުދާ ފުޅާ ވިސްނުން ރައްޔިތުންނަށް ދީގެން" ކަމުގައި ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ޤައުމާއި ދީނަށް ޓަކައި ކުރައްވާ މަސައްކަތެއްކަން ބަޔާންކުރައްވަމުން، ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ޤައުމާ ދީން ކުރިއަރައި ދިއުން ކަމަށާއި، އަބަދު ވެސް މަސައްކަތް ކުރައްވަމުން ގެންދަވާނީ، ދިވެހި އުންމަތް ކުރިއެރުވުމަށް ކަމަށެވެ.
ކިނޮޅަހު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ކިނޮޅަހަކީ ރާއްޖޭގެ ޒަމާންވީ ޤަދީމީ ތާރީޚްގެ ތެރެއިން އެންމެ ފާހަގަވާ އެއް ރަށް ކަމަށާއި، މީލާދީން 1400އިގެ އަހަރުތަކުގެ ތެރޭގައި ކިނޮޅަހުގައި ސާޅީސް މިސްކިތް ހުރި ކަމަށް އިތުބާރު ހުރި ތާރީޚީ މަޢުލޫމާތު ތަކުން އެނގެން އެބައޮތް ކަމުގައި ވިދާޅުވި އެވެ.