16 Aug 2014, 14:59
ކުރިއަށް އޮތް ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް އެންމެ ވާދަވެރި ކްލަބަކަށް ވާނީ މެންޗެސްޓާ ޔުނައިޓެޑް ކަމަށް ސިޓީގެ އާޖެންޓީނާ ފޯވާޑް ސާޖިއޯ އަގުއެރޯ ބުނެފި އެވެ.
މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ޑޭވިޑް މޮއިސްގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ނަމަވެސް އަގުއެރޯ ގަބޫލުކުރާ ގޮތުގައި، މި ސީޒަނުގައި ޔުނައިޓެޑްގެ އާ ކޯޗު ލުއިސް ވެން ހާލްއާއެކު އެ ޓީމަކީ ވަރުގަދަ ޓީމެއްކަން އަލުން ދައްކުވައިދޭނެ ކަމަށެވެ.
"އަހަރެންނަށް ހީވަނީ ކުރިއަށް އޮތް ސީޒަނުގައި ޔުނައިޓެޑުން އަހަރެމެންނަށް ވަރަށް ވާދަކުރާނެ ހެން،" 'ސިޓީލައިވް' އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ. "ޔުނައިޓެޑުގެ އިތުރުން ޗެލްސީ އާއި އާސެނަލް ފަދަ ޓީމުތަކުން ވެސް ލީގު ހޯދުމަށް މަސައްކަތްތަކެއް ކުރާނެ. ޔުނައިޓެޑަކީ ސިޓީއަށް ބިރަކަށް ވާނެ. އެއީ އެ ޓީމު މި ފަހަރު ވާދަކުރާނީ ހަމައެކަނި އިނގިރޭސިވިލާތުގައި ބާއްވާ މުބާރާތްތަކުގައި އެކަނި ކަމަށް ވާތީ،"
ކުރިއަށް އޮތް ސީޒަނުގައި ޔޫރަޕުގެ މުބާރާތްތަކަށް ޔުނައިޓެޑް ކޮލިފައިވެފައި ނުވާތީ އެ ޓީމަށް އޮތް އެންމެ ބޮޑު ފައިދާއަކީ ރެސްޓް ލިބުން ކަމަށް އަގުއެރޯ ގަބޫލުކުރެ އެވެ.
މިދިޔަ ސީޒަނުގައި ޔުނައިޓެޑަށް ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާތީ، އެ ކްލަބަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. ޕްރިމިއާ ލީގު 20 ފަހަރު ކާމިޔާބުކުރި ޔުނައިޓެޑް، މިދިޔަ ސީޒަނު ނިންމާލީ ލީގުގެ ހަތް ވަނައިގައި އޮވެ އެވެ.