އިރާގާއި ސޫރިޔާގެ ބޮޑު ބައެއް ކޮންޓްރޯލްކޮށް، "ޚިލާފަތު" އިއުލާންކޮށްފައިވާ ހަނގުރާމަވެރި ޖަމާއަތް އިސްލާމިކް ސްޓޭޓް (އައިއެސް) އަކީ އެމެރިކާއާއި އެގައުމުގެ ބައިވެރިންނަށް އޮތް ބިރެއް ކަމަށް އެމެރިކާއިން މިހާރު ވަނީ އެއްބަސްވެފައެވެ. އެމެރިކާގެ ޓެރަރިޒަމް އެކްސްޕާޓުންނާ ހަވާލާދީ ވޮޝިންޓަން ޕޯސްޓުން އިއްޔެ ބުނެފައި ވަނީ މުޅި އަރަބި ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ނޫނީ އައިއެސް ނައްތައި ނުލެވޭނެ ކަމަށެވެ.

އައިއެސް އިން އެމެރިކާއަށް ދިން އެންމެ ވަރުގަދަ އިންޒާރަކީ ވައިޓް ހައުސްގައި އެޖަމާއަތުގެ ދިދަ ނަގާނެ ކަމަށް ބުނެ ދިން އިންޒާރެވެ. އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން ހާއްސަކޮށް، އެގައުމުތަކުގެ އާއްމުން އެ އިންޒާރު ބަލައިގަތީ ވަރަށް ސީރިއަސް ވަރަށް ބިރުވެރި އިންޒާރެއްގެ ގޮތުގައެވެ.

އައިއެސް އިން ބޭނުންކުރާ ކަޅު ފޮތިގަނޑެއްގައި ހުދު އަކުރުން ޝަހާދަތުގެ ދެކަލިމަ،(ރަސޫލާ ޟައްލަﷲ ޢަލައިހި ވަސައްލަމްގެ ސިއްކަ ފުޅު ވެސް އެކުލެވޭ ގޮތަށް) ލިޔެފައިވާ ދިދަ އެގައުމުތަކަށް ބިރަކަށް ވީ އެހިސާބުންނެވެ.
ދިދަ ދެކެ ބިރުން އުޅެނިކޮށް އެދިދަ ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަން ފަށާފައިވާކަން ވޮޝިންޓަން ޕޯސްޓުން އިއްޔެ ވަނީ ފާހަގަކޮށްފައެވެ.

"ހަވް އިސްލާމިކްސް ސްޓޭޓް އެކްސްޓްރީމިސްޓްސް ގޮޓް ދެއަރް ސިގްނެޗަރް ފްލެގް"( އިސްލާމިކް ސްޓޭޓްގެ ހައްދުފަހަނައަޅާފައިވާ މީހުންނަށް އެމީހުން ރަމްޒުކޮށްދޭ ދިދަ ލިބުނު ގޮތް) މިސުރުހީގެ ދަށުން ވޮޝިންޓަން ޕޯސްޓްގައި އިއްޔެ ލިއުނު ލިއުމުގައި ބުނެފައި ވަނީ ވައިޓް ހައުސް ކުރިމަތިން ވެސް އައިއެސްގެ ދިދަ ފެނިފައިވާ ކަމަށެވެ.

"... ކަޅާއި ހުދުގެ އެ ބެނާ ވިހުރުވެނީ އެދެތަނެއްގައި އެ ގްރޫޕް( އައިއެސް) އިން ޚިލާފަތު އިއުލާންކޮށްފައިވާ އިރާގާއި ސޫރިޔާގައި އެކަންޏެއް ނޫނެވެ. ލަންޑަނުގައި ވެސް މެއެވެ. އަދި މިހާރު ފެންނަން ހުރި ގޮތުގައި ނިއުޖާޒީގައި ވެސް މެއެވެ. އަދި ވައިޓްހައުސްގެ ކުރިމަތީގައި ވެސް މެއެވެ،" ވޮޝިންޓަން ޕޯސްޓްގެ ލިއުމުގައި ވެއެވެ.