މާބަނޑު އަންހެނެއްގެ ގަޔަށް އެޗްއައިވީ ޕޮޒިޓިވް ލޭ އެޅުމުގައި އިހްމާލުވި ކަމަށް ތުހުމަތު ކުރެވޭ އިންޑިއާގެ ލެބް ޓެކްނީޝަންގެ މައްސަލަ ޝަރީއަތަށް ފޮނުވައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް، އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓާ ހުސައިން ނާޝިދު ވިދާޅުވީ އިންޑިއާގެ ކެރެލާ އަށް އުފަން ރާޖޭޝް ކަކަންތު ބަސްކަރަން، 32، މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވަފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.

ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ނ) ގެ ދަށުން އޭނާގެ މައްޗަށް އުފުލާފައި ވަނީ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގެ ދައުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އައިޖީއެމްއެޗުގެ ޑެޕިއުޓީ ސީއީއޯ ޑރ. މުހައްމަދު ހަބީބު ވިދާޅުވި ގޮތުގައި ރާޖޭޝް އިހްމާލުވެފައި ވަނީ ލޭ ހަދިޔާ ކުރި މީހާގެ ލެޔަކީ އެޗްއައިވީއަށް ޕޮޒިޓިވް ލެއެއް ކަމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގެ ލޭ ޓެސްޓު ކުރާ މެޝިނުން ދެއްކުމުން ވެސް އެ ލެޔަކީ އެޗްއައިވީ ނެގެޓިވް ލެއެއް ކަމަށް ރިޕޯޓުގައި ލިޔެފައިވުމުންނެވެ.

މަޖިލީހުގެ ކޮމެޓީއެއްގައި ވާހަކަފުޅު ދައްކަވަމުން ހަބީބު ވިދާޅުވީ މާބަނޑު އަންހެން މީހާގެ ގަޔަށް އެޗްއައިވީ ލޭ އެޅި ދުވަހު ލެބް ޓެކްނީޝަން ކުއްލި ގޮތަކަށް އިންޑީއާއަށް ފުރައިގެން ދިޔަ ކަމަށާއި އެނބުރި ރާއްޖެ އައީ ދެ ދުވަސް ފަހުން ކަމަށެވެ. އަދި އޭނާ ރާއްޖެއިން ބޭރަށް ފުރައިގެން ދިޔައީ އަމިއްލަ ބޭނުމެއްގައި ކަމަށް ހަބީބު ވިދާޅުވި އެވެ.

އެޗްއައިވީ ލޭ މާބަނޑު އަންހެނެއްގެ ގަޔަށް އެޅުނީ އަމިއްލަ އިހްމާލުން ކަމަށް ރަޖޭޝް އެއްބަސްވެފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ. ނަމަވެސް އެއީ ގަސްތުގައި ކުރި ކަމެއް ކަމަށް އޭނާ އެއްބަސްވެފައި ނުވާ ކަމަށް ހަބީބު ވަނީ ވިދާޅުވެފަ އެވެ.