މެލޭޝިއާ އެއާލައިންގެ މަތިންދާބޯޓަކުން ދަތުރުކުރި އަންހެން ދަތުރުވެރިއަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އެ އެއާލައިންގެ ބޯޓެއްގެ ފަޅުވެރިއަކު ފަރަންސޭސިވިލާތުގައި ހައްޔަރުކޮށްފިއެވެ.

މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ފުރައިގެން ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހަށް ދަތުރުކުރި މެލޭޝިއާ އެއާލައިންގެ މަތިންދާބޯޓް އެމްއެޗް 20 ސްޓީވާޑަކު ފަރަންސޭސި ފުލުހުން ހައްޔަރު ކުރީ އަންހެން ދަތުރުވެރިއަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން ކަމަށް އެއާލައިނުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

އެބަޔާނުގައި ބުނެފައި ވަނީ ފަރަންސޭސި ފުލުހުން ކުރާ ތަހުގީގަށް އެ އެއާލައިނުން އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ އެއާލައިނުން އެންމެ އިސްކަންދޭ ކަންތައް ކަމަށް ވެސް ބުނެފައި ވެއެވެ.

އިނގިރޭސިވިލާތުގެ ޑެއިލީމެއިލް ނޫހުން ބުނީ އޮސްޓްރޭލިއާގެ އަންހެން ދަތުރުވެރިޔާއަށް އެމްއެޗް 20 ގެ ޗީފް ސްޓީވާޑް ގޯނާ ކުރީ އެ އެއާލައިންގެ ދެބޯޓަކަށް ދިމާވި ހިތާމަވެރި ގޮތުގެ ސަބަބުން ދަތުރުވެރިޔާ ބިރުން އުޅޭތީ ހިތްވަރު ދިނުމަށް މަސައްކަތް ކުރާ ކަމަށް ހެދިގެން ކައިރީގައި އިށީނުމަށް ފަހުގައި ކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.

މެލޭޝިއާ އެއާލައިންގެ ދެބޯޓަކަށް ކުރުމުއްދަތެއްގެ ތެރޭގައި ދިމާވި ދެ ހާދިސާގެ ސަބަބުން އެ އެއާލައިންއަށް މިހާރުވެސް ވަނީ ވަރަށް ބޮޑު ގެއްލުންތަކަކާ ކުރިމަތިވެފައެވެ.

މާޗްމަހު ގެއްލުނު އެމްއެޗް 370 އިން 239 މީހުން ދަތުރުކުރިއެވެ. އަދި އެމްއެޗް 17 އިން 283 މީހުން ދަތުރުކުރިއެވެ. އެމްއެޗް 370 ގެ އެއްވެސް ބައެއް ވެސް އަދި އެބޯޓުން ދަތުރުކުރި މީހެއްގެ ހަށިގަނޑު ވެސް މިހާތަނަށް ފެނިފައެއް ނުވެއެވެ. އެމްއެޗް 17 އިން ދަތުރުކުރި 283 މީހުންގެ ތެރެއިން 196 މީހެއްގެ ހަށިގަނޑު މިހާރު ވަނީ ފެނިފައެވެ.