16 Aug 2014, 13:47
ޗައިނާގެ ނަންޖިން ސިޓީގައި މިހާރު ކުރިއަށްދާ ދެ ވަނަ ޔޫތު އޮލިމްޕިކްސް ގޭމްސްގައި ރާއްޖެއިން ވާދަކުރާ ކޮންޓިންޖެންޓް މުބާރާތުގައި ވާދަކުރުމަށް މިދިޔަ ބުދަ ދުވަހުގެ ރޭ ފުރައިފި އެވެ.
މިއަދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މުބާރާތުގައި ރާއްޖެއިން ވާދަކުރަނީ ދެ ކުޅިވަރަކުން، ޖުމްލަ ތިން އެތުލީޓުންނެވެ. އެ ދެ ކުޅިވަރަކީ އެތުލެޓިކްސް އާއި ސްވިމިން އެވެ.
ސްވިމިން އިވެންޓުގައި ރާއްޖެއިން ވާދަކުރާ ދެ ފެތުންތެރިންނަކީ އައިޝަތު ސާޖިނާ އާއި މުހައްމަދު މުއުތަސިމް އަދުނާނެވެ. އަދި އެތުލެޓިކްސް އިވެންޓުގައި ވާދަކުރާނީ ހުސައިން ޝަހުދާން ފަހުމީ އެވެ.
ޔޫތު އޮލިމްޕިކް ގޭމްސް އަށް މުއުތަސިމް ކޮލިފައި ވެފައި ވަނީ، މީގެ ކުރިން ބައިނަލްއަގުވާމީ އެކިއެކި މުބާރާތްތަކުގައި ވާދަކޮށް، އެ މުބާރާތްތަކުން އޭނާ ހޯދާފައިވާ ނަތީޖާތަކަށް ބެލުމަށް ފަހު ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުންޏެވެ. އަދި ސާޖިނާ އަކީ 50 މީޓަރު ބްރެސްޓްސްޓުރޯކް އަދި 100 މީޓަރު ބްރެސްޓްސްޓުރޯކްގެ ފެތުމުން ރާއްޖޭގެ ރެކޯޑް ހޯދައިފައިވާ ފެތުންތެރިއެކެވެ.
މިފަހަރުގެ ޔޫތު ގޭމްސްގައި ޝަހުދާން ވާދަކުރާނީ ފިރިހެނުންގެ 100 މީޓަރު ދުވުމުގައެވެ.
ބައިނަލްއަގުވާމީ މުބާރާތެއްގައި ޝަހުދާން ފުރަތަމަ ވާދަކޮށްފައި ވަނީ 2013 ވަނަ އަހަރު ނަންޖިންގައި ބޭއްވި އޭޝިއަން ޔޫތު ގޭމްސްގައެވެ. އެ ފަހަރު ޝަހުދާން 100 މީޓަރުގެ ދުވުން ނިންމާފައި ވަނީ 11.69 ސިކުންތުންނެވެ. އޭގެ ފަހުން މި އަހަރު ބެންކޮކްގައި ބޭއްވި ކޮލިފިކޭޝަން މުބާރާތުގައި ވާދަކޮށް ޝަހުދާންއަށް 100 މީޓަރު ދުވުން ނިންމުނީ 11.38 ސިކުންތުންނެވެ.
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓުގެ ޗެފް ޑިމިޝަނަކީ ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަހުމަދު ލަތީފެވެ.