އާސެނަލްގެ ޖަރުމަން ޑިފެންޑަރު ޕާ މާޓެސޭކާ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

މިދިޔަ މަހު ބްރެޒިލްގައި ނިމިގެންދިޔަ ވޯލްޑް ކަޕުގައި ޖަރުމަނު ގައުމީ ޓީމަށް ކުޅުނު މާޓެސޭކާ، އެ ޓީމަށް ކުޅުން ހުއްޓާލި އިރު، އޭނާ ވަނީ ގައުމީ ޓީމަށް 104 މެޗު ކުޅެފަ އެވެ. އަދި ޖަރުމަންގެ ސީނިއާ ޓީމަށް ދިހަ އަހަރުގެ މުއްދަތަކަށް ކުޅުނު މާޓެސޭކާ ވަނީ އެ ޓީމަށް ހަތަރު ލަނޑު ކާމިޔާބުކޮށްދީފަ އެވެ.

ޖަރުމަން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކުރުމަށްފަހު މާޓެސޭކާ ބުނީ، އެ ޓީމަށް ކުޅުން ހުއްޓާލީ އުފަލާއެކު ކަމަށާއި ޖަރުމަން ޓީމުގެ ކުރިމަގު ވަރަށް އުޖާލާ ކަމަށެވެ.

"ޖަރުމަނު ޓީމުގެ ކުރިމަގާ މެދު އެއްވެސް ބިރެއް ނެތް،" އޭނާ ބުންޏެވެ. "ޒުވާން ކުޅުންތެރިން ޓީމަށް އަންނާނެ. ކުރިއަށް ވުރެ، މިހާރު ޖަރުމަން ޓީމު އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި. އަހަރެން މިހާރު ބޭނުންވަނީ އާސެނަލްއާ އެކު ޕްރިމިއާ ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގައި މޮޅު ކުޅުމެއް ދައްކަން."

ޖަރުމަން ގައުމީ ޓީމަށް މާޓެސޭކާ ފުރަތަމަ މެޗެއް ކުޅުނީ 2004 ވަނަ އަހަރު އެވެ. އެ އަހަރުގެ އޮކްޓޯބަރު މަހު އިރާގާ ދެކޮޅަށް ކުޅުނު އެ މެޗުގައި އޭނާ ފެނުނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި އޭނާ އެ ޓީމަށް ކުޅުނު އެންމެ ފަހު މެޗަކީ މި އަހަރުގެ ވޯލްޑް ކަޕުގެ ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުގައި ވެސް އޭނާ ފެނިގެންދިޔައީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.