ހުޅަނގު އެފްރިކާގައި ހުއްޓުމެއްނެތި ފެތުރެމުން އަންނަ އެބޯލާ ވައިރަސް އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ހަ މަސް ދުވަސް ނަގާނެ ކަމަށް އެގައުމުގައި އެބޯލާ ވައިރަސް ކޮންޓްރޯލު ކުރުމަށް މަސައްކަތްކޮށް ހިލޭ ބޭސްފަރުވާ ފޯރުކޮށްދޭ މެޑިސިންސް ސާންސް ފްރަންޓިއާސް (އެމްއެސްއެފް) ޖަމްއިއްޔާ އިން ބުނެފިއެވެ.

"އަޅުގަނޑުމެންނަށް ކޮންޓްރޯލް ކުރެވޭ ވަރަށް ވުރެ ބާރުމިނެއްގައި އެބަލި ދަނީ ފެތުރެމުން. ހީވަނީ ހަނގުރާމައިގެ މައިދާނެއްހެން. އެބޯލާ ވައިރަސް ކޮންޓްރޯލް ކުރުމަށް ހަފްތާއެއް ދެހަފްތާއެއް މަދުވާނެ، މަދުވެގެންވެސް ހަ މަސް ދުވަސް ނަގާނެ." އެމްއެސްއެފްގެ ޗީފް ޖޮއޭން ލިއު މިދިޔަ ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ބުނެފައިވާކަމަށް އަލްޖަޒީރާ އިން ބުންޏެވެ.

ނުރައްކާތެރި އެބޯލާ ވައިރަސް ކޮންޓްރޯލް ކުރުމަށް އެހީވުމުގެ ގޮތުން އެކި އެކި ޖަމްއިއްޔާތަކުން ވަނީ ފިޔަވަޅުތައްއަޅާފައެވެ. އެގޮތުން ރެޑް ކްރޮސް އާއި އެމްއެސްއެފް ގުޅިގެން ވަނީ ހަތަރު އައު ސެންޓަރެއް ހުޅުވައި އެބޯލާ ވައިރަސް ޖެހިފައި ތިބި މީހުނަށް ފަރުވާދޭންފަށާފައެވެ. އެބޯލާ ވައިރަސް ފެތުރިފައިވާ ގައުމެއް ކަމަށްވާ ސިއެރަލިއޯންގައި ވެސް އެބަލި ޖެހިފައިވާ މީހުނަށް ފަރުވާދެވޭނެ އައު ސެންޓަރު ތަކެއް ހުޅުވުމަށް އެގައުމުގެ ރައީސް އާނަސްޓް ކޮރޯމާ ވަނީ މިދިޔަ ހުކުރު ދުވަހު އިއުލާން ކުރައްވާފައެވެ.

ނުރައްކާތެރި އެބޯލާ ވައިރަސް އަކީ ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔެކެވެ. ސިއެރާ ލިއޯންގައި އެބޯލާ ވައިރަސްޖެހިފައި ތިބި މީހުންނަށް ފަރުވާ ދެމުން އައި ނަރުހުންގެ ތެރެއިން 32 ނަރުހަކާއި ޑޮކްޓަރަކުވެސް އެބަލީގައި ވަނީ މަރުވެފައެވެ.

އެބަލި ފުރަތަމަ ފެނުނީ ހުޅަނގު އެފްރިކާގެ ގިނޭ އިންނެވެ. އޭގެފަހުން އެބަލި ވަނީ ލައިބީރިއާ އަށާއި ސިއެރަ ލިއޯން އަށް ފެތުރިފައެވެ.

އޭގެ އިތުރުން ނައިޖީރިއާގައި ވެސް އެބަލި ފެތުރި އެގައުމުގެ އިގްތިސޯދަށް ވަނީ ބުރޫއަރާފައި ކަމަށް އަލް ޖަޒީރާ އިން ބުންޏެވެ. ނައިޖީރިއާގައި ހުންނަ ތެލާއި ގޭސް ވިއްކާ ގިނަ އަދަދެއްގެ އިންޓާނޭޝަނަލް ކުންފުނި ތަކުން ވަނީ އެކުންފުނިތައް ބަންދުކޮށް އެކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސިއްހީ ސަލާމަތައްޓަކައި އެގައުމުން ބާލާނެކަމަށް ބުނެފައި ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. ހުޅަނގު އެފްރިކާއަށް ދަތުރުކުރާ ގިނަ އަދަދެއްގެ އެއާލައިންތަކުން ވެސް އެބޯލާ ވައިރަސް ފެނިފައިވާ ގައުމުތަކަށް ދަތުރުކުރުން ހުއްޓާލާފައި ވާ ކަމަށްވެސް އަލްޖަޒީރާ އިން ބުންޏެވެ.