16 Aug 2014, 13:05
ބީއެމްއެލް ދެ ވަނަ ގައުމީ ހޭންޑްބޯލް މުބާރާތުގެ އަންހެން ޑިވިޝަނުގެ ފުރަތަމަ މެޗު ރައިސަސް ސްޕޯޓްސް ކްލަބުން ކާމިޔާބު ކޮށްފި އެވެ.
ހެންވޭރު އަޑި ޕާކުގައި ރޭ ކުޅުނު މެޗް ރައިސަސް ކާމިޔާބުކުރީ ޔޫތު ސްޕޯޓްސް ކްލަބާ ވާދަކޮށް 12-7 ޕޮއިންޓުންނެވެ.
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރައިސަސް އަށް ކުޅޭ ރާއްޖޭގެ އެންމެ މޮޅު އެއް އަންހެން ބާސްކެޓްބޯޅަ ކުޅުންތެރިޔާ ފާތިމަތު ރިޝްމާ އެވެ.
މި މުބާރާތް ކުރިއަށްދަނީ ދެ ޑިވިޝަނަކަށް ބަހާލައިގެންނެވެ. އެއީ އަންހެން އަދި ފިރިހެން ޑިވިޝަންއެވެ. ކޮންމެ ޑިވިޝަނެއްގައި ހިމެނޭ ކޮންމެ ޓީމެއް ދެ މެޗު ކުޅޭނެ އެވެ. މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. ފައިނަލް މެޗް އޮންނާނީ މިމަހުގެ 22 ވަނަ ދުވަހުއެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގައި ބައިވެރިވި ތިން ޓީމަކީ ޔޫތު ސްޕޯޓްސް ކްލަބާއި، ރައިސަސް ސްޕޯޓްސް ކްލަބު އަދި ސްޕޯޓްސް ކްލަބު ރިވަލްސާ އެވެ.
ހަތް ދުވަހުގެ މުއްދަތައް ހެންވޭރު ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ކުޅޭނީ އޭޝިއަން ގޭމްސްގައި ބޭނުންކުރާ ބޯޅައިންނެވެ.