ދިވެހި ރެޑް ކްރެސެންޓްގެ މައި އިދާރާ އެޅުމަށް ހުޅުމާލެއިން ބިމެއް ގަނެ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ނަސަންދުރާ ޕްލެސް ހޮޓަލުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ސޮއިކުރެއްވީ، އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރައްޒާގު އިބްރާހީމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސުހައިލް ވިދާޅުވީ، ރެޑް ކްރެސެންޓަކީ ހުޅުމާލޭގެ އެކިއެކި ކަންތައްތަކުގައި "ވަރަށް ގާތްކޮށް ބައިވެރިވާ" އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާއަކަށްވުމުން، އެ ޖަމިއްޔާއަށް ބިން ވިއްކާފައި ވަނީ ސަބްސިޑައިޒް ރޭޓެއްގައި ކަމަށެވެ.

އެގޮތުން 2.7 މިލިއަން ރުފިޔާއަށް ވިއްކާފައިވާ އެ ބިމުގެ ބޮޑުމިނަކީ 5300 އަކަފޫޓް ކަމަށާއި އިމާރާތްކުރެވޭ އޭރިއާ އަކީ 2700 އަކަފޫޓް ކަމަށް ސުހައިލް ވިދާޅުވި އެވެ. އަދި ރެޑް ކްރެސެންޓުން ބޭނުންވާނަމަ އިމާރާތް ޑިޒައިން ކުރުމާއި ޕްރޮޖެކްޓް އިމްޕިމެންޓް ކުރުމުގައި ވެސް އެޗްޑީސީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ސުހައިލް ވިދާޅުވި އެވެ.

ސޮއިކުރުމަށްފަހު މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ދިވެހި ރެޑް ކްރެސެންޓުގެ ރައީސް އަބްދުﷲ އަލީ ވިދާޅުވީ، މިއަދު ސޮއިކުރެވުނު އެއްބަސްވުމަކީ ދިވެހި ރެޑް ކްރެސެންޓަށް އަމިއްލަ އިމާރާތެއް ލިބުމުގެ ފުރަތަމަ އެއްބަސްވުން ކަމަށެވެ. އަދި އެ ޖަމިއްޔާއަށް ޚާއްސަ އަހަންމިއްޔަތު ކަމެއް ދީގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެ ބިން ހަމަޖައްސައިދެއްވި ކަމަށްޓަކައި އެޗްޑީސީއަށް ވެސް އަބްދުﷲ އަލީ ވަނީ ޝުކުރުއަދާ ކުރައްވައިފައެވެ.

ދިވެހި ރެޑްކްރެސެންޓުގެ ސެކްރެޓަރީ ޖެނެރަލް އަބްދުއްރައްޒާގު ވިދާޅުވީ، އެ އިމާރާތުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ.