16 Jan 2011, 10:40
ޓިޔުނީޝިއާގެ ލީޑަރުން އެ ބޭފުޅުންގެ ނަންފުޅު ލެޓިން އަކުރުން ލިޔުއްވަމުން ގެންދެވީ އެ ނަންފުޅުތަކަކީ ފަރަންސޭސި ބަހުގެ ނަންތަކެއް ކަމަށް ދޭހަކޮށްދޭފަދަ ގޮތަކަށް "ސްޕެލް" ކުރައްވައިގެންނެވެ. އެ ބޭފުޅުން ޓިޔުނީޝިއާގެ ނުވަ މިލިއަނަށް ވުރެ ގިނަ މުސްލިމުންނަށްވެސް ދަސްކޮށްދެއްވަމުން ގެންދެވީ އެ ގޮތެވެ. މުސްލިމް ޤައުމެއްގެ ބަނޑުން އުފަންވެވަޑައިގެންނެވީތީވެ، އެ ބޭފުޅުން ލަދުފުޅުގެންވަޑައިގަންނަވާ ކަހަލައެވެ. ޤައުމުގެ އެންމެ ފުރަތަމަ ރައީސް ޙަބީބް ބޫރްޤީބާގެ ސިޔާސަތުގެ މައިގަނޑު ބިނާވެފައި އޮތީ ޓިޔުނީޝިއާގެ އިސްލާމީ ޝަޚްސިއްޔަތު ފުނޑުފުނޑުކޮށްލެއްވުމުގެ މައްޗަށެވެ. ބޫރްޤީބާއަކީ ޔުނިވަރުސިޓީ އޮފް ޕެރިހުން ޤާނޫނާއި ޕޮލިޓިކަލް ސައެންސް ކިޔަވައިވިދާޅުވެގެން ހުންނެވި ބޭފުޅެކެވެ. ޓިޔުނީޝިއާއިން 'ޢަރަބިވަންތަކަމާއި' އަދި 'އިސްލާމީވަންތަކަން' ނެއްތައިލައްވައި، ފަރަންސޭސި އުޞޫލުތަކާއި ހުޅަނގުގެ ފިކުރުތައް އެ ޤައުމުގައި ފެތުރުއްވުމަށްޓަކައި އޭނާ ނުފުރޮޅުއްވާ ގާކޮޅެއް ނެތެވެ. އޭނާގެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޓިޔުނީޝިއާގައި އުފެދުނު ލާދީނީ، ޢިލްމާނީ ޖީލުގެ އެންމެ މުހިއްމު އެއް ބޭފުޅަކީ ޒައިނުލް ޢާބިދީން ބިން ޢަލީއެވެ. 23 އަހަރު ވަންދެން ޓިޔުނީޝިއާގައި އަނިޔާވެރި، ގޮށްމުށުބާރުގެ ޢަސްކަރީ ވެރިކަމެއް ކުރެއްވުމަށްފަހު އިއްޔެ ޤައުމު ދޫކުރައްވައި ފިލައިވަޑައިގެންނެވި ބިން ޢަލީއެވެ.
1881 ވަނަ އަހަރު ފަރަންސޭސި އިސްތިޢުމާރުގެ ދަށަށް ދިޔަ ޓިޔުނީޝިއާއަކީ އިސްލާމީ ދުނިޔޭގެ ސަރަޙައްދުތަކުގެ ތެރެއިން ހުޅަނގުގެ އިސްތިޢުމާރީ ފިކުރުތައް އެންމެ ވަރުގަދަޔަށް ފެތުރުނު އެއް ސަރަޙައްދެވެ. ފިކުރީގޮތުން ހުޅަނގަށް އެންމެ ބޮޑަށް އަޅުވެތިވި އެއް ޤައުމެވެ. 1957 ވަނަ އަހަރު ޤައުމަށް މިނިވަންކަން ލިބުމަށްފަހު، ޓިޔުނީޝިއާގެ ސަރުކާރުން އިސްލާމް ދީނާއި އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކާއި އަގުތަކަށް ގޮންޖެހުމުގެ ސިލްސިލާއެއް ފެށިއެވެ. އެއިރުއްސުރެ ޤައުމުގެ ޤާނޫނުތަކާއި ކޯޓުތައް ޢިލްމާނީ ބިންގަލެއްގެ މަތީގައި އެކުލަވައިލުމުގެ އިތުރުން، ޤައުމުގެ ތަޢުލީމީ ނިޒާމާއި މުޤައްރަރުވެސް ބައްޓަންކުރެވުނީ ފަރަންސޭސި މޮޑެލާ އެއްގޮތަށެވެ. އަންހެނުން ބޯ ނިވާކުރުން މަނާކުރުމާއި، ޙިޖާބު އަޅާ އަންހެނުން ހައްޔަރުކުރުމާއި، މިސްކިތްތަކުގައި ހިނގާ ދީނީ ޙަރަކާތްތައް ފިއްތުމަކީވެސް ސަރުކާރުން ކުރި ކަންތަކެވެ. މި ކަންތައްތައް ފެއްޓެވި ބޫރްޤީބާއާ ބެހޭގޮތުން އިނގިރޭސިވިލާތުގެ މަޝްހޫރު ޢިލްމުވެރިއެއް ކަމުގައި ވާ ޖޯން އެލް. އެސްޕޮޒީޓޯ ވިދާޅުވެފައި ވެއެވެ. "ބޫރްޤީބާގެ ނަޒަރުގައި އިސްލާމް ދީނަކީ ފާއިތުވެގޮސްފައިވާ މާޒީގެ ޞަފުޙާއެކެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ޓިޔުނީޝިއާގެ މުސްތަޤުބަލް އަލިކޮށް ފާގަތިކުރުމަށް އޮތް ހަމައެކަނި އުއްމީދަކީ ހުޅަނގުގެ ޙަޟާރަތާއި އުޞޫލުތަކާއި ފިކުރެވެ."
ވެރިކަމާ ހެދި ރައްޔިތުންގެ ކުރިމަތީގައި އާދޭސްކުރައްވައި، އެވަރުން ވެސް ރައްޔިތުންގެ ރުޅިވެރިކަމުގެ ރާޅުތަކަށް ހުއްޓުމެއް ނައުމުން ފިލައިވަޑައިގެންނެވި ޒައިނުލް ޢާބިދީން ބިން ޢަލީއަކީ ވެސް ބޫރްޤީބާގެ ލާދީނީ އަދި ޢިލްމާނީ ސިޔާސަތުތައް ދެމެހެއްޓެވި ބޭފުޅެކެވެ. ބިން ޢަލީ އަކީ ބޫރްޤީބާގެ ވެރިކަމުގައި އޭނާގެ ސަރުކާރުގެ އިސް މަޤާމުތަކެއް އަދާކުރެއްވި ބޭފުޅެކެވެ. ބޫރްޤީބާގެ ވާގިވެރިއެކެވެ. ނަމަވެސް ބޫރްޤީބާ ވެރިކަމުން ދުރުކުރެއްވީ ވެސް ބިން ޢަލީގެ މަސައްކަތާއެކުއެވެ. ބޫރްޤީބާއަކީ ޤައުމުގެ ރައީސްކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅެއްގެ ކިބައިގައި ހުންނަން ޖެހޭ ކަމަށް ޤައުމުގެ ޤާނޫނު އަސާސީގައި ބަޔާންކުރާ ޝަރުޠުތަކުގެ ތެރެއިން ބައެއް ޝަރުޠުތައް ފުރިހަމަނުވާ ބޭފުޅެއް ކަމަށް ކަނޑައަޅައި، ވެރިކަމުން އޭނާ ބާލައި ރައީސްކަމަށް ވަޑައިގެންނެވީ ބިން ޢަލީއެވެ. އެއީ 1987 ވަނަ އަހަރުއެވެ. ބިން ޢަލީގެ ރިޔާސަތުގެ އެންމެ ފުރަތަމަ ދުވަހުއްސުރެ އޭނާގެ ސިޔާސަތުގެ ވެސް އެއް ބިންގަލަކީ އިސްލާމް ދީނުގެ ނުފޫޒު ޓިޔުނީޝިއާގެ ސިޔާސީ، އަދި އިޖުތިމާޢީ ޙަޔާތުގެ ހުރިހާ މައިދާންތަކަކުން ނެއްތައިލުމެވެ. "އަހަންނަކީ ޙިޖާބާ ދެކޮޅަށް ހަނގުރާމަކުރާ މީހެއް" މިފަދަ ޢިބާރާތްތައް ވިދާޅުވެ، އޭނާ އިސްލާމް ދީނާ ދެކޮޅު ޝިޢާރުތައް ފައުޅުކުރައްވަމުން ގެންދެވިއެވެ.
ތިމާގެ ފައިގެ ބާރުގައ ބިންގަނޑު ފަޅައިލެވިދާނެކަމަށް، ނުވަތަ ފަރުބަދަތަކަށް ވުރެ މައްޗަށް ތިމާގެ އިސްކޮޅު އުފުލިގެން ހިނގައިދާނެކަމަށް ބައްލަވައިގެން އުޅުއްވި ބިން ޢަލީގެ ނިމުން އައީ ނިކަމެތިކަމުގެ އިންތިހާ ދަރަޖައިގައެވެ. ތޭވީސް އަހަރުގެ ދިގު މުއްދަތެއްގައި އޭނާ ޓިޔުނީޝިއާގައި ޢިލްމާނިއްޔަތުގެ ދިދަ އުފުއްލެވިއެވެ. އިސްލާމް ދީނުގެ ނިދާ އިއްވަން މަސައްކަތްކުރި ކޮންމެ މީހަކު ހައްޔަރުކުރައްވައި އެ މީހަކަށް ޖަލުގެ އަނދިރި ގޮޅިތަކާއި ވަޙުޝީ އަނިޔާވެރިކަމުގެ ރަހަ ދައްކަވަމުން ގެންދެވިއެވެ. އިސްލާމީ ޢަޤީދާއާއި ތަޢުލީމާއި ތަރުބިއްޔަތާއި އަޚްލާޤިއްޔާތު އެއް ފަރާތްކުރައްވައި، ހުޅަނގުގެ ވިސްނުމާއި ފިކުރު މުޅި ޤައުމުގައި ފެތުރުއްވެވިއެވެ. އިންސާނީ ޙައްޤުތައް ފުނޑުފުނޑުކުރައްވައި، ޚުދުމުޚުތާރުކަމުގެ އިންތިހާ ދަރަޖައަށް އޭނާގެ ބާރާއި ނުފޫޒު ގެންދެވިއެވެ. ނަމަވެސް ހުޅަނގުގެ އަޅަކަށް ވެގެން ހުންނަވައި އޭނާ ކުރެއވި ވެރިކަމުގެ ސަބަބުން ޓިޔުނީޝިއާއަށް ލިބުނު އެއްވެސް ކުރިއެރުމެއް ނެތެވެ. އިސްލާމް ދީނަށް ފުރައްސާރަކޮށްގެން ޤައުމަށް ލިބުނު އެއްވެސް ތަރައްޤީއެއް ނެތެވެ. އިޖުތިމާޢީ އަދި އަޚުލާޤީ ބަލިތައް ޢާއްމުވެ، ވަޒީފާ ނެތުމާއި އިންފްލޭޝަން ފަދަ އިޤުތިޞާދީ މައްސަލަތަކުގެ ސަބަބުން ޤައުމު މުޅީން ބަނގުރޫޓުވާ ހިސާބަށް ދިޔައެވެ.
ޙާލަތު މުޅީން ބަދަލުވެގެން ދިޔައީ މީގެ ދުވަސްކޮޅެއް ކުރީން ޓިޔުނީޝިއާގެ ޒުވާނަކު އަމިއްލަޔަށް މަރުވި ޙާދިސާއާ ހަމައިންނެވެ. މި ދިޔަ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އަމިއްލަޔަށް ގައިގައި ރޯކޮށްލައިގެން މަރުވި މުޙައްމަދުލް ބޫޢަޒީޒީއަކީ ޔުނިވަރުސިޓީން ތަޢުލީމު ޙާޞިލުކުރުމަށްފަހު، ވަޒީފާއެއް ނުލިބިގެން މަގުމަތީގައި ތަރުކާރީ ވިއްކަން އުޅުނު ޢުމުރުން 26 އަހަރުގެ ޒުވާނެކެވެ. އޭނާ އަމިއްލަ ނަފުސާއި ޢާއިލާއަށް ޚަރަދުކުރުމަށްޓަކައި ތަރުކާރީ ވިއްކައިގެން ލިބޭ ކުޑަކުޑަ ފައިސާކޮޅަކުން ކިރިޔަކިރިޔާ ފުއްދާލައިގެން އުޅެނިކޮށް، ފުލުހުން އޭނާގެ މަސައްކަތް ހުއްޓުވައި، ތަރުކާރީ ވިއްކަން އޭނާ ގެންގުޅުނު ސާމާނުތަކާއި، އޭނާ ވިއްކަން އިން ތަރުކާރީކޮޅު ހިފެހެއްޓިއެވެ. އެއީ އޭނާގެ އަތުގައި މަގުމަތީގައި ތަރުކާރީ ވިއްކުމުގެ ލައިސަންސް ނެތޭ ބުނެއެވެ. މި ޙާދިސާގެ ތެރޭގައި ފުލުހުން އޭނާއާ ދިމާކޮށް، އަނިޔާކޮށްފައި ވެސް ވެއެވެ. އެ ދުވަހުގެ ހަވީރު އޭނާ ސަރުކާރުގެ ކަމާ ބެހޭ އިދާރާގައި ޝަކުވާކުރިއެވެ. ނަމަވެސް އޭނާގެ ޝަކުވާއަށް އިދާރާތަކުން ދިނީ ބީރު ކަންފަތެކެވެ. އެއަށްފަހު ބޫޢަޒީޒީ އޭނާގެ ފޭސްބުކް ޞަފުޙާގައި ލިޔުނު މެސެޖެއްގެ ޒަރީޢާއިން އޭނާގެ މަންމަގެ ކިބައިން މަޢާފަށް އެދުމަށްފަހު އަމިއްލަ ގަޔަށް ތެޔޮ އަޅައި ރޯކޮށްލިއެވެ. އަލިފާނުގެ ސަބަބުން ލިބުނު ބޮޑެތި ޒަޚަމްތަކަށް ފަރުވާ ދެވެމުން ދަނިކޮށް އޭނާ މަރުވީ މި ހިނގާ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ.
ބޫޢަޒީޒީ އަމިއްލަ ގައިގައި ރޯކޮށްލި ޙާދިސާއާ ގުޅިގެން ޓިޔުނީޝިއާގެ އެކި ކަންކޮޅުތަކުގައި ރައީސް ބިން ޢަލީއާ ދެކޮޅު މުޒާހަރާތައް ޢާއްމުވެގެން ދިޔައެވެ. ބިން ޢަލީގެ ކަނު ސިފައިން ރައްޔިތުންނާ ދެކޮޅަށް ކަރުނަ ގޭސް، އަސޭ މިރުސް ގޭސް، ލަޓިބުރި، ދަނޑިބުރި، މުގުރު، ކަރަންޓު މުގުރު، ބަޑި ފަދަ އެންމެހައި ހަތިޔާރުތަކެއް އަތްމަތިކޮށްގެން ނިކުތުމުންވެސް މި ފަހަރަކު ރައްޔިތުން މައިތިރިއެއް ނުވިއެވެ. ބިން ޢަލީ އެންމެ ފުރަތަމަ ވިދާޅުވަމުން ގެންދެވީ ޤައުމު އޮތީ އޭނާގެ ފަހަތުގައި ކަމަށާއި، މުޒާހަރާތައް ކުރަމުން ގެންދިޔައީ ޓެރަރިސްޓުން ކަމުގައެވެ. މުޒާހަރާ ކުރި މީހުންތައް ޤައުމުގެ އެތައް ޝަހަރުތަކެކޭ އެއްފަދައިން، ވެރިރަށް ތޫނިސްގެ ބޮޑެތި މަގުތައް ފުރާލައި، އެންމެ ފަހުން ބިން ޢަލީގެ ގަނޑުވަރުގެ ކުރިމައްޗަށް ޖަމާވިއެވެ. ދެން ދެން ގަނޑުވަރު ވައްޓާލާނެޔޭ ހީވާ ހިސާބަށް ދިޔުމުން، ބިން ޢަލީ ކުރެއްވީ ވަރަށް ފިނޑި، ވަރަށް ދަށު ދަރަޖައިގެ ޢަމަލެކެވެ. ޓެލެވިޜަން މެދުވެރިކުރައްވައި އޭނާ ޤައުމުގެ ރައްޔިތުންނާ މުޚާޠަބުކުރެއްވިއެވެ. ތިމަންނާޔަށް ކަންތައްތައް ކުރެއްވިފައި ވަނީ ރަނގަޅަކަށް ނޫނޭ، ރައްޔިތުންގެ އަޑު އެހިފައެއް ނެތޭ، ގޯސްކޮށް ވަރަށް ގިނަ ކަންތައްތަކެއް ކުރެވިފައިވެޔޭ، އެ ކަންތައްތައް ރަނގަޅުކޮށްދޭނަމޭ، 2014 ވަނަ އަހަރާ ހަމަޔަށް ވެރިކަމުގައި ބަހައްޓައިދޭށޭ، އެއަށްފަހު ވެރިކަން ދޫކޮށްލާނަމޭ، މިނިވަންކަން ދޭނަމޭ، މަނާކުރެވިފައިވާ އިންޓަރނެޓް ސައިޓްތަކަށް ވަދެވޭގޮތް ހަދައިދޭނަމޭ، މިފަދަ ވާހަކަތައް ދައްކަވައިގެން ރައްޔިތުން ހައްދާލައްވައި، އިތުރު ދުވަސްތަކަކު ވެރިކަމުގައި ހުންނެވޭތޯ މަސައްކަތް ކުރެއްވިއެވެ. ނަމަވެސް ބިން ޢަލީގެ ފިނޑި އާދޭސްތަކަކުން ރައްޔިތުންނަށް އަސަރެއް ނުކުރިއެވެ. އޭނާގެ ގަނޑުވަރު ދޮށަށް އެއްވެ ތިބި އެތައް ހާސް ބަޔަކު، ރުޅިން ފުރިފައިވާ ކުޅަނދުރުތަކެއް ފަދައިން އުތުރި އަރައި، ގޮވައި ނަގަމުން ގެންދިޔައީ ބިން ޢަލީ އިސްތިޢުފާ ދެއްވުމަށެވެ. އެންމެ ފަހުން މަޖުބޫރުވެވަޑައިގަތުމުން ބިން ޢަލީ އޭނާގެ ޢާއިލާ ގޮވައިގެން ފިލައިވަޑައިގެންނެވީއެވެ.
ޓިޔުނީޝިއާގެ މަސްރަޙުގައި ތަމްސީލުވެގެން ދިޔަ ޢިބުރަތްތެރި ޙާދިސާތަކާއެކު ހާމަވެގެން ދިޔަ އެންމެ މުހިއްމު ކަމަކީ އިސްލާމް ދީނަށް ގޮންޖަހައި، ޢިލްމާނިއްޔަތުގެ ނުބައި ދިދަތައް އުފުލައި، ހުޅަނގަށް އަޅުވެތިވެގެން އުޅޭ އިސްލާމީ ޤައުމުތަކަށް އެ މަގުން ހިނގައިގެން ލިބޭ މޮޅެއް ނެތް ކަމެވެ. ޒަމާނީ ތަރައްޤީއާއި "މޮޑަރނައިޒޭޝަން" ގެ މަޤުޞަދަށްޓަކައި އިސްލާމް ދީނަށް ފުރަގަސްދީ، ޣައްދާރުވުމުގެ އެއްވެސް ހެޔޮ ނަތީޖާއެއް ނެތްކަމެވެ. ތުރުކީއަށް ޖެހުނު ޙާލަށް ވުރެ ވެސް ނުބައި ޙާލެއް ޓިޔުނީޝިއާއަށް ޖެހުނީއެވެ. މި ޙާދިސާތަކުގެ ސަބަބުން ހާމަވެގެން ދިޔަ އަނެއް ކަމަކީ އިސްލާމީ ދުނިޔެ ހުޅަނގުގެ ފިކުރިއްޔާތާއި ޢިލްމާނިއްޔަތުގެ ތެރެއަށް ވައްޓައިލަން އުޅޭ "މުސްލިމު" ލީޑަރުންގެ ހުތުރު ޙަޤީޤަތެވެ. އެއީ ކިހައި ދަށު ދަރަޖައަކަށް ވެއްޓިފައި ތިބޭ ބައެއް ކަމެވެ. އަދި އެފަދަ މީހުންނަށް ވެރިކަމުގެ ބާރުތައް ދިނުމުން ޤައުމަށް ލިބޭ ނިކަމެތިކަމެވެ. ހަމައެއާއެކު ހާމަވެގެން ދާ އަނެއް ކަމަކީ ހުޅަނގުގެ ދައުލަތްތަކުގެ މުނާފިޤުކަމެވެ.
ބިން ޢަލީގެ ވެރިކަމުގައި އޭނާ ވަނީ ސިޔާސީގޮތުން އޭނާއާ ދެކޮޅު މީހުންނާއި، ދީނީ ޢިލްމުވެރީންނާއި، އެ ނޫން ވެސް އޭނާގެ ސިޔާސަތުތަކަށް ބިރެއް ކަމަށް އޭނާއަށް ފެނިވަޑައިގެންނެވި ކޮންމެ މީހެއްގެ ދުނިޔެ ޖަލުގެ އަނދިރި ގޮޅިއެއްގެ ތެރެއަށް ކުޑަކުރައްވައިފައެވެ. ޓިޔުނީޝިއާއަކީ އިންސާނީ ޙައްޤުތަކުގެ ރެކޯޑް ހުތުރު ޤައުމެކެވެ. އިޤުތިޞާދީ ގޮތުން ޤައުމު އޮތް ޙާލަތު އެހައި ގޯހެވެ. އޭގެ އެއް މިސާލަކީ ދިރިއުޅުމާމެދު މާޔޫސްވެ، އަމިއްލަޔަށް މަރުވި ޒުވާން ބޫޢަޒީޒީއެވެ. މިފަދަ ގޮތަކަށް ކަންތައްތައް ހުރި އިރު ވެސް، އެމެރިކާއާއި ފަރަންސޭސި ވިލާތާއި ޔޫރަޕުގެ ޤައުމުތަކުން ބިން ޢަލީއަށް މަދަދުވެރިވެ ތާއީދުކުރަމުން ގެންދިޔައެވެ. ހުޅަނގުގެ ވެރީން ބިން ޢަލީގެ ބުރަކަށީގައި ފިރުމައިދިން އެންމެ މުހިއްމު ސަބަބަކީ އޭނާ އިސްލާމް ދީނާ ދެކޮޅަށް، ޓިޔުނީޝިއާގައި ހުޅަނގުގެ ފިކުރާއި ސަގާފަތް ފަތުރަން ކުރެއްވި މަސައްކަތެވެ. އަނެއް ކަމަކީ ޓެރަރިޒަމާ ދެކޮޅު ހަނގުރާމައޭ ކިޔައިގެން އެމެރިކާއާއި އެ ޤައުމުގެ އެކުވެރީން ގަންނަ ސަކަރާތަށް ބިން ޢަލީ ކުރެއްވި ތާއީދެވެ. އަނެއް ސަބަބަކީ އިޤްތިޞާދީ ގޮތުން ހުޅަނގާ އެކު ބިން ޢަލީގެ ސަރުކާރު ބޭއްވި ގާތް ގުޅުމެވެ. ޓިޔުނީޝިއާގެ ފޮރިން އިންވެސްޓްމަންޓުގެ ދާއިރާއަކީ ގާތްގަނޑަކަށް ފަރަންސޭސީންގެ އަމިއްލަ ވިޔަފާރިއެކެވެ. ޤައުމުގެ ބައިނަލްއަޤުވާމީ ވިޔަފާރީގެ 80 ޕަސެންޓް ކުރެވެމުން އައީ ޔޫރަޕުގެ ޤައުމުތަކާއެކުއެވެ. އެހެންކަމުން ހުޅަނގަށް ބިން ޢަލީ ވަރެއް ނެތެވެ. 1999 ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބުގައި ވޯޓުގެ ނަތީޖާ އޮޅުވައިލައްވަން ބިން ޢަލީ ކުރެއްވި މަސައްކަތްތަކަކީ ޑިމޮކްރަޓިކް އިންތިޚާބުތަކުގެ ތާރީޚުގައި ވެސް މަދުން ނޫނީ ނުފެންނަ ފަދަ މިސާލެކެވެ. އަލްޖަޒީރާގެ ރިޕޯޓަރެއް ކަމުގައިވާ ހާޝިމް އަހެލްބައްރާ ފަދަ އެތައް މުޙައްލިލުންނާއި، މިނިވަން ޖަމްޢިއްޔާތަކުން ސިފަކުރިގޮތުގައި އެ އިންތިޚާބަކީ ވޯޓު އޮޅުވައިލުމުގެ "ކްލެސިކް އެގްޒާމްޕަލް" އެކެވެ. ނަމަވެސް ހުޅަނގުގެ ޤައުމުތަކަށް އެ ތަނެއް ނުފެނުނެވެ. 2004 ވަނަ އަހަރު ބިން ޢަލީ އެމެރިކާއަށް ވަޑައިގަތުމުން އެއިރުގެ ރައީސް ޖޯރޖް ޑަބްލިޔު. ބުޝް ވަނީ 1999 ގެ އިންތިޚާބަކީ " މިނިވަން، އިންސާފުވެރި" އިންތިޚާބެއް ކަމަށް ވިދާޅުވެ ބިން ޢަލީއަށް ތަޢުރީފުކުރައްވައިފައެވެ. ހަމަ އެފަދައިން، އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ އެތައް ސަތޭކަ ޖަރީމާއެއް ހިންގެވި ބިން ޢަލީއަކީ އިންސާނީ ޙައްޤުތަކުގެ ޗެމްޕިއަނެއް ކަމަށް 2008 ވަނަ އަހަރު ފަރަންސޭސި ވިލާތުގެ ރައީސް ނިކޮލަސް ސާރކޯޒީ ވިދާޅުވިއެވެ. އީރާން ފަދަ ޤައުމުތަކުގައި ފަސްދޮޅަހަކަށް މީހުން މަގުމައްޗަށް ނިކުތަސް، މުޅި ޤައުމު ސަރުކާރާ ދެކޮޅު ވެއްޖެޔޭ ކިޔައިގެން ހަޅޭއްލަވާ ހުޅަނގުގެ ލީޑަރުން، މި ފަހަރު މުޅި ޓިޔުނީޝިއާ ބިން ޢަލީއާ ދެކޮޅަށް ތެދުވުމުން ޗުއްޕުވެސް ނުބުނެއެވެ. ވާނުވާ ބަލަން ރާދޯރުތަކުގެ ކައިރީގައި، ދަތްދޮޅީގައި އަތް އުނގުޅާލަ އުނގުޅާލައި ތިބީއެވެ.
ވެރިކަން ދޫކޮށްލެއްވުމަށްފަހު ބިން ޢަލީ އެންމެ ފުރަތަމަ މިޞްރާބު ޖެއްސެވީ އޭނާގެ ސާހިބުންނާއި އިމާމުންގެ ތެރެއަށެވެ. އެ މީހުންގެ ޙިމާޔަތުގެ އުނގުން ޖާގަ ހޯއްދަވާށެވެ. އޭނާ ދަތުރުފުޅު ކުރެއްވީ ފަރަންސޭސިވިލާތުގެ ޕެރިހަށެވެ. ނަމަވެސް ގޮނޑި ގެއްލުމުން ހުޅަނގުގެ ސާހިބުންގެ އަރިއަހުގައި ވެސް ބިން ޢަލީގެ އަގު ނެތިގެން ދިޔައީއެވެ. ބިން ޢަލީ ވެރިކަމުގައި ހުންނެވި އިރު އޭނާއަށް ތަޢުރީފު އޮއްސަމުން ގެންދިޔަ ހުޅަނގުގެ ސާހިބުން، ވެރިކަން ގެއްލުމުން އޭނާއަކީ ދަންނަ މީހަކަށް ވެސް ނުހެދިއެވެ. ބިން ޢަލީގެ ޖެޓް ފަރަންސޭސި ވިލާތަށް ވަނުމުގެ ހުއްދަ ދެއްވަން އެ ޤައުމުގެ ރައީސް ނިކޮލަސް ސާރކޯޒީ އިންކާރުކުރެއްވިއެވެ. އެހެންކަމުން، އާޚިރުގައި ބިން ޢަލީ ޙިމާޔަތް ހޯއްދެވީ ސަޢޫދީ ޢަރަބިއްޔާއިންނެވެ. މާތްރަސްކަލާނގެ ރަސްކަންފުޅަށް ގޮންޖައްސަވައިފައި، ކިތަންމެ ބާރަށް ގުންފައި ޖައްސަވަމުން ހިންގެވިޔަސް ތިމާޔަށް ބިންގަނޑު ފަޅައެއްނުލެވޭނެކަން، އަދި ފަރުބަދަތަކަށްވުރެ އުހަށް އިސްކޮޅު ދަމައެއްނުލެވޭނެކަން މިހާރު ބިން ޢަލީއަށް އިޙުސާސްކުރެއްވޭނެ ތޯއްޗެކެވެ. އުފެދޭ ސުވާލަކީ އަޅުގަނޑުމެންގެ "ބިން ޢަލީން" ނަށް މިކަން އިޙުސާސްކުރެވޭނީ ކޮން ގޮތަކަށް، ކޮން އިރަކު ބާވައޭ މި ސުވާލެވެ.