16 Aug 2014, 12:23
ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ދައުލަތުގެ މުދަލާއި ފައިސާއަށް ބޮޑެތި ޚިޔާނާތްތަކެއް ވެފައިވާކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްސަލަ ތަހުގީގު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކުލަވާލެއްވި ރިޔާސީ ކޮމިޝަނުން ވެސް ގަވާއިދާ ޚިލާފު ކަންތައްތަކެއް ކޮށްފައިވާކަން ހާމަވެއްޖެއެވެ.
އޮޑިޓާ ޖެނެރަލް ނެރުއްވާފައިވާ ރިޔާސީ ކޮމިޝަންގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ ރިޔާސީ ކޮމިޝަން ހިންގާފައި ވަނީ ރައީސް އޮފީހުގެ ދަށުން ކަމުގައިވީނަމަވެސް އެ ކޮމިޝަނުގެ ބޭނުންތަކަށް ދައުލަތުގެ އެކިއެކި އިދާރާތަކުން ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި އެގޮތަށް ކޮށްފައިވާ ޚަރަދު ތަކާއި ލިޔެކިޔުންތައް އެއްވެސް އިދާރާއަކުން ބަލަހައްޓާފައިނުވާކަމަށް ވެސް އެރިޕޯޓްގައި ބުނެފައިވެއެވެ.
އެރިޕޯޓްގައި ބުނެފައި ވަނީ ޚިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރުމުގައި އެހީތެރިވެދިނުމަށް އޮޑިޓާ ޖެނެރަލް އޮފީހާއި އިނގިރޭސިވިލާތުގެ އޮޑިޓް ފާމެއް ކަމަށްވާ ގުރާންޓް ތޯންޓަން އާއެކު އެއްބަވުމެއްގައި ސޮއިކޮށްފައިވާއިރު، އެކަން ކޮށްފައިވަނީ ކުރީގެ އޮޑިޓާ ޖެނެރަލް އިބްރާހިމް ނައީމާއި ކުރީގެ އެޓާނީޖެނެރަލް ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމުގެ އެއްވެސް މައުލޫމާތެއް އެއްވެސް އޮފީހެއްގައި ރަސްމީކޮށް ފެންނަން ނެތް ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެއެވެ.
ރިޔާސީ ކޮމިޝަންގެ ތަހުގީގުތަކާއި އިދާރީ ޚަރަދުގެ ގޮތުގައި 102.19 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށާއި އެއީ އެ ކޮމިޝަންގެ ތަހުގީގުތަކަށް ޚަރަދުކުރި 36.02 މިލިއަން ރުފިޔާއާއި ގުރާންޓް ތޯންޓަންގެ އެއްބަސްވުން އުވާލުމުން އެފާމަށް ބަދަލު ދިނުމަށް ޚަރަދުކުރެވުނު 66.17 މިލިއަން ރުފިޔާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެއެވެ.
ހަމައެއާއެކު ގުރާންޓް ތޯންޓަންއާއެކު ވެފައިވާ އެއްބަސްވުމުގަިއ ހިމަނާފައިވާ ބައެއް މާއްދާތަކަށް ބަދަލު ގެނައުމުގެ ސަބަބުން ދައުލަތުން 20.3 މިލިއަން ރުފިޔާ އިތުރަށް އެ ފާމަށް ދައްކަންޖެހިފައިވާކަމަށް އެރިޕޯޓްގައި ބުނެފައިވެއެވެ.
އެރިޕޯޓްގައި ބުނެފައި ވަނީ ގުރާންޓް ތޯންޓަންއާއެކު ވެފައިވާ އެއްބަސްވުން އުވާލުމާ ގުޅިގެން އެ ފާމުން ކުރަމުންދިޔަ މަސައްކަތްތަކަށް އެހީތެރިވުމަށް ހަމަޖައްސާފައިވާ ފަރާތްތަކުން ކުރި މަސައްކަތުގެ އަގާއި ނުދައްކާހުރި ބިލްތަކާއެކު 4.62 މިލިއަން ސްޓަލިން ޕައުންޑު ދައްކާފައިވާ ކަމަށެވެ. ގުރާންޓް ތޯންޓަން އިން ކުރަމުންދިޔަ މަސައްކަތަށް އެހީތެރިވި ރާޖާ އެންޑް ޓާން އަށް ދައްކަންޖެހޭ 358،142 ސިންގަޕޫރު ޑޮލަރު ހޯދުމަށް އެ ފާމުން ހުށަހެޅިނަމަވެސް ގްރާންޓް ތޯންޓަނާ ދެމެދު ބޭއްވުނު ބައްދަލުވުމަކަށްފަހު އެ އަދަދު 64.61 މިލިއަން ރުފިޔާއަށް ކުޑަކޮށް އެފައިސާ ދައްކާފައިވާ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެއެވެ.
ދައުލަތަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މީހުންގެ މައްސަލަ ބެލުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ތަހުގީގަށް މައުލޫމާތު ހޯދުމަށް ރާއްޖެ އިން ބޭރުގެ ދެ ކުންފުންޏަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2010 ވަނަ އަހަރު 21.9 މިލިއަން ރުފިޔާ ޚަރަދުކޮށް، އޭގެ އެއްވެސް ތަފުސީލެއް އެނގެން ނެތް ކަމަށް މިދިޔަ އަހަރު އޯޑިޓް އޮފީހުން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވެއެވެ.