16 Aug 2014, 11:44
ޕޮއިންޓް އޮފް ސޭލްސް (ޕީއޯއެސް) މެޝިންތަކެއް ހެކްކޮށް، ކްރެޑިޓް ކާޑްތަކެއްގެ ޕާސް ވޯޑް ހޯދިކަމުގެ ތުހުމަތުގައި އެމެރިކާގެ ސީކްރެޓް ސާވިސް އެޖެންޓުން ރާއްޖޭން ހައްޔަރު ކުރި ރަޝިޔާގެ ރޯމަން ވަލެރިވިޗް ސްލެޒްނޯވް ރާއްޖޭގައި ހުރި އިރު ވެސް ކުށުގެ އަމަލުތައް ހިންގަމުން ދިޔަ ކަމަށް އެމެރިކާގެ ދައުލަތުގެ ވަކީލަކު ވިދާޅުވެއްޖެ އެވެ.
އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުނީ އެމެރިކާގެ ވޮޝިންޓަން ސްޓޭޓްގެ ސީޓްލްގެ ޑިސްޓްރިކްޓް ކޯޓަށް އިއްޔެ ސްލެޒްނޯވް ހާޒިރުކުރި ކަމަށެވެ. އަދި އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އިއްޔެ އެކޯޓުން އަމުރުކުރި ކަމަށް ވެސް ބުންޏެވެ.
ސްލެޒްނޯވް ބަންދުގައި ބެހެއްޓުމަށް ވަކާލާތު ކުރައްވަމުން އެމެރިކާގެ އެސިސްޓެންޓް ސްޓޭޓް އެޓާނީ ނޯމަން ބަރްބޯސާ ވިދާޅުވި ކަމަށް އޭޕީ ރާއްޖޭގައި އޭނާ ހައްޔަރުކުރުމަށް ފަހު އޭނާ އަތުން އަތުލި ލެޕްޓޮޕްގައި ބައެއް 2.1 މިލިޔަން ކްރެޑިޓް ކާޑް ނަމްބަރުތައް ހުރި ކަމަށެވެ. އަދި އޭނާގެ ކުށުގެ އަމަލުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ އާމްދަނީ އެގޮތުން 17 މިލިޔަން ޑޮލަރަށް ވުރެ މަތިވެފައިވާ ކަމަށް ވެސް ބަރްބޯސާ ވިދާޅުވެފައިވެ އެވެ.
" ... އެ ފައިސާ ހުރީ އެމެރިކާގެ ގާނޫނު ހިންގާ ފަރާތްތަކުގެ ބާރު ނުހިނގާ ހިސާބުގައި. އެހެންވީމާ އެފައިސާ ހުރީ އެއްވެސް ހުރަހެއް ނެތި ދައުވާ ލިބޭ މީހާ (ސްލެޒްނޯވް) އަށް ބޭނުންކުރެވޭ ގޮތަށް. އެހެންވީމާ އޭނާ ފިލަން އުޅެފާނެ،" ސްލެޒްނޯވް ބަންދުގައި ބަހައްޓަން ޖެހޭ ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ބަރްބޯސާ ވިދާޅުވެފައިވެ އެވެ.
އޭނާ އަދި ވިދާޅުވެފައި ވަނީ އެމެރިކާއިން ސްލެޒްނޯވްގެ މައްޗަށް ދައުވާ އުފުލާފައި ވާތީ އޭނާ ދަތުރުކުރަމުން ދިޔައީ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް އެމެރިކާ އާއި އެކު ގާއިމްކޮށްފައިނުވާ ގައުމުތަކަށް ކަމަށެވެ. ނަމަވެސް އެފަދަ އެގްރިމެންޓެއް ނެތިވެސް އޭނާ ހައްޔަރުކުރުމަށް ރާއްޖޭން އެހީތެރިވެދިން ކަމަށެވެ.
ރަޝިޔާގެ ޕާލަމެންޓް މެމްބަރެއް ކަމަށްވާ ވަލެރިވިޗް ސްލެޒްނޯވްގެ ދަރިއެއް ކަމަށްވާ ރޯމަން ވަލެރިވިޗް ސްލެޒްނޯވް މިދިޔަ ޖުލައި މަހުގެ ފަސް ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށް އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ އިން މިމަހުގެ ހަތް ވަނަ ދުވަހު ބުންޏެވެ. ނަމަވެސް އޭނާ ހައްޔަރުކުރީ ކޮންތަނެއްގައި ކަމެއް އެބަޔާނުގައި ނުބުނެ އެވެ. އޭގެ ފަހުން މި މަހުގެ އަށް ވަނަ ދުވަހު ނެރުނު ބަޔާނުގައި ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ ހަވަނަ ދުވަހު ގުއާމްގައި ކަމަށެވެ.
ނަމަވެސް ސްލެޒްނޯވްގެ އަންހެނުންނާއި އޭނާގެ ވަކީލު ބުނެފައި ވަނީ އެމެރިކާގެ ސީކްރެޓް ސާވިސް އެޖެންޓުން އޭނާ ހައްޔަރުކުރީ ރާއްޖޭގައި ކަމަށެވެ. އަދި އެމެރިކާ އިން ޗާޓަރްކުރި ޖެޓެއްގައި އޭނާ ގުއާމަށް ގެންދިޔައީ ކަމަށެވެ.
ރަޝިއާ އިން ވަނީ ރާއްޖެ ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އެކަމާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވަނީ ސްރީލަންކާގައި ހުންނަ ރަޝިޔާ އެމްބަސީ އަށް ވަޑައިގެން މައުލޫމާތު ދެއްވައިފަ އެވެ.