ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރުމުގައި 16 އަހަރުގެ ބޮޑު ޗުއްޓީއެއް ހޭދަކޮށްލުމަށް ފަހު ދެމަފިރިއަކު އެނބުރި ގައުމަށް އަތުވެއްޖެއެވެ.

ނިއުޒިލެންޑުގައި ދެމަފިރިން ހޭދަކުރި ދުވަސްތަކުގައި ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ: ޑެއިލީ މެއިލް

ކަނޑުމަގުން ދަތުރުކުރުމަށް ލޯބިކުރާ ދެމަފިރިން ކަމަށްވާ 62 އަހަރުގެ ކްލައިވް ގްރީން އާއި އޭނާގެ 60 އަހަރުގެ އަންހެނުން ޖޭން ގްރީން ދަތުރަށް ފުރާފައިވާނީ 1998 ވަނަ އަހަރުގެ ޖުލައި މަހުގައި ކަމަށާއި އެދަމަފިރިން ވަނީ ޖުމްލަ 51 ގައުމަކަށް ޒިޔާރަތްކޮށްފައި ކަމަށް އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ޑެއިލީމެއިލް އިން ބުންޏެވެ.

ޑެއިލީ މެއިލް އިން ބުނިގޮތުގައި ތިރީސް ފަސް ފޫޓުގެ ބޮޑު ޔޮޓެއްގައި ކަނޑުމަގުން ދަތުރުކުރުމަށް ތައްޔާރުވުމުގެ ގޮތުން އެދެމަފިރިން ވަނީ އަވަސް ރިޓަޔަމަންޓެއް ނަގައި ވަޒީފާއިން ވަކިވެ ދިރިއުޅެމުން އައި ގެވެސް ކުއްޔަށް ދޫކޮށްލާފަ އެވެ.
އެދެމަފިރިން ސޯޅަ އަހަރު ކަނޑުމަގުން ދަތުރުކުރުމަށް ބޭނުންކުރި 35 ފޫޓުގެ ޔޮޓުގެ އެތެރެ --- ފޮޓޯ: ޑެއިލީ މެއިލް

އިނގިރޭސިވިލާތުގެ ސިޓީއެއް ކަމަށްވާ ވެސްޓް ވޭލްސްއަށް ނިސްބަތްވާ އެދެމަފިރިން އެންމެ ފުރަތަމަ ރާވާފައިވަނީ ހަމައެކަނި ދެގައުމަކަށް ދަތުރުކުރުމަށެވެ. ނަމަވެސް ދަތުރުކުރަން ފަށައި އެކަމަށް ހިތްޖެހުމުގެ ސަބަބުން އެ ދެމަފިރިންވެސް އެއްބަސްވީ އެހިސާބުން ދަތުރު ހުއްޓާނުލައި ކުރިއަށް ގެންދިޔުމަށެވެ.

ޖޭން ގްރީން ޑެއިލީ މެއިލްއަށް ބުނީ އެ ދަމިފިރިން ދަތުރުކުރި އިރު އުޅުނީ ވަރަށް ޚަރަދަށް ބަލައިގެން ކަމަށެވެ. އަދި ކޮންމެ ހަފްތާއަކަށް 130 ޔޫރޯގެ ބަޖެޓެއް ހަދާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ. ބައެއްފަހަރު އަތްމަތީގައި ގެންގުޅޭ ސާމާނު، ހެދުން ފަދަ ތަކެތި ވިއްކައިގެން ވެސް އެދަމިރިން ކައިބޮއިހަދާ ކަމަށްވެއެވެ.
ޖޭން ގްރީން މިސްރުގައި ޖަމަލެއް މަތީ އިށީންދެގެން -- ފޮޓޯ: ޑެއިލީ މެއިލް

އެ ދަމަފިރިން ވަނީ އެއްވެސް އެހެން ފަރާތެއްގެ އެހީއަކާއި ނުލައި އެޓްލާންޓިކާއި ޕެސިފިކް ފަދަ ބޮޑެތި ކަނޑު ހުރަސްކޮށް އެކި އެކި ގައުމުތަކަށް ދަތުރުކޮށްފައެވެ. އެ ގައުމުތަކުގެ ތެރޭގައި ސްޕެއިން އާއި ޕޯޗުގަލް އާއި އަޔަލެންޑް އާއި ބާބޭޑޯސް އާއި ބަހާމާސް އާއި ޕެނާމާ އާއި ނިއުޒިލެންޑް އާއި ފީޖީ އާއި އޮސްޓްރޭލިއާ އާއި ސިންގަޕޯރް އާއި މެލޭޝިޔާ އާއި ތައިލެންޑް އާއި އިންޑިއާ އާއި އޯމާން އާއި ޔަމަން އާއި މިސްރާއި ތުރުކީ ވިލާތުގެ އިތުރުން ގްރީސް އާއި އިޓަލީވެސް ހިމެނެއެވެ.