16 Aug 2014, 10:55
މިނިވަން ނޫހުގެ ޖާނަލިސްޓް އަހުމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލަ ތަހުގީގުކުރުމަށް ސަރުކާރުން ސަމާލުކަމެއްދޭ ތަނެއް ނުފެންނަ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.
ރިލުވާން ގެއްލުނު މައްސަލައިގާ ކަންބޮޑުވުން ފާޅުކޮށް އެމްޑީޕީން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ރިލްވާން ގެއްލުނު ފަހުން އެއް ހަފުތާ ފާއިތުވެ ގޮސްފައިވާ އިރު، އޭނާ ހޯދުމުގެ މަސައްކަތަށް ސަރުކާރުން ސަމާލުކަމެއްދޭ ތަން ނުފެންނަ ކަމަށެވެ. އަދި އެކަމާ ކަންބޮޑުވެ، އެ މައްސަލާގައި ހަރުއަޑުން ސަރުކާރު ކުށްވެރިކުރާ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.
"އަހުމަދު ރިޟުވާން އަބްދުﷲ ގެއްލިގެން ރިޕޯޓްކުރެވުނު ފަހުން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އޭނާ ހޯދުމުގެ މަސައްކަތް ކުރިޔަށްދާ މިންވަރާއި ތަހުގީގު ކުރިއެރުން ލިބެމުންދާ މިންވަރުގެ މައުލޫމާތު، ސަރުކާރުން ރައްޔިތުންނާ ހިއްސާކުރައްވަމުން ނުގެންދަވާތީ މިކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ކިބާގައި އޮތްކަން ފާހަގަކުރަމެވެ.،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ރިލުވާން ގެއްލިފައި ވަނީ ނޫސްވެރިންނަށާއި އޭނާއަށް ވެސް ވަރަށް ފާޅުކަން ބޮޑުގޮތެއްގައި މަރުގެ އިންޒާރުތައް ދެމުން ދަނިކޮށްކަމަށް ފާހަގަކޮށް އެ ބަޔާނުގައި ބުނެފައި ވަނީ، ޒުވާނުން ރަހީނުކޮށްގެން ވަކިތަނަކަށް ގެންގޮސް މަރުގެ އިންޒާރުދީ ބިރުދައްކަމުން ދިޔަ ނަމަވެސް އެކަމާ ގުޅިގެން ވެސް ސަރުކާރުން އެޅުއްވި ފިޔަވަޅެއް ފެންނަން ނެތްކަމަށެވެ.
އެގޮތުން، ރިލުވާން ހޯދުމުގެ މަސައްކަތަށް ނުވަތަ އެ މައްސަލަ ތަހުގީގުކުރުމަށް ސަރުކާރުން މިހާރަށްވުރެ ބޮޑަށް ސަމާލުކަމެއްދީގެން މަސައްކަތްކުރުމަށް އެ ބަޔާނުގައި ވަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާފަ އެވެ.
ރިލްވާން ހޯދުން އަވަސް ކުރުމަށް އެމްޑީޕީން ގޮވާލާފައިވާ އިރު، އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ވަނީ އޭނާ ގެއްލުނު ދުވަހުން ފެށިގެން ފުރިހަމަ ތަހުގީގެއްކޮށް އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި އެ ހޯދުން އާންމުންނާ ހިއްސާ ކުރުމަށް ކަމާ ބެހޭ އޮތޯރިޓީތަކަށް ގޮވާލާފަ އެވެ.
ރިލްވާން ގެއްލުނު މައްސަލައާ ގުޅިގެން ފުލުހުން ބުނެފައި ވަނީ، އޭނާ ގެއްލިގެން އާއިލާގެ ފަރާތުން މި މަހުގެ 13 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ފެނިފައި ވަނީ މިމަހުގެ ހަތް ވަނަ ދުވަހުގެ ރޭ 2 ޖަހާ އެހާކަންހާއިރު ފެރީން ހުޅުމާލެ އަށް ފައިބަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.