16 Aug 2014, 09:40
މޮސްކޯ (އޮގަސްޓް 16) : ޔޫރަޕާ އެކު ރަޝިޔާ ސޮއިކޮށްފައިވާ ގިނަ މުއާހަދާތަކަކީ ރަޝިޔާ އަށް އެއްވެސް ވަރަކަށް ފައިދާވާ މުޢަހަދާތަކެއް ނޫންކަމަށާއި އެހެންކަމުން އެ މުއާހަދާތަކުން ރަޝިޔާ ވަކިވާނެ ކަމަށް ރައީސް ވްލަޑިމޭރު ޕޫޓިން ވިދާޅުވެއްޖެ އެވެ.
ރަޝިޔާ އިން ވަކިވާ މުއާހަދާތަކުގެ ތެރޭގައި އިންސާނީ ހައްގުތަކާ ބެހޭ ޔޫރަޕްގެ ކޯޓުގެ މުއާހަދާ ހިމެނޭ ކަމަށް އެވެ. މި ކޯޓަކީ ސިޔާސީ ކަންކަމުގައި ބޭނުންކުރާ ކޯޓެއް ކަމަށާއި އެއީ އެއްވެސް ވަރަކަށް އިންސާނީ ހައްގުތައް ހިމާޔަތްކޮށްދޭ ކޯޓެއް ނޫން ކަމަށް ޕޫޓިން ވިދާޅުވި އެވެ. އަނެއްކޮޅުން ރަޝިޔާއާ ދާދި ފަހުން ގުޅުނު ކްރައިމިޔާ ސަރަހައްދުގައި ހަރަކާތްތެރިވާނެ ރަޝިޔާ ސިފައިންގެ ޚާއްސަ ބާރެއް އެކުލަވާލެއްވިކަން ވެސް ރައީސް ވްލަޑިމޭރު ޕޫޓިން އިއްޔެ ވަނީ އިޢްލާން ކުރައްވާފަ އެވެ.
ޕޫޓިން ވިދާޅުވީ ކްރައިމިޔާ އަށް ޚާއްސަ ޢަސްކަރީ ބާރެއް އެކުލަވާލުމުގެ ރިޔާސީ އަމުރެއްގައި އޭނާ ސޮއިކުރައްވާފައިވާނެ ކަމުގަ އެވެ. މިއަމުރާ އެއްގޮތަށް ރަޝިޔާ ސިފައިންގެ ޚާއްސަ ބާރެއް އެކުލަވާލައި އެބާރު ކްރައިމިޔާ ސަރަހައްދުގައި މަރުކަޒު ކުރެވިގެންދާނެ ކަމަށް ޕޫޓިން ވިދާޅުވި އެވެ. ކުރިން ޔުކްރޭންގެ ސަރަހައްދެއްގެ ގޮތުގައި އޮތް ކްރައިމިޔާ ވަނީ މިއަހަރުގެ ކުރީކޮޅު ޔުކްރޭނުން ވަކިވެ އިއްތިޙާދީ މުއާހަދާއެއްގެ ދަށުން ރަޝިޔާގެ އިއްތިޙާދީ ދައުލަތުގެ ބަޔަކަށް ވެގެންގޮސްފަ އެވެ.
ކްރައިމިޔާގެ ވެރިން މިކަން ކުރައްވާފައި ވަނީ އެސަރަހައްދުގައި ނެގި ފެންނަ ނުފެންނަ ވޯޓަކުން ޔުކްރޭނުން ވަކިވެ ރަޝިޔާގެ ދަށަށް ދިޔުމަށް ކްރައިމިޔާގެ ރައްޔިތުންގެ ގިނަ ބަޔަކު ތާއީދުކުރާކަން ހާމަވެގެން ދިޔުމާ ގުޅިގެންނެވެ. ކްރައިމިޔާގައި ރަޝިޔާ އިން ޚާއްސަ ބާރުތަކެއް އެކުލަވާލައި މަރުކަޒު ކުރަނީ އިރުމަތީ ޔޫރަޕްގައި ބާރުގަދަ ކުރުމަށް ނޭޓޯ ކުރަމުންގެންދާ މަސައްކަތްތަކާ ކުރިމަތިލުމުގެ ގޮތުންކަމަށް މުޙައްލިލުން ދެކެ އެވެ.
ރަޝިޔާގެ އަވަށްޓެރި އިރުމަތީ ޔޫރަޕްގެ ގައުމުތަކުގައި ނޭޓޯގެ ޢަސްކަރީ ބާރު ގަދަކުރާނެ ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް އެންޑަސް ފޯގް ރަސްމޯސަން ވަނީ ވިދާޅުވެފަ އެވެ. ޔޫރަޕާ އެކު ރަޝިޔާ ސޮއިކޮށްފައިވާ ގިނަ މުއާހަދާތަކުން ރަޝިޔާ ވަކިވުމަކީ ހުޅަނގާއި ރަޝިޔާއާ ދެމެދު އޮތް ނުތަނަވަސްކަން މިހާރަށް ވުރެ އިތުރުވެ ދެފަރާތުގެ އިތުބާރު ގެއްލިގެންދާނެ ކަމެއްކަމަށާއި ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަކީ ޔޫރަޕަށް ވެސް އެކަމުގެ ގެއްލުން ރަޝިޔާއާ އެއްވަރަށް ލިބިގެންދާނެ ކަމަށް ހަންގެރީން ބޮޑުވަޒީރު ވިކްޓަރ އޯރްބާން ވަނީ ވިދާޅުވެފަ އެވެ.
ރަޝިޔާއާ ދެކޮޅަށް ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބަދަލުގައި ރަޝިޔާ ދާދިފަހުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އަހަރަކު 15 ބިލިޔަން އެމެރިކާ ޑޮލަރުގެ ގެއްލުމެއް ޔޫރަޕަށް ލިބޭނެ ކަމަށް އިގްތިސާދީ ރިޕޯޓްތައް ބުނެ އެވެ. (ބީ.ބީ.ސީ)