ތިމާގެ ހަޔާތުގެ މަންޒިލަކީ، ނުވަތަ ތިމާ ކުރާ ކޮންމެ މަސައްކަތެއްގައި ބޭނުންކުރާ ވާސްޠާއަކީ ފައިސާކަމަށްވެއްޖެ މުޖުތަމަޢެއްގައި ފެތުރިގެންދާނީ ފަސާދަ ކަމުގައި ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިހެން ވިދާޅުވީ، ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ 2013 ވަނަ އަހަރުގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އެފަދަ މުޖުތަމަޢެއް ފަސާދައިގެ ބަލިމަޑުކަމުގެ ސަބަބުން ނެތިގެންގޮސް، އެމުޖުތަމަޢަކަށް ވީރާނާކަން ވެރިވެގެންދާނެ ކަމުގައިވެސް ވިދާޅުވިއެވެ.

‏ނައިބު ރައީސްގެ ވާހަކަފުޅުގައި، ތަޢުލީމީ ގޮތުން ރަން ވަނަތައް ހާސިލުކުރަނީ ހަމައެކަނި މާއްދީ ފައިދާއެއް ހޯދަންތޯ، މިއީ ކޮންމެ ދަރިވަރަކުވެސް، އަދި ކޮންމެ ބެލެނިވެރިޔަކުވެސް އަމިއްލަ ނަފްސާ ކުރަންޖެހޭ ސުވާލެއް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، އަޅުގަނޑުމެންގެ ޢަޤީދާއާއި، މުޖުތަމަޢުން ނެތިގެންދާ އަޚްލާޤީ މިންގަނޑު ދެމެހެއްޓުމަކީ، ތަޢުލީމީ ގޮތުން މަތީ ފާސްތަކެއް ހޯދުމަށްވުރެ މުހިންމުކަން ބޮޑު މަޤްޞަދެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، އަޅުގަނޑުމެންގެ އާންމު ދިރިއުޅުމުގައި މިއަދު ފެނިގެންދަނީ، ކޮންމެ ކަމެއްގެ އެންމެ ފަހު މަރުހަލާއަކީ، އެމީހެއްގެ ޖީބަށް ވަންނަ ފައިސާ ފޮއްޗެއް، ނުވަތަ ހާސިލްވާ މާއްދީ ބޭނުމެއް ކަމުގައި ވެގެންދާ ތަންކަން އެމަނިކުފާނު ހިތާމައާއެކު ފާހަގަ ކުރެއްވިއެވެ.

"އެއްވެސް މުޖުތަމަޢެއް، އެއްވެސް ޤައުމެއް، އެއްވެސް އުއްމަތެއް، ކުރިއަކަށް ނާރާނެ، އެއުންމަތަކީ، އެއުންމަތުގެ ކުރިއެރުމަކީ، އަޚުލާޤާއި، ރިވެތި ހަމަތަކާއި، ޢިލްމުގެ ތެރެއިން ކުރިއަށްދާ މުޖުތަމަޢަކަށް ނުހަދައިފިނަމަ"، ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ރޭގެ ޖަލްސާގައި ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ލިބުނު ކާމިޔާބުގެ ހަގީގީ ޙައްޤުދާރުންނަކީ، ނިކަމެތި ވަގުތުގައި ތިމާގެ އުފަލަކީ ދަރިންގެ އުފާކަމުގައި ދެކި، މުޖުތަމަޢުން ތިމާއަށް ހޯދައިނުގަނެވުނު މަޤާމު ތިމާގެ ދަރިން ފުރާތަން ދެކެން ކެތްމަދުވެފައި ތިއްބެވި މައިންބަފައިންކަން، އެ ދަރިވަރުންނަށް ހަނދާން ކޮށްދެއްވިއެވެ.
މިއަދު ރާއްޖެއަށް ބޭނުންވަނީ ރާއްޖޭގެ ތަރައްޤީއައިގެން ކުރިއަށް ދިއުމަށްޓަކައި ތަޢުލީމު ލިބިފައި ތިބި ޤާބިލް، ހީވާގި ޒުވާނުންކަން ފާހަގަ ކުރައްވަމުން، ސަރުކާރުގެ މާލިއްޔަތުގެ ޚަރަދުގެ ތެރެއިން ބޮޑު ބައެއް މިއަދު މި ހޭދަކުރައްވަނީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ރަނގަޅު ކުރެއްވުމަށްޓަކައިކަން ނާއިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

އެގޮތުން، މަތީ ތަޢުލީމު ހޯދުމަށް ބޭނުންވާ ދަރިވަރުންނަށް ލޯން ލިބޭނެ ސްކީމެއް ސަރުކާރުން މިހާރު ތަޢާރަފްކުރައްވާފައިވާ ކަމަށާއި، ރާއްޖެއިން ބޭރުން ތަފާތު ސްކޮލަޝިޕްގެ ފުރުޞަތުތައްވެސް ސަރުކާރުން ހޯއްދަވައިދެއްވަމުން ގެންދަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ދަރިވަރުންގެ ސުލޫކާއި، އަޚުލާޤާއި، އުޅުން ބައްޓަން ކުރުމަށްޓަކައި، ރާއްޖޭގެ ތަޢުލީމީ ނިޒާމުގެ ތެރެއަށް އިސްލާމީ ތަޢުލީމާއި، އަޚުލާޤިއްޔާތު މިހާރު ތަޢާރަފުކޮށްފައިވާކަންވެސް، އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރޭގެ ޖަލްސާގައި، ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ، 2013 ވަނަ އަހަރު ހުރިހާ ގޮތަކުން އެންމެ ފާހަގަކޮށްލެވުނު ދަރިވަރަށް އިނާމުދެއްވީ، ނައިބު ރައީސް މުޙަންމަދު ޖަމީލު އަޙްމަދެވެ.