ރޯމް : އިޓަލީގެ ބޮޑުވަޒީރު ސިލްވިޔޯ ބަލުސްކޯނީގެ އިތުރު ފަޟީޙަތެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ. ހެއްވާ ކަންތައް ކުރެއްވުމާއި އަޚްލާޤީ އެތަށް މައްސަލައެއްގެ ތުހުމަތުތަކާއި ފަޟީޙަތްތައް ކުރިމަތިވެ ވަޑައިގެންފައިވާ ބަލުސްކޯނީގެ މައްޗަށް މިފަހަރު ކުރެވިފައިވަނީ އުތުރު އެފްރިކާގެ ޢަރަބި ޤައުމެއް ކަމަށްވާ މަޣްރިބް (މޮރޮކޯ) ގެ ވަރަށް ޒުވާން ޢަރަބި އަންހެން ކުއްޖެއްކަމަށްވާ ކަރީމާ އަލްމަޙްރޫޤް އާއެކު ބަދުއަޚްލާޤީ ޢަމަލުތަކެއް ހިންގެވިކަމުގެ ތުހުމަތެވެ. އުމުރުން 18 އަހަރުގެ ކަރީމާ އަކީ ނައިޓް ކްލަބްތަކުގައި ނެށުމާއި މުއްސަނދި ފިރިހެނުންނަށް ޚާއްސަކޮށްގެން ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންގެންދާ ވަރަށް ރީތި އަންހެންކުއްޖެއްކަމަށް މީޑީޔާ ރިޕޯޓްތައް ބުނެއެވެ.
ކަރީމާގެ ނަން އިޓަލީގައި މަޝްހޫރު ވެފައިވަނީ ރޫބީ ގެ ނަމުންނެވެ. ބަލުސްކޯނީއަކީ އުމުރުން 72 އަހަރުގެ މުސްކުޅި މަހުޖަނެކެވެ. އޭނާ މުސްކުޅި ނަމަވެސް، ފައިސާ ބޭނުންވާ ޒުވާން އަންހެންކުދިންނަށް ބަލުސްކޯނީގެ މުސްކުޅިކަމަކީ މައްސަލައެއްނޫނެވެ. މިބާވަތުގެ ޒުވާން އަންހެންކުދިން ބަލުސްކޯނީއަށް ވަރަށް ވަރުހުންނަކަމަށް ވެއެވެ. ޒުވާން އަންހެން ކުދިންނަށް ކޮންމެ ފަދަ ޚަރަދެއް ކުރެއްވުމަކީވެސް ބަލުސްކޯނީ ފަސްޖެހިވަޑައިގަންނަވާ ކަމެއްނޫކަމަށް ވެއެވެ. ނަމަވެސް ޒުވާން އަންހެންކުދިން ފައިސާގެ ބޭނުމުގައި ބަލުސްކޯނީގެ ޖީބަށް ވެއްޓިގެން އުޅޭވާހަކަ އޭނާގެ ދޮގުކުރައްވައެވެ.
ޒުވާން އަންހެންކުދިންނާއެކު ސިއްރު ގުޅުންތަކެއް ހިންގަވާ ކަމަށް މަޝްހޫރުވެފައިވާ ބަލުސްކޯނީ އޭނާގެ ކާފަދަރިއެއްގެ އުމުރުގެ ޒުވާން އަންހެން ކުއްޖެއް ކަމަށްވާ މަޣްރިބްގެ 18 އަހަރުގެ ކަރީމާ އާއެކު ސިއްރިޔާތުގައި ބަދުއަޚްލާޤީ ޢަމަލުތަކެއް ހިންގެވި މައްސަލަ ބޭޒާރުވުމުން ސްޕޭންގެ ކެބިނެޓްގައި ހިމެނޭ ޒުވާން އަންހެން މިނިސްޓަރެއް ކަމަށްވާ ބީބިޔާނާ އޭދޫ ވިިދާޅުވީ ބަލުސްކޯނީއަކީ ބޯހަމަޖެހޭހެން ބޭފުޅެއްހެން ހީނުވާ ކަމަށާއި ނަފްސާނީ ޑޮކްޓަރެއްގެ ކައިރިއަށް ބަލުސްކޯނީ ގެންދަންޖެހިފައިވާ ކަމުގައެވެ. މިކަމާގުޅިގެން ބަލުސްކޯނީ ވަނީ ވަރަށް ބޮޑަށް ކޯފާވެފައެވެ.
ކަރީމާވަނީ ބަލުސްކޯނީއާއެކު އެކިޕާޓީތަކަށް ދާކަމަށް އެއްބަސްވެފައެވެ. ނަމަވެސް ބަލުސްކޯނީއާއެކު ބަދުއަޚްލާޤީ ޢަމަލު ހިންގިކަމަށް ކަރީމާ އެއްބަހެއް ނުވެއެވެ. އަދި ބަލުސްކޯނީވެސް މިކަމަށް އިންކާރު ކުރައްވައެވެ. ބަލުސްކޯނީގެ މިމައްސަލަ އިޓަލީގެ ފުލުހުން މިހާރު ގެންދަނީ ތަޙްޤީޤް ކުރަމުންނެވެ.