ލެޕްޓޮޕެއް ވަގަށް ނެގި މީހަކު ދެ އަހަރާއި ދެ މަހަށް ޖަލަށް ލުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމް ކޮށްފި އެވެ.

ވައްކަމުގެ މި މައްސަލައާ ގުޅިގެން ހުކުމް ކޮށްފައި ވަނީ ގދ.ތިނަދޫ، އަފްސާނާގެ، ފަރުޙާން ޔޫސުފް،22، ގެ މައްޗަށެވެ.

އޭނާގެ މައްޗަށް ހުކުމްކޮށްފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުގެ ހެނދުނު 11:20 ހާއިރު ގދ. ތިނަދޫ، ޓިބެޓް ގޭގެ ކޮޓަރިއެއްގެ ތެރޭގައި ހުރި އޭސާ ބްރޭންޑުގެ ލެޕްޓޮޕެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

މި މައްސަލާގައި ގެއްލުނު ލެޕްޓޮޕް ފުލުހުން ވަނީ ހުށަހެޅުނު ދުވަހު ހޯދުމަށްފަހު އޭގެ ވެރިފަރާތާއި ހަވާލުކޮށްފައެވެ.

މި މައްސަލާގައި ފަރުޙާން ޔޫސުފާއި އިތުރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ހަވަނަ ވަނަ ދުވަހުއެވެ. އަދި ފަރުޙާން ޔޫސުފްގެ މައްޗަށް ދައުވާ އުފުލާފައި ވަނީ މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހު އެވެ.