ދިރާގު ދިވެހި ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް މުހައްމަދު ޝާދިން އަބްދުލް ހަންނާނު ކާމިޔާބުކޮށްދިން ލަނޑުން އީގަލްސް އަތުން ހަނި ތަފާތަކުން މޮޅުވެއްޖެ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން މާޒިޔާ މޮޅުވީ 2-1 ލަނޑުންނެވެ. މެޗުގައި އީގަލްސްއަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް މާޒިޔާގެ ގޯލްކީޕަރު އިމްރާން މުހައްމަދު ވަނީ ގިނަ ހަމަލާތަކެއް ދިފާއުކޮށްފަ އެވެ.

މިރޭގެ މެޗަށް ނުކުތް އިރު، މާޒިޔާގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ސަސްޕެންޝަނުގައި ހުރި އިރު، އެ ޓީމުގެ ބިދޭސީ ފޯވާޑް އަބޫ ޑެސްމޮންޑް މަންސާރޭ ހުރީ އަނިޔާގަ އެވެ. އަދި އީގަލްސްގެ މުހިންމު ޑިފެންޑަރު ފައިރޫޒް އާދަމް ސަމީރު ވެސް މިރޭގެ މެޗަށް ހުރީ ސަސްޕެންޝަނުގަ އެވެ.

މެޗުގެ އަށް ވަނަ މިނެޓްގައި އީގަލްސްއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މާޒިޔާގެ ޑިފެންޑަރުން ކައިރިން ނެއްޓާލުމަށް ފަހު، އީގަލްސްގެ ހަސަން އަދުހަމް (ސަޑޭ) އުފެއްދި ހަމަލާގެ ހުރަހަކަށް ވީ މާޒިޔާގެ ގޯލްކީޕަރު އިމްރާނެވެ. އޭގެ ދެ މިނެޓް ފަހުން މާޒިޔާއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. މާޒިޔާގެ އައްޝަދު އަލީ (އަޑުބަރޭ)ގެ ބޮލުން ފޮނުވާލި އެ ހަމަލާ އަމާޒުވީ އީގަލްސް ގޯލުގެ ހުރަސް ދަނޑިއަށެވެ.

މެޗުގެ 37 ވަނަ މިނެޓްގައި މާޒިޔާއަށް ލީޑު ނަގައިދިނީ އަސަދުﷲ އަބްދުﷲ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ އަޑުބަރޭގެ ބޮލުން ދިން ރީތި ބޯޅައަކުންނެވެ. އޭގެ ހަ މިނެޓް ފަހުން، ނަތީޖާ ހަމަހަމަ ކުރުމަށް އީގަލްސްއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އީގަލްސްގެ އަހްމަދު ރަޝީދު (އައްމަޑޭ)ގެ ބޮލުން ފޮނުވާލި ހަމަލާ، މާޒިޔާގެ ކީޕަރު އިމްރާން ވަނީ ވަރަށް ހުށިޔާރު ކަމާއެކު ދިފާއުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފު ފެށިތާ ހަތް މިނެޓް ފަހުން އީގަލްސްއިން ވަނީ ލަނޑެއް ކާމިޔާބުކޮށް، ނަތީޖާ ހަމަހަމަކޮށްފަ އެވެ. އަންސަރު އިބްރާހިމްގެ ރީތި ހުރަހަކުން އީގަލްސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު ތަސްނީމެވެ.

ދެ ޓީމު ބަދަލުކުރި ހަމަލާތަކަކަށް ފަހު، ދެން ލަނޑެއް ފެނިގެންދިޔައީ މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށެވެ. މާޒިޔާގެ އަސަދުﷲ ދިން ބޯޅައަކުން މާޒިޔާއަށް އަލުން ލީޑު ހޯދައިދިނީ ޝާދިން އެވެ. އޭނާގެ އެ ހަމަލާ އަމާޒުވީ އީގަލްސްގެ ގޯލުގެ ކަނަށެވެ.

ދިރާގު ދިވެހި ލީގުގެ ޕޮއިންޓް ތާވަލަށް ބަލައިލާއިރު، ދިހަ މެޗުން ލިބުނު 27 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައި އޮތީ ނިއު ރޭޑިއަންޓެވެ. ކުޅުނު ދިހަ މެޗުން ލިބުނު 25 ޕޮއިންޓާއެކު ލީގުގެ ދެވަނައިގައި މާޒިޔާ އޮތް އިރު، ދިހަ މެޗުން ލިބުނު 16 ޕޮއިންޓާއެކު ތިން ވަނައިގައި އޮތީ އީގަލްސް އެވެ. ކުޅުނު ދިހަ މެޗުން ލިބުނު 11 ޕޮއިންޓާއެކު ހަތަރު ވަނައިގައި ވިކްޓަރީ އޮތް އިރު، ނުވަ މެޗުން ލިބުނު 10 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތީ މަހިބަދޫ އެވެ. ލީގުގެ ހަ ވަނައިގައި އޮތް ވެލެންސިއާއަށް ނުވަ މެޗުން ލިބިފައި ވަނީ ހަތް ޕޮއިންޓެވެ. ނުވަ މެޗުން ލިބުނު ހަ ޕޮއިންޓާއެކު ލީގުގެ ހަތް ވަނައިގައި އޭވައިއެލް އޮތް އިރު، އެންމެ ފުލުގައި އޮތް ބީޖީއަށް ނުވަ މެޗުން ލިބިފައި ވަނީ ފަސް ޕޮއިންޓެވެ.

ދިރާގު ދިވެހި ލީގުގައި މާދަމާ ވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މާދަމާ ހަވީރު 4:00 ގައި ކުޅޭ މެޗުގައި ބީޖީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކްލަބު ވެލެންސިއާ ނުކުންނަ އިރު، މާދަމާ ރޭ 9:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ މަހިބަދޫ ސްޕޯޓްސް ކްލަބާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.