15 Aug 2014, 22:39
މިނިވަން ނޫހުގެ ޖާނަލިސްޓް އަހުމަދު ރިލްވާން އަބްދުﷲ ހޯދުން އަވަސް ކުރުމަށް އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ގޮވާލައިފި އެވެ.
މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އާ ހަވާލާދީ ނޫސްވެރިކަމުގެ މިނިވަން ކަމަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، އައިއެފްޖޭ އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަހުމަދު ރިލްވާން،28، ގެއްލުމަކީ އެ ޖަމިއްޔާ އިން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށާއި އޭނާ ގެއްލުނު ދުވަހުން ފެށިގެން ފުރިހަމަ ތަހުގީގެއްކޮށް އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި އެ ހޯދުން އާންމުންނާ ހިއްސާ ކުރުމަށް ކަމާ ބެހޭ އޮތޯރިޓީތަކަށް ގޮވާލާ ކަމަށެވެ.
"ނޫސްވެރިޔަކު ގެއްލުމަކީ ސީރިއަސް ކަމެއް، އަދި ފުރިހަމަ ސަޕޯޓް އާއިލާ އަށް ފޯރުކޮށްދޭން ޖެހޭ." އައިއެފްޖޭގެ ބަޔާނުގައިވެ އެވެ.
ރިލްވާންގެ އާއިލާ އިން ބުނީ ރިލްވާން މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުން ފެށިގެން ގެއްލިފައިވާ ކަމަށެވެ. އަދި އޭނާގެ ހުރިހާ ކޮންޓެކްޓެެއް ކެނޑިފައިވާ ކަމަށެވެ.
އެމްޖޭއޭ އިން ނެރުނު ބަޔާނެއްގައި ބުނީ ފަަހަކަށް އައިސް ގޮތް ނޭނގޭ ފަރާތްތަކުން މީޑިއާގެ ފަރާތްތަކަށް ޓެކްސްޓް މެސެޖްތަކުން ދެމުން ގެންދާ އިންޒާރުތަކާ މެދު ކަންބޮޑުވުން ފާޅުކުރާ ކަމަށާއި މިނިވަން މީޑިއާއެއްގެ މަސައްކަތަކަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރުމަށް ގޮވާލާ ކަމަށެވެ.