15 Aug 2014, 21:32
ހުޅުމާލޭގައި ޔޫތު ސެންޓަރު އިމާރާތް ކުރުމަށް ނިންމާފައިވާ ބިމުގައި އަމިއްލަ ކުންފުންޏަކުން މުދާ ރައްކާކޮށްފައިވާ ގުދަނެއްގައި އަލިފާން ރޯވެ، އަނދައި ހުލިވުމުން ލިބުނު ގެއްލުން ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރާ ކަމަށް އެ ގުދަނުގެ ވެރިފާރާތުން ބުނެފި އެވެ.
މިއަދު ހަވީރު އަލިފާން ރޯވެ، އަނދައި ހުލިވި ހުޅުމާލޭ ގުދަނަކީ އެ ރަށު ޔޫތު ސެންޓަރު ތަރައްގީ ކުރުމަށް ހަވާލުކުރި ކުންފުނީގެ ގުދަނެކެވެ. ޔޫތު ސެންޓަރު ތަރައްގީ ކުރުމަށް އެ ކުންފުންޏާ ހަވާލު ކުރީ 2007 ވަނަ އަހަރުގެ ފަހުކޮޅު އެވެ. ނަމަވެސް މަސައްކަތުގެ ފައިސާ ދައުލަތުން އެ ކުންފުންޏަށް ނުދޭތީ، އެ މައްސަލަ މިހާރު އޮތީ ކޯޓުގަ އެވެ.

އޯގަސްޓް، 15، 2014: ޝޫރާ ކޮންޓްރަކްޝަން ކުންފުނީގެ ގުދަނުގައި ރޯވެ އަނދަނީ: ގުދަނުގައި ރޯވުމުން ލިބުނު ގެއްލުން ތިން މިލިއަން ރުފިޔާއަށް އަރާ-- ސަން ފޮޓޯ/ މުހައްމަދު ޝާން
ހުޅުމާލޭ ޔޫތު ސެންޓަރު ތަރައްގީ ކުރުމަށް ހަވާލުކޮށްފައިވާ ޝޫރާ ކޮންޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ރަޝީދު މިރޭ "ސަން"އަށް ވިދާޅުވީ އެ ކުންފުނީގެ ގުދަނުގައި ބަޔަކު ރޯކޮށްލީ ގަސްތުގައި ކަމަށެވެ. ނިމިދިޔަ ރޯދަ މަހުގައި ވެސް ދެ ފަހަރެއްގެ މަތިން އެ ގުދަނުގައި ހުޅު ޖަހާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިފަހަރު މުޅި ޒިންދަނީ 'ހަތަމް' ވެގެން މި ދިޔައީ. އަނދައި ހުލިވި ގުދަނުގައި ހުންނާނީ ކުންފުނީގެ ސާމާނު. އެ ސާމަނަކީ ތިން މިލިއަން ރުފިޔާ،" ޝޫރާ ކޮންޓްރަކްޝަން ކޮންޕެނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ގުދަނަކީ 40 ފޫޓާއި 75 ފޫޓުގެ ގުދަނެކެވެ.
ޝޫރާ ކޮންޓްރަކްޝަން ކުންފުނީގެ ގުދަނުގައި މިއަދު ހަވީރު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނީ ގަޑިއެއްހާއިރުގެ މަސައްކަތުންނެވެ. އެމްއެންޑީއެފާއި ފަޔާ އެންޑް ރެސްކިއު އިން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނުއިރު، އެ ގުދަނުގެ ތެރޭގައި ގުރި ތަނެތި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފަ އެވެ.