15 Aug 2014, 20:31
އއ. ތޮއްޑޫ ހޭޅި ސަރަހައްދުން އެ އަތޮޅު ފޮޅުދޫ ބަޔަކު ގިނަ އަދަދަކަށް ރުށް ގަސް ގެންދިޔަ މައްސަލައެއް އެންވަޔަރަމަންޓް ޕޮރޮޓެކްޝަންސް އެޖެންސީ (އީޕީއޭ) އިން ތަހުގީގު ކުރަން ނިންމައިފި އެވެ.
ތޮއްޑޫ ހޭޅި ސަރަހައްދުން ހާހަކަށް ވުރެ ގިނަ ރުށްގަސް ގެންދިޔަ މައްސަލާގައި އެ ރަށު ކައުންސިލާއި ތޮއްޑޫގެ ތަރައްގީއަށް މަސައްކަތް ކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ސްޓާޓް" ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"ސްޓާޓް" ޖަމިއްޔާގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ އެ ރަށުގެ ހޭޅިފަށުން ނަގާފައިވާ ގާތްގަނޑަކަށް 1000 އަށްވުރެ ގިނަ ރުށް ގަސް ފޮޅުދޫގެ ދޯންޏަށް އަރުވައިގެން ގެންގޮސްފައިވާ ކަމަށެވެ.
"ގާތްގަނޑަކަށް 1000 އަށްވުރެ ގިނަ ރުށް މިހާރު ވެސް ހުންނާނެ ދޯނީގައި. ފުލުހުން އަންނަން އުޅޭ ކަމުގެ މައުލޫމާތެއް އެ މީހުންނަށް ލިބިގެން ނާރުވައި ހުރި ގަސްތަށް ބަނދަރު ސަރަހައްދުގައި ބަހައްޓާފައި މިހާރު އެ މީހުން ނައްޓާލައިފި. މިރަށުގައި ފުލުހުން ނޫޅޭ،" ސްޓާޓް ޖަމިއްޔާގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
"ކައުންސިލުން ބުނަނީ ފުލުހުންގެ އެއްބާރުލުމާ އެކުގައޭ އެކަން ހުއްޓުވޭނީ. އީޕީއޭން މި މައްސަލަ ބެލެން ޖެހޭނެ. ރަށުގެ ހޭޅި ފަށުން އެފަދަ ގަސްގަސް ނެގުމަކީ ގާނޫނުގައި ކަނޑައެޅިގެން މަނާ ކަމެއް،"
ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހިމް މިއަދު ސަން އަށް ވިދާޅުވީ، ފޮޅުދޫ ބަޔަކު އައިސް އެ ރަށު ހޭޅިފަށުން ރުށް ގަސް ގެންދަނީ ރަށު ކައުންސިލްގެ ރަސްމީ އެއްވެސް ހުއްދައެއް އޮވެގެން ނޫން ކަމަށާއި އެކަން ހުއްޓުވަން ފުލުހުންނާ ގުޅިގެން ކައުންސިލުން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އެފަދަ ކަންކަމަށް މިހާތަނަށް އައި އިރު ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަށް ހުށަހަޅައިގެން އެ މައްސަލަ ބަލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އަސްލު މިފަދަ ކަންކަމުގައި ރަސްދޫ ފުލުހުންގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ. އަމަލީ ގޮތުން އެއްބާރުލުން ދިނުމަކީ ފުލުހުން އައިސް އެކަން ހުއްޓުވުން. އަޅުގަނޑުމެން ހުއްޓުވަން އުޅެފިނަމަ ހަމަނުޖެހުމެއް އުފެދިދާނެތީ ފުލުހުންނަށް ރިޕޯޓް ކުރަނީ. ނަމަވެސް ފުލުހުންގެ އެއްބާރުލުމެއް މިފަދަ ކަންކަމަކަށް ނުލިބޭ. މީގެ ކުރިން ޑްރަގް މައްސަލައެއް އަޅުގަނޑުމެން ރިޕޯޓް ކޮށްގެން ވެސް ހަގީގަތުގައި އެއްބާރުލުމެއް ނުލިބުނު،" ހަސަން އިބްރާހިމް ވިދާޅުވި އެވެ.
ފުލުހުން ވެސް ވަނީ އެ މައްސަލަ ހުށައަޅާފައިވާ ކަން ސަން އަށް ކަށަވަރުކޮށް ދީފަ އެވެ. ނަމަވސް އިތުރު މައުލޫމާތެއް ހާމަކުރެވެން ނެތް ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް "ސަން"އަށް ވިދާޅުވީ އެއް ރަށެއްގެ ބަޔަކު އައިސް އަނެއް ރަށެއްގެ ހޭޅި ފަށުން ރުށްގަސް ފަދަ ގަސްތަށް ނެގުމަކީ އީޕީއޭގެ ގަވާއިދުން ވެސް މަނާކުރާ ކަމެއް ކަމަށާއި އެ މައްސަލަ ކައުންސިލާ ގުޅިގެން ތަހުގީގުކޮށް ފިޔަވަޅު އަޅާނެ ކަމަށެވެ.
"އީޕީއޭގެ ގަވާއިދުގަ ވެސް މަނާކޮށްފައިވާ ކަމެއް އެއީ. ވަކި ހުއްދައެއް އޮވެގެން ވަކި އަދަދަކަށްގެންދެވިދާނެ. އެކަމަކު 1000 އަށްވުރެ ގިނަ ރުށްގަސް ގެންދިޔަ ކަމުގައިވާ ނަމަ އަޅުގަނޑުމެން އެ މައްސަލަ ބަލާނަން،" ނައީމް ވިދާޅުވި އެވެ.
ފޮޅުދޫ ކައުންސިލްގެ ރައީސް ސުޖާއު އަބްދުﷲ ވިދާޅުވީ އެ ރަށު ބަޔަކު ތޮއްޑޫއަށް ގޮސް ހޭޅި ސަރަހައްދުން ރުށްގަސް ތަކެއް ނެގި ކަން އެނގިފައިވާ ނުވާ ކަމަށެވެ. ނަމަވެސް އެ ރަަށުގެ އެކި ގެތަކުން "ހެޔޮއެދިގެން" ރުށްގަސްތަކެއް ދީފައިފައިވާ ކަމަށާއި އެ ރުށްގަސްތައް ފުޅަދޫއަށް ގެނެސްފައިވާ ކަމަށެވެ.