އިސްރާއީލުގެ އުދުވާނުގެ ސަބަބުން ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުނަށް އެހީތެރިވުމަށް ދިވެހި ރެޑް ކްރެސެންޓުން ހިންގާ ފަންޑަށް ފައިސާ ހޯދުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ބޫޓެއް ނީލަން ކިޔަން، ނިންމައިފި އެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ދަގަނޑޭގެ ރަސްމީ ފޭސްބުކް ޕޭޖުގައި މިއަދުގެ ވަގުތެއްގައި އޭނާ ބުނެފައި ވަނީ ފަލަސްތީންގެ ނިކަމެތި ރައްޔިތުންނަށް އެހީ ވުމަށް ދިވެހި ރެޑް ކްރެސެންޓަށް އޭނާގެ ބޫޓު ހަދިޔާކޮށްފައިވާ ކަމަށެވެ. އަދި އެ ބޫޓު ނީލަން ކިޔުމުގެ އިންތިޒާމް ދިވެހި ރެޑް ކްރެސެންޓުގެ މާލޭ ގޮފިން ހަމަޖައްސާނެ ކަމަށް ވެސް ދަނގަޑޭގެ އެފްބީ ޕޭކްގައި ވަނީ ބުނެފަ އެވެ.

ރެޑް ކްރެސެންޓުގެ މާލޭ ގޮފީގެ ރައީސް ޖުނެއިދު މުހައްމަދު ވިދާޅުވީ ދަނގަޑޭގެ ބޫޓް ނީލަން ކިޔުން އޮތީ އަންނަ އާދިއްތަ ދުވަހު ކަމަށާއި ދަނގަޑޭގެ އިތުރުން ދިވެހި ގައުމީ ފުޓްބޯޅަ ޓީމުގެ ގިނަ ކުޅުންތެރިންތަކެއްގެ ޒާޒީ އާއި އެހެނިހެން ތަކެތި ވެސް ނީލަން ކިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް އެންމެ ފަހުން ހިންގި އުދުވާނުގައި މިހާތަނަށް ގާތްގަނޑަކަށް 1900 ފަލަސްތީނީން ވަނީ ޝަހީދުވެފަ އެވެ. ޝަހީދުވީ ގިނަ މީހުންނަކީ އާންމުންނެވެ. އަދި 400 ކުޑަކުދިން ވެސް މި އަދަދުގެ ތެރޭގައި ހިމެނެ އެވެ.