މެޗުގެ 71 ވަނަ މިނެޓުގައި މުހައްމަދު އުމެއިރު ކާމިޔާބު ކުރި ހަމައެކަނި ލަނޑާއެކު ވިކްޓަރީ އަތުން 1-0 ލަނޑުން ނިތާވަލްގެ އެއް ވަނާގައި ނިއު ރޭޑިއަންޓް އަނެއްކާވެސް ހަމަޖެހިލައިފި އެވެ.

ލީގުގެ ފުރަތަމަ ބުރުގައި މިދިހަ ޖޫން މަހުގެ 23 ވަނަ ދުވަހު މި ދެ ޓީމް ބައްދަލުކުރި މެޗް 3-0 ލަނޑުން ކާމިޔާބު ކުރީވެސް ނިއުއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދެ ޓީމް ކުރެ އެއް ޓީމަކަށް ވެސް ލަނޑެއް ނުޖެހި އެވެ. ނަަމަވެސް ނިއުއަށް ވަނީ ފުރަތަމަ ހާފުގައި ވިކްޓަރީގެ ގޯލް ފޫއަޅުވާލުމަށް ރަނގަޅު ދެ ތިން ފުރުޞަތެއް ލިބިފަ އެވެ. ނަމަވެސް ނިއުގެ އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އުމެއިރަށް ލިބުނު ފުރުޞަތުތައް އެކުޅުންތެރިން ޖެގީ ބޭރަށެވެ.

މިއަދުގެ މެޗުގައި ވިކްޓަރީގެ މައްޗަށް ނިއުއިން ކުރި ހޯދި ލަނޑު އުމައިރު ކާމިޔާބު ކޮށްފައި ވަނީ ލިބުނު ހިލޭ ޖެހުމަކުންނެވެ. އަދި އެ ލަނޑަށް ފަހު ވެސް ނިއުއަށް ވަނީ ލީޑް ފުޅާ ކުރުމަށް ރަނގަޅު ދެތިން ފުރުސަތު ލިބިފައެވެ.

މިއަދުގެ މޮޅާއެކު ލީގްގުގެ އެއް ވަނަ މަގާމްގައި ނިއު އޮތީ ކުޅުނު 10 މެޗުން ލިބުނު 27 ޕޮއިންޓާއެކު އެވެ. ދެ ވަނަ މަގާމްގައި ނުވަ މެޗު ކުޅެ، 22 ޕޮއިންޓާއެކު އޮތީ މާޒިޔާ އެވެ. ތިން ވަނަ މަގާމްގައި އޮތީ ނުވަ މެޗު ކުޅެގެން ލިބުނު 16 ޕޮއިންޓާއެކު އީގަލްސް އެވެ. އަދި މިއަދުގެ މެޗުން ބަލިވި ވިކްޓަރީ އޮތީ 11 ޕޮއިންޓާއެކު ހަތަރު ވަނަ މަގާމްގަ އެވެ.

ލީގުގެ ދެ ވަނަ ބުރުގައި މިރޭ 9:00 ގައި ބައްދަލުކުރާ ދެ ޓީމަކީ މާޒިޔާ އާއި އީގަލްސް އެވެ.