15 Aug 2014, 16:11
އަގު ހެޔޮކޮށް ކާބޯ ތަކެތި ވިއްކާ ރެޑްވޭވް ފިހާރައެއްގެ މުވައްޒަފަކު އެ ތަނުގެ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ކުށުގައި ހައްޔަރުކޮށްފި އެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ސައްޔިދުކިލޭގެފާނު މަގުގައި ހުންނަ ރެޑްވޭވް ފިހާރައިގެ އަންހެން ކޭޝިޔަރަކު ވައްކަމާއި ހިޔާނާތުގެ ކުށުގައި ހައްޔަރު ކުރީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. އެ ފިހާރައިން އޭނާ ވަގަށް ނެގި ފައިސާގެ އަދަދެއް އަދި ނޭނގެ އެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރެޑްވޭވް ފިހާރައިގެ އަންހެން ކޭޝިޔަރު ހައްޔަރު ކުރީ ހިޔާނާތްތެރިވުމުގެ ކުށުގައި ކަމަށެވެ. ނަމަވެސް އޭނާ ހިޔާނާތްތެރިވީ ކިހާ އަދެއްގެ ފައިސާއަކަށް ކަމެއް ފުލުހުން ނުބުންޏެވެ. އަދި އެ އަންހެން މީހާގެ ވަނަވަރެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުންގެ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް އޭނާ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން، ކޯޓުން އަމުރުކޮށްފައި ވަނީ ފަސް ދުވަހަށް ފުލުހުންގެ ހައްޔަރުގައި އޭނާ ބެހެއްޓުމަަށެވެ.