މެންޗެސްޓާ ޔުނެއިޓަށް 23 އަހަރު ކުޅުނު ރަޔަން ގިގްސްގެ ޖާޒީ ނަންބަރު މިދިޔަ ސީޒަންގައި އެ ޓީމުގައި ވިދާލި ބެލްޖިއަމްގެ ކުޅުންތެރިޔާ އަދުނާން ޔަނޫޒާއަށް ދޭން ނިންމައިފި އެވެ.

ގިގްސްގެ މުޅި ފުޓުބޯޅަ ކެރިއަރު އެ ކުލަބެއްގައި ހޭދަ ކުރި މެންޗެސްޓާ ޔުނައިޓެޑްގެ ތާރީހީ "11" ނަންބަރު ޖާޒީ ޔަނޫޒާއަށް ދޭން ނިންމާފައި ވަނީ އެ ޓީމުގެ ކޯޗު ލުއިސް ވެންހާލެވެ. ބެލެވޭ ގޮތުގައި މިފަހަރު މެންޗެސްޓާގެ ފުރަތަމަ އެގާރާގައި ޔަނޫޒާ ކުޅުމުގެ ފުރުސަތު ބޮޑެވެ.

މެންޗެސްޓާގެ ޓީވީއަށް ދިން އިންޓަވިއުއެއްގައި ގިގިސް ބުނެފައި ވަނީ އެނާ ކުޅުން ހުއްޓާލިއަސް އޭނާގެ ޖާޒީ ނަންބަރު ރިޓަޔާ ނުކުރުމަށް ޓީމުގެ މެނޭޖްމަންޓުގައި އެދިފައިވާނެ ކަމަށެވެ. އަދި އެ ނަންބަރު މެންޗެސްޓާގެ އޯލްޑްޓްރެފޯޓްގެ ދިރިގެންދާނެ ނަންބަރަކަށް ހަދައި ދިނުމަށް ވަނީ އެދިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ކުލަބަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެމުން އަންނަ ކުޅުންތެރިންގެ ޖާޒީ ނަންބަރު އެ ކުޅުންތެރިއަކާއެކު ރިޓަޔާކުރުމަކީ ބައެެއް ކުލަބުތަކުން ގެންގުޅޭ އުސޫލެކެވެ. އެގޮތުން އިނގިރޭސި ކުލަބް ވެސްޓްހަމް އަށް ކުޅުން ބޮބީމުއާގެ ޖާޒީ ނަންބަރު 6 އަދި އިޓަލީގެ އެސީމިލާނަށް ކުޅުނު ޕައުލޯ މަލްޑީނީ ގެ ޖާޒީ ނަންބަރު 3 ވަނީ ކުޅުންތެރިންނާއެކު ރިޓަޔާކޮށްފަ އެވެ.

މެންޗެސްޓާގެ ގިގިސް ވަނީ މިދިޔަ ސީޒަން ނިމުމާއެކު ފުޓްބޯޅަ ކެރިއަރު ނިންމާލާފަ އެވެ. މިދިޔަ ސީޒަންގަ ބައެއް މެޗްތަކަށް ގިގިސް ނުކުންނަމުން ދިޔައީ އެ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމުގައި ހުރެ އެވެ. މިދިޔަ ސީޒަންގައި މެންޗެސްޓާގެ ކޯޗަކަށް ހުރި ޑޭވިޑް މޮއިސް ލީގުގައި ބާކީ ހަތަރު މެޗު އޮއްވައި މަގާމުން ވަކިކުރުމުން ވަގުތީ ގޮތުން ޓީމުގެ ހެޑްކޯޗުގެ ޒިންމާ ހަވާލުކޮށްފައި ވަނީ ގިގްސާއާ އެވެ. މި ސީޒަންގައި ލުއިސް ވެންހާލްގެ އެސިސްޓެންޓަކީ ގިގްސްއެވެ.

ޔަނޫޒާ ވަނީ މިދިޔަ އޮކްޓޯބަރު މަހުގައި އިތުރު ފަސްއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މެންޗެސްޓާ އެކު ސޮއިކޮށްފަ އެވެ.

ޔަނޫޒާ ބުނެފައި ވަނީ މެންޗެސްޓާގައި އެނާ ކުޅެމުން އަންނަނީ ރޯލްމޮޑަލެއްގެ ގޮތުގައި ގިގްސްގެ ކުޅުމުގެ ވައްޓަފާޅި ނަކަލް ކޮށްގެން ކަމަށާއި ގިގްސް މެންޗެސްޓާގައި ދިޔަ މަގުން ދާން އޭނާ ބޭނުންވާ ކަމަށެވެ.

މެންޗެންސްޓާ ޔުނައިޓެޑުގެ މެދުތެރެއަށް ކުޅެމުން އަންނަ އުމުރުން 19 އަހަރުގެ ޔަނޫޒާ ނިމިދިޔަ ސީޒަންގައި މެންޗެސްޓާ ލީގުގެ ހަތް ވަނަގައި ނިންމާލިއިރު، އޭނާ ވަނީ 27 މެޗު ކުޅެދީ ހަތަރު ގޯލް ޖަހައި ދީފަ އެވެ.