ރަނގަޅާއި ނުބައި ވަކިކުރަން ފިރިހެން ދަރިންނަށް ދަސްކޮށްދިނުމަކީ އިންޑިއާގެ ކޮންމެ ބެލެނިވެރިއަކު ކުރަން ޖެހޭ ކަމެއް ކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ އިންޑިއާގެ 67 ވަނަ މިނިވަން ދުވަހުގެ މުނާސަބާގައި ގައުމާ މުހާތަބު ކުރައްވަމުން މޯދީ ވިދާޅުވީ ރޭޕްކުރުމާއި އަންހެނުންނަށްދޭ ހަމަލާތަކުގެ ސަބަބުން އިންޑިއާ ލަދުވެތިކަމުގެ ތެރޭގައިވާ ކަމަށެވެ. އަދި އެކަން ހުއްޓުވުމަށް ގާނޫނު ހިންގާ މީހުން ކުރަން ޖެހޭ ކަންތައްތައް ކުރާނެ ކަމަށާއި އެހެން ނަމަވެސް މުޖުތަމައުގެ ވެސް ޒިންމާއެއްވާ ކަމަށެވެ.

"...ގާނޫނު އޭގެ ވާޖިބު އަދާކުރާނެ، އަދި އެކަން ކުރާނީ ވަރުގަދައަށް، އެކަމަކު މުޖުތަމައެއްގެ ގޮތުގައި ކޮންމެ ބެލެނިވެރިއެއްގެ ވެސް ވޭ ޒިންމާއެއް އެމީހުންގެ ފިރިހެން ދަރިންނަށް ރަނގަޅާއި ނުބައި ވަކިކުރަން ދަސްކޮށްދިނުމުގައި،" އިންޑިއާގައި ކުރިން އޮތް މުސްލިމުންގެ ވެރިކަމެއް ކަމަށްވާ މޫޣަލް އެމްޕަޔަރްގެ ރަމްޒެއް ކަމަށްވާ ރެޑްފޯޓްގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވި ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) ބުންޏެވެ.

ސްކޫލްތަކުގައި އަންހެން ކުދިންނަށް ވަކި ފާހާނާ ނެތުމުން އަހަރަކު އެތައް ހާސް އަންހެން ކުދިންނެއް ސްކޫލުން ކެނޑޭތީ ވަކި ފާހާނާތައް ހުންނާނެ ކަން ކަށަވަރު ކުރުމަށް ޕާލަމެންޓޭރިއަނުންނަށް މޯދީ ގޮވައިލެއްވި އެވެ.
އޭނާއަކީ އިންޑިއާގެ ރައްޔިތުންގެ ހާދިމެއް ކަމަށާއި އެމީހުން ފަގީރުކަމުން ސަލާމަތް ކޮށްދެއްވާނެ ކަމަށް މޯދީ ވިދާޅުވާ ވިދާޅުވުން މިއަދުގެ ތަގުރީރުގައި ވެސް ތަކުރާރުކުރެއްވި އެވެ.

އިންޑިއާގެ މިނިވަން ދުވަސް އެގައުމާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އިންޑިއާގެ ރައްޔިތުން މިއަދު އަންނަނީ ވަރަށް ކުލަގަދަކޮށް ފާހަގަކުރަމުންނެނެވެ. އިނގިރޭސިންގެ އަޅުވެތިކަމަށް ފަހު އިންޑިއާ އަށް މިނިވަންކަން ލިބުނީ 1947 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު އެވެ.