ބަޣްދާދު (އޮގަސްޓް 15) : އިރާގުގެ ބޮޑުވަޒީރު ކަމަށް އިޚްތިޔާރުކޮށްފައިވާ ޑރ. ހައިދަރުލްއައްބާދީ އާ ވެރިކަން ޙަވާލުކުރުމަށް ދެކޮޅު ހައްދަވައި ވެރިކަމުގައި ދެމިހުންނެވުމަށް މަސައްކަތްކުރެއްވި އިރާގުގެ މިހާރުގެ ބޮޑުވަޒީރު ނޫރީއަލްމާލިކީ އޭނާގެ ޚިޔާލު ކުއްލިއަކަށް ބަދަލުކޮށްލެއްވުމަށް ފަހު ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވިކަން އިޢްލާން ކުރައްވަމުން އިރާގުގެ ޓީވީ މެދުވެރިކޮށް ދެއްވި ޚިތާބެއްގައި މާލިކީ ވިދާޅުވީ ބޮޑުވަޒީރު ކަމަށް އަލަށް އިޚްތިޔާރުކޮށްފައިވާ ޑރ. ހައިދަރުލްއައްބާދީ އަށް އޭނާ ތާއީދު ކުރައްވާ ކަމަށާ އަދި އިރާގުގެ ސިޔާސީ މަސްރަހު އިތުރަށް ހަލަބޮލި ކުރައްވަން ބޭނުންފުޅުނުވާތީ މަގާމުން އިސްތިއުފާ ދެއްވީ ކަމުގަ އެވެ.

މާލިކީ ވިދާޅުވީ އައްބާދީއަށް އޭނާގެ ފުރިހަމަ ތާއީދު ލިބިވަޑައިގަންނަވާނެ ކަމަށާ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވި ނަމަވެސް އޭނާ ހުންނަވާނީ އިރާގުގެ ރައްޔިތުންގެ ޚިދްމަތުގައި ކަމުގަ އެވެ. އަދި އެމެރިކާ އިން އިރާގު އަޅުވެތިކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނަސް އިރާގު މިނިވަންކުރީ އޭނާގެ ސަރުކާރުން ކަމަށާ އަދި އިރާގުގެ ތެލުގެ އިންޑަސްޓްރީ ތަރައްގީކޮށް ގައުމަށްލިބޭ އާމްދަނީ އިތުރުކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށްދިނުމުގައި އޭނާގެ ސަރުކާރުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާނެ ކަމަށް ވެސް މާލިކީ ވިދާޅުވި އެވެ.

އިރާގުގެ އައު ބޮޑުވަޒީރަކަށް އެގައުމުގެ ރައީސް ފުއާދު މަޢްސޫމް މިދިޔަ ހަފްތާގައި އިޚްތިޔާރު ކުރައްވާފައިވާ ޑރ. ހައިދަރުލްއައްބާދީ އަކީ ވެސް މާލިކީގެ ދައުވާ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ.
މާލިކީ އިރާގުގެ ބޮޑުވަޒީރުކަމަށް އިސްވެ ވަޑައިގެންނެވީ 2006 ވަނަ އަހަރު އެވެ. (އަލްޖަޒީރާ)