ގާހިރާ (އޮގަސްޓް 15) : ޣައްޒާއާ ދެކޮޅަށް އިސްރާއީލު ހިންގަމުން ގެންދާ އުދުވާން ދާއިމީ ގޮތަކަށް ހުއްޓާލައި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލުމާ ބެހޭ ގޮތުން އިސްރާއީލާއި ފަލަސްތީނާ ދެމެދު ކުރިޔަށްދާ ވާހަކަތަކުގައި ފަލަސްތީނު މުޖާހިދުންގެ އަތުން ހަތިޔާރު ނިގުޅައި ގަތުމަށް އިސްރާއީލު ކުރި މަސައްކަތް ނާކާމިޔާބުކޮށްލެވިއްޖެ ކަމަށް ފަލަސްތީނުން ބުނެފި އެވެ.

މިވާހަކަތަކުގައި ބައިވެރިވާ ފަލަސްތީނުގެ ވަފްދުގެ މެންބަރެއް ކަމަށްވާ އިއްޒަތުއްރިޝްގު ވިދާޅުވީ އިސްރާއީލުގެ އަނިޔާވެރިކަމާއި އަޅުވެތިކަމާ ދެކޮޅަށް ޖިހާދުކުރާ ޙަމާސްޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތް ފަދަ މުޖާހިދުންގެ ޖަމާއަތްތަކުން ހަތިޔާރު އަތުލުމުގެ މައްސަލަ ސުލްހައިގެ ވާހަކަތަކުގެ ތެރޭގައި ހިމެނުމަށް އިސްރާއީލުން މަސައްކަތްކުރި ކަމަށާ ނަމަވެސް އެމައްސަލަ ސުލްހައިގެ އެޖެންޑާއިން ބޭރުކޮށްލުމުގައި ފަލަސްތީނުގެ ވަފްދުން ކާމިޔާބު ހޯދާފައިވާނެ ކަމުގަ އެވެ.

ގާހިރާގައި ކުރިޔަށްދާ އިސްރާއީލާއި ފަލަސްތީނުގެ ވާހަކަތަކުގެ އެޖެންޑާގައި ފަލަސްތީނުން ހިމަނާފައިވާ މައިގަނޑު މައްސަލަތަކަކީ ޣައްޒާއާ ދެކޮޅަށް އިސްރާއީލު ހިންގަމުންގެންދާ އުދުވާން ދާއިމީ ގޮތަކަށް ހުއްޓާލުމާއި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނިމުމަކަށް ގެނައުމެވެ.

އިސްރާއީލުން ހުށަހަޅާފައިވާ މައިގަނޑު މައްސަލަތަކަކީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީނުގެ މުޖާހިދުން ދެމުންގެންދާ ރޮކެޓް ޙަމަލާތައް ހުއްޓާލުމާއި މުޖާހިދުންގެއަތުން ހަތިޔާރު ނިގުޅައިގަތުމެވެ. ނަމަވެސް އިސްރާއީލުން ފަލަސްތީނުގެ ބިންތައް ހިފައި އެބިންތަކަށް ވެރިވެގަނެގެން ތިބޭހާ ހިނދަކު މުޖާހިދުންގެ އަތުން ހަތިޔާރު ނިގުޅައިގަތުމުގެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ފަލަސްތީނުގެ ވަފްދުން ދެކޮޅުހެދުމުން މިމައްސަލަ ސުލްހައިގެ ވާހަކަތަކުގެ އެޖެންޑާއިން މިހާރު ނަގާފައިވާ ކަމަށް ފަލަސްތީނުގެ ވަފްދުން ބުނެ އެވެ.

މިވާހަކަތަކުގައި ބައިވެރިވާ ފަލަސްތީނުގެ ވަފްދުގެ މެންބަރެއް ކަމަށްވާ އިއްޒަތުއްރިޝްގު ވިދާޅުވީ ގާހިރާގެ ވާހަކަތައް ކުރިޔަށްދަނީ ވަރަށްލަހުން ކަމަށާ ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ޙިސާރުގެ ފިޔަވަޅުތައް ނައްތާލުމަށް އިސްރާއީލުން ދެކޮޅުހަދަމުންގެންދާ ކަމުގަ އެވެ. އަދި އިސްރާއީލު މަސައްކަތްކުރަނީ ޙިސާރުގެ ފިޔަވަޅުތައް ނައްތާނުލައި ޙަމަލާތައް ބަދަލުކުރުން ވަގުތީ ގޮތުން ހުއްޓާލުމުގެ އެއްބަސްވުންތައް ކުރިޔަށްގެންދިޔުމަށް ކަމަށާއި ނަމަވެސް މިފުރްސަތު މާގިނައިން އިސްރާއީލަށް ނުދިނުމަށް ފަލަސްތީނުގެ ވަފްދުން މިހާރު ނިންމާފައިވާ ކަމަށް އިއްޒަތުއްރިޝްގު ވިދާޅުވި އެވެ.

ސުލްހައިގެ ވާހަކަތަކުގައި އިސްރާއީލަށް އެންމެ އުނދަގޫ ކަމަކަށްވެފައިވަނީ ޙަމާސްޖަމާއަތާއި ފަލަސްތީނުގެ ވެރިކަމުގެ އިދާރާ ހިމެނޭގޮތަށް ފަލަސްތީނުގެ އެއްވަފްދަކުން ފަލަސްތީނުގެ ސަރުކާރާއި މުޖާހިދުންގެ ޖަމާއަތްތައް ތަމްސީލުކުރާތީ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ފަލަސްތީނުގެ އެތެރޭގައި ބައިބައިވުން އުފެއްދުމަށް އިސްރާއީލު ކުރިމަސައްކަތް ނާކާމިޔާބުވުމުން ޙަމާސްގެ ޝަރުތުތަކަށް ބޯލެނބުން ނޫނީ ދާއިމީގޮތަކަށް އެޖަމާއަތުގެ ރޮކެޓް ޙަމަލާތަކާ ކުރިމަތިލުން މިނޫންގޮތެއް އިސްރާއީލަށް ނެތުމުން ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ފިޔަވަޅުތައް ނައްތާލުމާ މެދު އިސްރާއީލުގެ މަސްއޫލުވެރިން ފުންކޮށް ވިސްނަންޖެހިފައިވެ އެވެ.

ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ ފަލަސްތީނުގެ ވަފްދުންބުނީ އިސްރާއީލުގެ އުދުވާން ދާއިމީގޮތަކަށް ހުއްޓާލައި ޣައްޒާއާ ދެކޮޅަށް އަޅާފައިވާ ހިސާރުގެ ހުރިހާ ފިޔަވަޅުތަކެއް އެއްކޮށް ނައްތާލުން ނޫންގޮތެއް މިފަހަރު ގަބޫލުނުކުރާނެކަމުގަ އެވެ. އަދި މިކަންކަމަށް އިސްރާއީލު އެއްބަސްވުމުން ނޫނީ ޙަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމެއްގައި އިސްރާއީލާ އެކު ސޮއި ނުކުރާނެ ކަމަށް ވެސް ފަލަސްތީނުގެ ވަފްދުން ބުނެ އެވެ. (އަލްޖަޒީރާ)