ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލުގައި ޓެކްސް މާފުކުރުމާއި ދެކޮޅަށް އެމްޑީޕީއެކު ގާސިމް ވާހަކަފުޅު ދައްކަވާއިރު، އެބޭފުޅުންގެ ރިސޯޓްތައް ވެސް ހަދައި ނިންމާފަ ވަނީ ހުރިހާ ޓެކްސެއް މާފުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ރައީސްގެ ޚާއްސަ ދައުވަތަކަށް އެ ގައުމަށް ފުރައިވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ރޭ ވިދާޅުވީ އެސްއީޒެޑްގެ ބިލުގައި ދެކޮޅު ނުޖެހޭ ވާހަކަތަކެއް ހުރި ކަމަށް އެމްޑީޕީއާއެކު ގާސިމް ވެސް ވާހަކަފުޅު ދައްކަވާފައިރު، އަލަށް ހަދާ ރިސޯޓުތަކަށް ގެންނަ ހުރިހާ އެއްޗެއްގެ ޑިއުޓީ މިހާރު ވެސް މާފުކުރަމުންދާ ކަމަށެވެ.

"އެބޭފުޅުން މިހާތަނަށް ގެންނަވާފައި ހުރި ރިސޯޓްތަކުން ޓެކްސް މާފުނުވޭތޯ. އެބޭފުޅުންގެ ރިސޯޓްތައް ހަދާ ނިންމާ ހުރިހާ ކަމެއް ކޮށްފައި އެ ހުރީ ޓެކްސް މާފުކޮށްގެންނޭ. މިހާރު ވެސް އަލަށް ހަދާ ރިސޯޓަކަށް ގެންނަ ހުރިހާ އެއްޗެއް ޑިއުޓީ މާފުވޭ،" ރައީސް ވިދާޅުވި އެވެ. ""އެތިއްބެވީ އެސްއީޒެޑްގެ ފައިދާ ގާނޫނެއް ނެތި ހޯއްދަވައިގެން."

ދައުލަތް ހިންގާނީ ރައީސް ކަމަށާއި ދައުލަތުން ރަށްރަށް ދޫކުރުމާއި ބިންބިން ދޫކުރުމަކީ ރައްޔިތުންގެ މަޖިލީހުން ކުރާ ކަމެއް ނޫން ކަމަށް އިޝާރާތް ކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރައީސް އަތްމަތީގައި ނުވަތަ ދައުލަތް ހިންގަން ހުންނަ މީހާގެ އަތްމަތީގައި އިގްތިސާދީ ސަރަހައްދު ކަނޑައެޅުމުގެ ބާރު އޮތުމަކީ ރައްޔިތުންގެ މަޖިލީހުން ކަންބޮޑުވާންވީ ކަމެއް ވެސް ނޫން ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުން އުސޫލުތަކެއް ކަނޑައެޅިދާނެ އެހެން ވެގެން ގާނޫނެއް މި ހަނދަނީ. އެ އުސޫލުތައް ކަނޑައެޅުމަށްފަހު އެސްއީޒެޑް ކަނޑަ އަޅާނީ ރައްޔިތުންގެ މަޖިލީހަކުން ނޫން. ރައްޔިތުންގެ މަޖިލީހަކީ ހިންގުމުގެ ދާއިރާއާ ބެހޭ ތަނެއް ނޫން،" ރައީސް ވިދާޅުވި އެވެ.

އެސްއީޒެޑްގެ ތެރެއިން ފައިދާތަކެއް އެކަންކުރައްވައި ބޭފުޅުންނަށް ލިބިގެންދާނެ ކަމަށް ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ، ގާނޫނު އަސާސީން ހުއްދަ ދޭގޮތަށް ޓުއަރިޒަމް ގާނޫނަށް ވެސް އިސްލާހު ގެންނަވާނެ ކަމަށާއި މިއަހަރުގެ ތެރޭގައި އެކަން ވޭތޯ ބަލާނެ ކަމަށެވެ. އެގޮތުން، ޓުއަރިޒަމް ރަށްތައް ނަގައިގެން ތިއްބެވި ބޭފުޅުނަށް މިހާރު ހުރި މުއްދަތު 99 އަހަރަށް ޖައްސަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.