މެންޗެސްޓާ ސިޓީގެ ސްޕެއިން މިޑްފީލްޑަރު ހަވީ ގާސިއާ ރަޝިއާގެ ޒެނިތު ސެއިންޓް ޕީޓާސްބާގަށް ސޮއިކޮށްފި އެވެ.

އުމުރުން 27 އަހަރުގެ މިޑްފީލްޑަރު ސިޓީއާއެކު ދެ ސީޒަން ހޭދަކުރި އިރު، އޭނާއަށް އެ ކްލަބުގައި ވިދާލެވިފައެއް ނުވެއެވެ. ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ޒެނިތަށް އޭނާ ސޮއިކުރީ 15 މިލިއަން ޔޫރޯގެ އަގަކަށެވެ.

ރަޝިއާ ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ރަނަރަޕް ޒެނިތަށް ކުރީގެ ބެންފީކާ މިޑްފީލްޑަރު ސޮއިކޮށްފައިވާ ކަން އެ ކްލަބުން ވެސް ވަނީ ކަށަވަރުކޮށްދީފަ އެވެ.

ރޮބާޓޯ މަންޗިނީގެ ކޯޗު ކަމުގައި 2012 ވަނަ އަހަރު ގާސިއާ ސިޓީއަށް ސޮއިކުރީ 20 މިލިއަން ޔޫރޯގެ އަގަކަށެވެ. މިދިޔަ ސީޒަނުގައި ބްރެޒިލް މިޑްފީލްޑަރު ފެނާންޑޯނިއޯ ސިޓީއާ ގުޅުމާ ގުޅިގެން ގާސީއާއަށް ގިނަ ހުރަސްތަކެއް ކުރިމަތިވި އެވެ.

ގާސިއާ ސިޓީއާ ވަކިވި އިރު، އޭނާއަށް އެ ކްލަބަށް ކާމިޔާބުކޮށްދެވުނީ އެންމެ ދެ ލަނޑެވެ. އެ ދެ ލަނޑުގެ ތެރެއިން އެއް ލަނޑަކީ ސިޓީއަށް ކުޅުނު ފުރަތަމަ މެޗުގައި އޭނާ ކާމިޔާބުކުރި ލަނޑެވެ.