ސައިރިކްސް ކޮލެޖުން އަލަށް ފަށާ ކޯސްތަކުގެ ތެރޭގައި ބެޗްލާސް އިން އިން އިންފޮމޭޝަން ޓެކްނޮލޮޖީ އާއި ބެޗްލާ އޮފް ބިޒްނަސް ހިމަނައިފި އެވެ. އެ ކޮލެޖުގައި ބެޗްލާސް ކޯސްތައް ފަށައިގަންނަނީ މުޅިން އަލަށެވެ.
ސައިރިކްސް ކޮލެޖުން ބުނީ މިދިޔަ ހުކުރު ދުވަހާއި އިއްޔެ އެ ކޮލެޖުން ޓްރޭޑާސް ހޮޓަލުގައި ބޭއްވި "ކޮލެޖް އޯޕަންޑޭ"ގައި އެންމެ ބޮޑަށް ސަމާލުކަން ދީފައި ވާނީ އަލަށް ފެށޭ ބެޗްލާސް ދެ ކޯހާ ގުޅޭ ގޮތުން ދަރިވަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ކަމަށެވެ.
ބެޗްލާސް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ސައިރިކްސް ކޮލެޖުން ޑިޕްލޮމާ ހަދާފައިވާ ކުދިންނާއި އޭލެވެލް ނިންމާފައިވާ ކުދިންނަށް ހުޅުވާލެވިފައިވާ ކަމަށް ވެސް އެ ކޮލެޖުން ބުންޏެވެ.
އަލަށް ފަށާ ކޮންމެ ކޯހަކަށް ވެސް ސެމިސްޓާ އެއްގެ މައްޗަށް ދައްކަން ޖެހެނީ 9600ރ. އެވެ. ނަމަވެސް އަހަރެއްގެ ފީ އެއްފަހަރާ ދައްކާ ނަމަ އެއްމަސް ދުވަސް ހިލޭ ކޮށްދޭ ގޮތަށް ސައިރިކްސް އިން ވަނީ ހަމަޖައްސާފަ އެވެ.
މީގެ އިތުރުން އެ ކޮލެޖުން ޑިޕްލޮމާގެ ތިން ކޯހަކާއި އެޑްވާންސް ސެޓްފިކެޓްގެ ތިން ކޯހަކާއި ސެޓްފިކެޓް ތްރީގެ ހަ ކޯހަކާއި ސެޓްފިކެޓް ދޭއްގެ ތިން ކޯހަކާއި ސެޓްފިކެޓް ވަންގެ ކޯހެއް މިއަހަރު ކުރިއަށް ގެންދާނެ އެވެ.