14:30


މަގުމަތި ޕެޓްރޯލްކުރަމުންދިޔަ ފުލުހުންގެ ކާރެއް، ބޮޑުތަކުރުފާނު މަގުން ގޮސް ބާރު ސްޕީޑުގައި އަނބުރާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުވެގެން ގޮސް، ގޯޅިއެއްގައި ޕާކްކޮށްފައި އޮތް ވޭނަކާއި ކާރަކާއި ތިން ސައިކަލްގައި ޖެހި އެ ވެހިކަލްތަކަށް ގެއްލުންވެއްޖެ އެވެ.


މި ހާދިސާ ހިނގައިފައި ވަނީ ބޮޑުތަކުރާފާނު މަގުން އިރަށް ދިޔަ ފުލުހުންގެ ކާރު، ދަރުބާރުގޭ އިރުމަތިން އޮންނަ މަގަށް ލަނބާލަން އުޅުމުގެ ތެރޭގައި މިއަދު މެންދުރުގެ ވަގުތެއްގަ އެވެ. ކާރު ގޮސް ޖެހުނުލެއް ބާރުކަމުން ޕުލުހުންގެ ކާރުގެ ކުރީކޮޅު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. އަދި ޕާކުކޮށްފައި އޮތް ވޭނުގެ އަރިމައްޗާއި އެތާ އޮތް ކާރުގެ ފަހްތަކޮޅު ވެސް ވަނީ ހަލާކުވެފަ އެވެ. އަދި ޕާކްކޮށްފައި ހުރި ސައިކަލްތަކަށް ވެސް ވަނީ އެކިވަރުގެ ގެއްލުން ވެފަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ އެކްސިޑެންޑް ހިނގީ ފުލުހުންގެ ޕެޓްރޯލް ކާރު ތަންކޮޅެއް އަވަހަށް ތަނަކަށް ދާންވެގެން އުޅުމުގެ ތެރޭގައި ކަމަށާއި އެ ހާދިސާ ހިނގީ ބަލަންވާ ވަރަށް ނުބަލާ ކާރު އަނބުރާލުމުގެ ސަބަބުން ކަމަށެވެ. އެ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.


މި އެކްސިޑެންޓް ހިނގި ތަނަށް ސަންއެފްއެމްގެ ނޫސްވެރިން ދިޔައިރު، ކާރު ދުއްވި ޒުވާން ޑްރައިވަރު ވެސް ފުލުހުންގެ ޔުނީފޯމުގައި އެ ތަނުގައި ހަރަކާތްތެރިވަމުންދިޔަ އެވެ. ނަމަވެސް ފުލުހުންގެ ޔުނީފޯމުގައި ހަރުކޮށްފައި ހުންނަ ނަން ޓެގް އޭނާ ވަނީ ނައްޓާލައިފަ އެވެ.