15 Aug 2014, 01:01
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔާމު ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި އެންމެ އިސްކަމެއް ދެއްވާނީ، ހުޅުމާލެ ބްރިޖް އެޅުމުގެ މަޝްރޫއަށް ޗައިނާގެ އެހީތެރިކަން ހޯދުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީން ޗައިނާއަށް ކުރައްވާ ދަތުރުފުޅަކީ ނަންޖިންގައި ބާއްވާ ޔޫތު އޮލިމްޕިކްސް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމުގެ ސަރުކާރުން ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.
ޗައިނާއަށް ފުރާވަޑައިގަތުމުގެ ކުރިން މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެ ދަތުރުފުޅުގައި ޗައިނާގެ ރައީސާއި ޗައިނާގެ ހުރިހާ އިސް މަސްއޫލު މެމްބަރުންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އެ ބައްދަލުވުންތަކުގެ ތެރޭގައި ރާއްޖޭގައި ހިންގަން މަސައްކަތްކުރާ މަޝްރޫއުތަކުގައި ޗައިނާގެ ފަރާތުން އެކަން ކުރުމުގެ އެންމެ ގާބިލް އެންމެ ބޮޑެތި ކުންފުނިތަކުގެ ލީޑަރުންނާ ބައްދަލުވާނެ ކަމަށާއި އެ ދަތުރުފުޅުގެ މަސައްކަތަކީ ދިވެހިރާއްޖެއަށް އިންވެސްޓްމަންޓް ހޯދުމަށާއި ސަރުކާރުގެ ހިޔާލުގައި ދިވެހި ރައްޔިތުންނަށް ހޯދައިދޭން ބޭނުންވާ ކުރިއެރުމަށް މުހިންމުވާ މަޝްރޫއުތަކާ ބެހޭގޮތުން ވާހަކަދައްކައި އެހީތެރިކަން ހޯދުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ޗައިނާ ސަރުކާރުން އަޅުގަނޑުމެން ކައިރީ އެއްސެވި ޗައިނާއިން ދިވެހިރާއްޖެއަށް ކަންތައްތައް ކުރައްވަން ބޭނުންފުޅުވާނެ ކަމަށް. އެހެންވީމަ އަޅުގަނޑުމެން ސަރުކާރަށް އެންމެ މުހިންމު މަޝްރޫއަކީ ކޮބައިތޯ ހާމަކޮށްދޭށޭ. އެ މަޝްރޫއަކަށް ޗައިނާ ސަރުކާރުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއްވާނެ ކަމަށް ވިދާޅުވި. ދެން އަޅުގަނޑުމެން ތެރޭގައި ވާހަކަދައްކާފައި އަޅުގަނޑުމެންނަށް އިއްތިފާގުވެވުނީ އެންމެ މުހިންމު މަޝްރޫއަކަށް ޒުވާނުންގެ ސިޓީއާއި މީހުންގެ ދިރިއުޅުން ފަސޭހަކޮށްދިނުމަށް މާލޭ އާއި ހުޅުމާލޭގެ ބްރިޖުގެ ކަންތައް،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، ހުޅުމާލޭ ބްރިޖް އެޅުމުގެ މަޝްރޫއު ލަސްކޮށްލީ ޗައިނާގެ ބޮޑެތި ކުންފުނިތަކަކީ ސަރުކާރުގެ ކުންފުނިތަކަށް ވެފައި ލޯނު ފެސިލިޓީ ލިބުމުގައި އެގައުމުގެ ސަރުކާރުގެ ރުހުން ލިބޭ ކުންފުނިތަކަށް ނޫނީ ގަބޫލުކުރާ ކުންފުނިތަކަށް ފައިނޭންސް ހޯދުމުގައި ވަރަށް ދީލަތި އެހީ ލިބޭ ކަމަކަށް ވާތީ ކަމަށާއި ޗައިނާގެ ދަތުރު ކުރިއަށް އޮތީމަ އެކަމަށް ޗައިނާއިން ލަފާ ދެއްވީމަ ކަމަށެވެ. އަދި ދަތުރުފުޅުގައި އެ މަޝްރޫއުގެ ކަންތައް ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ބަލަނީ ކޮމާޝަލް ޓާމްސްގައި މިހާރު މިހިރަ ޓެންޑަރުތަކުގައި އަޅުގަނޑުމެން ގޮތެއް ނިންމުމުގެ ކުރިން އަޅުގަނޑުމެންނަށް ޗައިނާ ސަރުކާރުގެ ބޮޑު ބައެއް ހިލޭ އެހީގެ ގޮތުގައި ބްރިޖަށް އެއްވެސް ކަހަލަ އުންމީދެއް އޮތްތޯ ބެލުމަށް. އެހެންވީމާ، މި ރަސްމީ ވާހަކަތަކުގެ ތެރޭގައި މިކަން ގޮތަކަށް ނިންމާފައި ނޫނިއްޔާ އަޅުގަނޑުމެން ބޭނުންނުވީ، ބްރިޖްގެ ކަންތައް މިހާރު މިއޮތް ގޮތަށް ނިންމަން،" ރައީސް ވިދާޅުވި އެވެ.
ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ އެކި ދާއިރާތަކުން އިންފްރާސްޓްރަކްޗާ ގާއިމްކުރުމަށް ބޭނުންވާނެ މަޝްރޫއުތަކާ ގުޅޭގޮތުން ވެސް ޗައިނާ ސަރުކާރާ ވާހަކަދައްކަވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
މާލެއާ ހުޅުމާލެއާ ދެމެދު ބްރިޖް އެޅުމަށް ޝައުގުވެރިކަން ފާޅުކުރި 19 ފަރާތުން އެ ޕްރޮޖެކްޓްގެ ތަފުސީލު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލީ މިދިޔަ މެއި މަހުގެ ކުރީކޮޅެވެ.