15 Aug 2014, 00:58
ސަރުކާރުން ވިޔަފާރިވެރިންނާ ރަށްތައް ހަވާލުކޮށްފައި އޮތްނަމަވެސް، އެއްބަސްވުމުގައިވާ ގޮތަށް އެތަނުގެ މަސައްކަތް ކުރިއަށް ނުގެންދާނަމަ އެތަންތަން އަތުލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ރައީސްގެ ޚާއްސަ ދައުވަތަކަށް އެގައުމަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ވަސީލަތްތައްދެނީ އެގްރިމެންޓާއި އެއްގޮތަށް އެ ވަސީލަތްތައް ތަރައްގީކޮށް ރައްޔިތުންނަށް ފައިސާ ވަންނަގޮތަށް ކަންތައްތަކެއް ކޮށްދިނުމަށް ކަމަށެވެ. ނަމަވެސް އެގްރީމެންޓާ އެއްގޮތަށް އަމަލުނުކުރާނަމަ ކޮންމެ ބަޔަކާ ހަވާލުކޮށްފައި އޮތް ރަށެއް ކަމުގައި ވިޔަސް ސަރުކާރަށް ނަގާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގައި ހުރި އެންމެ ބޮޑު ވިޔަފާރިވެރިޔާ ވިޔަސް އަދި އެހެން މީހެއް ވިޔަސް ސަރުކާރު ކުރިމަތީގައި އުސޫލުތައް ހިފެހެއްޓުމުގައި ހަމަ އެއްގޮތް ވާނެ...މިއީ ކޮންމެހެން އެންމެ ބޮޑު ވިޔަފާރި ވީމަ ވާގޮތެއް ނޫން. އަދި އެންމެ ބޮޑު ވިޔަފާރި ވެރިޔާ ވިޔަސް އަދި އެންމެ ކުޑަ ވިޔަފާރި ވެރިޔާ ވިޔަސް ގަވާއިދުތަކެއް ވަނީ ޝާއިއު ކުރެވިފައި،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތްތަކެއް ކުރުމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑަށް 20 އަހަރަށް ދޫކޮށްފައިވާ ލ. ބަރެސްދޫ ކުއްޔަށްދިން މުއްދަތު އިތުރު ނުކުރުމަށް ސަރުކާރުން ނިންމާފައި ވަނީ އެތަން ތަރައްގީ ނުކޮށް ގިނަ ދުވަސްތަކެއް ވާތީ ކަމަށެވެ.
"ބަރެސްދޫ 21 އަހަރުވެއްޖެ ދީފަ އޮންނަތާ. އެތާކު ނެތް ކޮށްފައޮތް އެއްވެސް މަސައްކަތެއް. ބަރެސްދޫ އަކީ ބޮޑު ބިޔަ ރަށެއް. އެރަށަކީ މިހާރު ދަނޑުވެރިކަމުގެ ސިނާއަތަށް ނުދީ ފަތުރުވެރިކަމުގެ ސިނާއަތަށް ދީފަ އޮންނަ ނަމަ އެތައް މިލިއަން ޑޮލަރެއް ލިބިގެންދިޔައީސް. ދެއްތޯ،" ރައީސް ވިދާޅުވި އެވެ.
ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް ހިންގުމަށް 50 އަހަރަށް ހަވާލުކޮށްފައިވާ ވިލާ ގްރޫޕުގެ ސަބްސިޑަރީ ކުންފުނި ވިލާ އެއާ އަތުން، އެތަން ނަގާފައި ވަނީ ވެސް އެގްރިމެންޓާ އެއްގޮތަށް އަމަލުނުކުރާތީ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއީ ކޮންމެހެން އިގްތިސާދާއި ވިޔަފާރިއަށް ހުރަސްއަޅެނީ ނޫންހެން. އިގްތިސާދާއި ވިޔަފާރީގެ ކަންތައްތައް ކުރިއެރުވުމަށް ދީފަ ހުންނަ ތަންތަން އެއާ އެއްގޮތަށް ބޭނުން ނުކުރާއިރު، ވެސް ބަހައްޓާފަ ހުރެއްޖެއްޔާ އެއީ ހުރަސްއެޅުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ފަތުރުވެރިކަމިގެ މަސައްކަތް ކުރުމަށް ތ. އަތޮޅުގެ ބައެއް ރަށްތައް ބަޔަކާ ހަވާލުކޮށްފައިވާތާ ދިގުމުއްދަތެއް ފާއިތުވެގެން ދިޔައިރުވެސް އެތަންތަން ނިމިފައިނުވާ ކަމަށެވެ.
"ތ. އަތޮޅުގެ ބައެއް ރަށްތައް އެބަހުރި އަށް އަހަރު 10 އަހަރު ވެގެންދާ ރަށްތައް. އެރަށްރަށް ދީފައި އެހެރީ އާމްދަނީ ހޯދަން ވަޒީފާއަށް ފުރުސަތު ހޯދައިދޭން. އެ ރަށްރަށް ހެދިގެން ނޫނީ މީހުންނަށް ވަޒީފާ ލިބޭނެ ގޮތެއް ނެތް. ސަރުކާރަށް އެއްވެސް ޓެކްހެއް ލިބޭނެ ގޮތެއް ނެތް. ކޮބައިތޯ ދެން ބޭނުމަކީ. އެހެން ދީފައި ހުންނަ ރަށްރަށް ވަކިކުރުމަކީ އިގްތިސާދީ ގޮތުން އެކަން ކުރަންޖެހޭ ގޮތް،" ރައީސް ވިދާޅުވި އެވެ.