15 Aug 2014, 00:49
ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބޭ މީހުން ރަނގަޅުވެގެން މުޖުތަމައުއަށް ނުކުމެވޭނެ މާ ގިނަ ކަންތައްތަކެއް އެ މަރުކަޒުގައި ފަހިވެފައި ނުވާ ކަމަށް ބަންޑާރަ ނައިބު އަދި ލޯ އެންޑް ޖެންޑާ މިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.
އިޖްތިމާއީ ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އަނިލް ވިދާޅުވީ، ގުރައިދޫ ސެންޓަރަކީ މިހާރު ހަމައެކަނި ސިކުނޑީގެ ބަލި މީހުންނާއި އުމުރުން ދުވަސްވެފައިވާ މީހުންނާއި ބައެއް ނުކުޅެދުންތެރިކަން ހުންނަ މީހުން "ބައިތިއްބަން" ހުރި ތަނެއް ކަމަށެވެ.
"އެތަނުން އެމީހުން ހިދުމަތްތަކެއް ލިބިގެން ރަނގަޅުވެގެން މުޖުތަމައުއަށް ނުކުމެވޭނެ މާ ގިނަ ކަންތައްތަކެއް ނުހިނގާ. އެތަނަކީ ހަމައެކަނި އެމީހުންނަށް ކާންދީ، ބޯންދީ ނިދުމުގެ ކަންތައްތަކެއް ހަމަޖެހިގެންދާ ތަނެއްގެ ގޮތުގައި މިހާރު އޮތީ،" އޭޖީ ވިދާޅުވި އެވެ.
އަނިލް ވިދާޅުވީ، ގުރައިދޫ ސެންޓަރުގައި ތިބި މީހުންގެ ހުރި އެކިއެކި އުނި ކަންތައްތަކުގެ ތެރެއިން ރަނގަޅުކުރެވެން ހުރި ކަންތައްތަކާއި ގުޅޭ ދިރާސާތަކެއް މިހަފްތާއިން ފެށިގެން ޕާކިސްތާންގެ ޕްރޮފެސަރުންތަކެއް ކުރަމުން ގެންދަވާ ކަމަށެވެ. އަދި ދިރާސާއަށްފަހު އެ މަރުކަޒުގެ ހިދުމަތް ރަނގަޅުކުރުމަށް ހުރި ކަންތައްތަކުގެ ރިޕޯޓްތަކެއް ހުށަހަޅުއްވަމުން ގެންދަވާނެ ކަމަށް އަނިލް ވިދާޅުވި އެވެ.
އަނިލް ވިދާޅުވީ، އެޓާނީ ޖެނެރަލްގެ އޮފީހުން ރައްޔިތުން މަޖިލީހުގެ ފުރަތަމަ ދައުރަށް 40 ވަރަކަށް ބިލް ހުށަހެޅިފައިވާ ކަމަށާއި މި ދައުރުގެ ބާކީ ބައިގައި ފަސް ވަރަކަށް ބިލް ހުށަހެޅުމުގެ މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ. އެގޮތުން ހުށަހަޅާ ބިލްތަކުގެ ތެރޭގައި ކޮންސްޓްރަކްޝަން ދާއިރާގެ ބިލް ފައިނަލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާ ކަމަށާއި އަންނަ އޮކްޓޯބަރު މަހު ފަށާ އާ ދައުރުގައި ވެސް ބިލްތަކެއް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.
ޖީއެމްއާރުގެ މައްސަލައަށް ވާހަކަފުޅުދައްކަވަމުން އޭޖީ ވިދާޅުވީ، ޖީއެމްއާރުގެ އާބިޓްރޭޝަން މައްސަލައަކީ ދެ ބަޔަކަށް ހިންގަމުންދާ މައްސަލައަކަށްވާއިރު، އޭގެ އެއްބައި މިހާރު ނިމިފައިވާ ކަމަށެވެ. ނަމަވެސް އޭގެ ދެވަނަ ބައި ނުފެށި އޮތީ، ޖީއެމްއާރުގެ ފަރާތުން އެ ފަރާތަށް ލިބުނު ގެއްލުންކަމަށް އެބޭފުޅުން ގަބޫލުކުރައްވާ އަދަދު ދައުލަތަށް ހުށަހަޅާފައި ނުވާތީ ކަމަށް އަނިލް ވިދާޅުވި އެވެ.