ތަމްރީނާއި ތަޖުރިބާ ހޯދުމަށް ރާއްޖޭގެ ޒުވާން ދެ މަސްވެރިއަކު އެމެރިކާއަށް ފުރައިފި އެވެ.

ތަމްރީނު ހޯދުމަށް އެމެރިކާގެ ސީޓަލްއަށް ފުރާފައި ވަނީ ދ. މީދޫއަށް ނިސްބަތްވާ ޝަހުދާން މޫސާ އާއި ލ. ގަމަށް ނިސްބަތްވާ އަބްދުﷲ ޔަމާން އެވެ.

އެ ދެ މަސްވެރިންނަކީ މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުން ދިވެހި މަސްވެރިންނަށް ފޯރުކޮށްދެމުން އަންނަ ތަމްރީނު ޕްރޮގްރާމްތަކުގެ ތެރެއިން މާކެޔޮޅުން ތަމްރީންކުރުމަށް ހިންގި ފުރަތަމަ ބުރުގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ދެ މަސްވެރިއެކެވެ.

އެ ދެ މީހުން ފުރާފައި ވަނީ މިރޭ 11:00ގައި އެމިރޭޓްސްގެ ފްލައިޓަކުންނެވެ. ފިޝަމަން އެސޯސިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ އެމީހުން އެމެރިކާއަށްދާނީ ގަތަރުމަގުން ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ އެ ދެ މަސްވެރިން އެމެރިކާގެ ސީޓްލްގައި އޮގަސްޓް 15 އިން ފެށިގެން ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހޭދަކުރާނެ ކަމަށެވެ. އެގޮތުން 10 ދުވަހުގެ މަސްވެރިކަމުގެ ދެ ދަތުރެއްގައި އަމަލީގޮތުން ބައިވެރިވެ އެމެރިކާގައި ދޮށީގެ މަސްވެރިކަން ކުރަމުން އަންނަގޮތްތަކާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، އޮޑިމަތީގައި މަސްގެންގުޅުމުގައި އަމަލުކުރަމުންދާ އުސޫލުތަކާއި މަސްވެރިކަމާ ގުޅޭ އެހެނިހެން ކަންކަމުގެ އަމަލީ ތަޖުރިބާ ލިބިގަންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

އެ ދަތުރަކީ ފިޝަރީޒް މިނިސްޓްރީ އާއި އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަނާ ދެމެދު ރާއްޖޭގެ ދޮށީގެ މަސްވެރިކަން މާކެޓްކޮށް ކުރިއެރުވުމަށް ސޮއިކޮށްފައިވާ އެމްއޯޔޫ ގެ ދަށުން، މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ އިސްނެގުމާއެކު އިންޓަނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަންއިން ސޮޕޮންސާ ކޮށްގެން އެމެރިކަން އަލްބަކޯ އެސޯސިއޭޝަނާއި ޔޫއެސް ޕޯލް އެންޑް ޓްރޯލް އަލްބަކޯ ފިޝަރީއާއި ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ޕްރޮގްރާމެކެވެ.

އެ ދެ މީހުން ފުރުމުގެ ކުރިން ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވަނީ އެ ދެ މީހުންނާ ބައްދަލު ކުރައްވައި މަރުހަބާ ދަންނަވައި ހިތްވަރު ދެއްވާފަ އެވެ.