15 Aug 2014, 00:08
ނިމިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ޚަރަދުކުރި ގޮތުގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ނުވާ 76 ކެންޑިޑޭޓުންގެ މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އިލެކްޝަންސް ކޮމިޝަނަށް ފޮނުވައިފި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް، އެސިސްޓެންޓް ޕަބްލިކް ޕްރޮސިކިއުޓާ ހުސައިން ނާޝިދު 'ސަން'އަށް ވިދާޅުވީ، މާލީ ބަޔާން ހުށަހަޅާފައި ނުވާ ކެނޑިޑޭޓުންގެ މައްސަލަ އެ އޮފީހުން ދިރާސާ ކުރި އިރު، ތަހުގީގު އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަތަކުގެ ތަހުގީގު ފުރިހަމަކުރުމަށް އިލެކްޝަންސް ކޮމިޝަނަށް ފޮނުވާފައިވާ ކަމަށް ނާޝިދު ވިދާޅުވި އެވެ.
"އެ މައްސަލަ އަނބުރާ ފޮނުވާލީކީ ނޫން. ތަހުގީގު ފުރިހަމަ ކުރުމަށްފަހު އަލުން ޕީޖީ އޮފީހަށް ފޮނުވުމަށް އަންގައި ފޮނުވާފައި ވަނީ،" ނާޝިދު ވިދާޅުވި އެވެ.
މާލީ ބަޔާން ހުށަނޭޅި ކެނޑިޑޭޓުންގެ މައްސަލަ އިލެކްޝަންސް ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ މަހުގެ ތެރޭގައެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ މެމްބަރަކު ހިމެނިވަޑައި ނުގަންނަވާ ކަމަށެވެ.
އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން އިންތިޚާބުގައި ވާދަ ކުރި ކޮންމެ ކެންޑިޑޭޓަކު އިންތިހާބަށް ޚަރަދު ކުރި ގޮތުގެ މާލީ ހިސާބުތަކުގެ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ. އެ ރިޕޯޓް ހުށަހަޅަން ޖެހޭނީ އިންތިޚާބު ބާއްވާތާ 30 ދުވަސް ތެރޭގަ އެވެ.
މަޖިލިސް އިންތިޚާބުގައި ބައިވެރިވި 302 ކެންޑިޑޭޓުންގެ ތެރެއިން މާލީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައި ވަނީ 226 ކެންޑިޑޭޓުންނެވެ.
ކެންޑިޑޭޓުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭ މާލީ ތަފްސީލުތަކުގެ ތެރޭގައި ތާއިދު ހޯދުމަށް ޚަރަދު ކުރި ފައިސާގެ ޖުމްލަ އަދަދާއި ކެމްޕޭނަށް ފައިސާ ހޯދި ގޮތާއި އެ ފައިސާ ދިން ފަރާތްތަކުގެ މައުލޫމާތާއި އެ ފަރާތްތަކުން ދިން ފައިސާގެ ތަފްސީލު ހުށަހަޅަން ޖެހެ އެވެ. އަދި އިންތިޚާބަށް ޚާއްސަކޮށް ހުޅުވާފައިވާ ބޭންކް އެކައުންޓުގެ ސްޓޭޓްމަންޓެއް ވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 73 ވަނަ މާއްދާގައި ބުނެފައިވެ އެވެ.
އެ ގާނޫނުގައި ބުނެފައިވާ ގޮތުން އިންތިޚާބާ ގުޅޭ މާލީ ކަންކަމާ ބެހޭ މައުލޫމާތު ހުށަނާޅައިފި ނަމަ އެ ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި ހަ މަސް ދުވަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ އެވެ. ނުވަތަ 6000 ރުފިޔާ އާއި 24،000 ރުފިޔާގެ އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް ވެސް އެ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނެފައިވެ އެވެ.