ގދ. ހޯޑެއްދޫގައި މަސް ފެކްޓްރީއެއް އެޅުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާގެ ޗެއާމަން ގާސިމް އިބްރާހިމުގެ ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޑެޓް ކުންފުންޏަށް ދޫކޮށްފައިވާފައިވާ ބިން ނަގާނެކަން އަންގައި 30 ދުވަހުގެ ނޯޓިސް ފޮނުވައިފި އެވެ.

ސަރުކާރުގެ އިސް އޮފިޝަލަކު މިރޭ "ސަން" އަށް ވިދާޅުވީ ހޯޑެއްދޫން އިން ހޮރައިޒަން ފިޝަރީޒަށް ދޫކޮށްފައިވާ ބިން ނެގުމަށް ސަރުކާރުން ނިންމީ އެ ބިން ދޫކުރުމަށް އެކުންފުންޏާ އެކު ވެފައިވާ އެއްބަސްވުމާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ނުގެންދާތީ ކަމަށެވެ.

"އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުދާތީ ވާނީ 30 ދުވަހުގެ ނޯޓިސްއެއް ފޮނުވާފައި،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެއްބަސްވުމާ އެއްގޮތަށް ކަންކަން ކުރިއަށް ނުދާތީ އެކަން ތަފްސީލުކޮށް ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޑެޓް ކުންފުންޏަށް އަންގާފައިވާ ކަމަށެވެ.

އޭގެ އިތުރުން ދަނޑުވެރިކަމާއި މަސްވެރިކަމުގެ މަސައްކަތްތަކެއް ކުރުމަށް ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮންޕެނީ ޕްރައިވެޓް ލިމިޓެޑަށް 20 އަހަރަށް ދޫކޮށްފައިވާ ލ. ބަރެސްދޫގެ މުއްދަތު މި އަހަރަށް ހަމަވިޔަސް، އެ ރަށުގެ މުއްދަތު އިތުރު ނުކުރަން ސަރުކާރުން ނިންމާފައިވާ އިރު 50 އަހަރަށް ވިލާ އެއާ އަށް ކުއްޔަށް ދީފައިވާ ގދ. ކާޑެއްދޫ ވެސް މިއަދު ވަނީ ސަރުކާރަށް ނަގާފަ އެވެ.