ހޭންޑްބޯލް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ދެ ވަނަ ގައުމީ ހޭންޑްބޯލް މުބާރާތުގެ އެކްސްކުލޫސިވް ސްޕޮންސަރަކަށް ބޭންކު އޮފް މޯލްޑިވެސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ.

މިމަހު 15 އިން 22 އަށް ކރިއަށް ގެންދާ މި މުބާރާތުގެ ސްޕޮންސާޝިޕް އެއްބަސްވުމުގައި ސޮއިކުރުން އޮތީ، މިރޭ ސިޓީ ގާޑެންގައި އެކަމަށް ބޭއްވި ހަފްލާއެއްގަ އެވެ. އެއްބަސްވުުގައި ހޭންޑްބޯލް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ، އެ އެސޯސިއޭޝަންގެ ޗެއާޕާސަން އިބްރާހީމް އިސްމާއީލް އެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮެއިކުރެއްވީ، އެ ބޭންކުގެ މާކެޓިން ޑިރެކްޓަރު ރިފްއަތު މުހައްމަދު އެވެ.

މީގެ ފަސް ވަރަކަށް އަހަރު ކުރިން ރާއްޖެއަށް ތައާރަފްވި ހޭންޑްބޯލް ގައުމީ ފެންވަރުގައި ބާއްވާ މިއީ ދެވަނަ ފަހަރެވެ. ފުރަތަމަ ގައުމީ ހޭންޑްބޯލް މުބާރާތް މިދިޔަ އަހަރު ބާއްވާފައި ވާއިރު، އެ މުބާރާތުގައި އެންމެ ތިން ޓީމު ވާދަކުރި ނަމަވެސް މިފަހަރުގެ މުބާރާތުގައި އެ އަދަދު ވަނީ ދެގުނައަށް އިތުރު ވެފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވި، ރިފްއަތު މުޙައްމަދު ވިދާޅުވީ، ހޭންޑްބޯލް މޯލްޑިވްސްއާ އެކު އެ ބޭންކުން ވެފައިވާ އެއްބަސް ވުމުގެ ދަށުން، މި ކުޅިވަރު އިތުރަށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައި ވާ ކަމަށެވެ.

"އަޅުގަނޑުމެން މި މުބާރާތުގެ ސްޕޮންސަރެއްގެ ގޮތުގައި ސޮއި ކުރި ނަމަވެސް އަޅުގަނޑުމެން ބޭނުން ވަނީ، ކުރިއަށް އޮތްތަނުގައި ހޭންޑްބޯލް އަކީ، ރާއްޖޭގެ ދެވަނަ ކުޅިވަރުގެ ގޮތުގައި ބެލެވޭވަރަށް މި ކުޅިވަރު ތަރައްގީކުރުން،" ރިފްއަތު ވިދާޅުވި އެވެ.

ހޭންޑްބޯލް މޯލްޑިވްސްގެ ޗެއާޕާސަން އިބްރާހީމް އިސްމާއީލް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއިން ހޭންޑްބޯލް ކުރިއެރުވުމަށް ފާޅުކޮށްފައިވާ ޝައުގުވެރިކަމާއި ވެދީފައިވާ އެހީ ފާހަގަކޮށް އެ ބޭންކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި ހޭންޑްބޯލް ކުރިއެރުވުމުގެ މަސައްކަތް އެ އެސޯސިއޭޝަނުން ފަށައިގެން އުޅެނީ ވަރަށް ބޮޑު ތަސައްވުރެއް އޮވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ފުރަތަމަ ބޭނުންވަނީ ދިވެހި ރާއްޖޭގައި މި ކުޅިވަރު ރަނގަޅަށް އެސްޓަބްލިޝް ކުރަން. އިރާދަކުރެެއްވިއްޔާ އެ މަގުސަދުގައި އަޅުގަނޑުމެން މިކުރާ މަސައްކަތަށް މާތްﷲ ވާގި ދެއްވާނެ،" އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުވެސް ފުރުއްވަމުން އަންނަ އަދި މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ ކުރީގެ ރައީސް ވިދާޅުވި އެވެ.

"ބޭންކް އޮފް މޯލްޑިވްސް އިން އަޅުގަނޑުމެންނަށް މި ދެއްވި އެއްބާރުލެއްވުމަކީ، ހަމަ އެކަނި މި މުބާރާތް ހިންގުމަށް ވެދެއްވި އެއްބާރުލެއްވުމެއް ނޫން. އެއީ އަޅުގަނޑުމެންގެ މި ކުޅިވަރު ރާއްޖޭގައި ތަރައްގީ ކުރުމަށްޓަކައި އަޅުގަނޑުމެންނަށް ވެދެއްވި ވަރަށް ބޮޑު އެހީތެރިކަމެއް."

އިބްރާހީމް އިސްމާއީލް ވިދާޅުވީ، ގައުމީ ބޭންކާއި ހޭންޑްބޯލް މޯލްޑިވްސް ގުޅިގެންދިއުމަކީ ރާއްޖޭގައި މިކުޅިވަރު "އާރޯވެ ތާޒާވެގެން ދާނެކަމުގެ ޔަގީންކަން ލިބިގެން ދިޔަ ކަމެއް" ކަމަށެވެ.

ރާއްޖޭގެ އޮލިމްޕިކް ކޮމެޓީގެ މެންބަރެއް ކަމަށްވާ ހޭންޑްބޯލް މޯޑިވްސް އުފެދުނީ، 2009 ވަނަ އަހަރު އެވެ. ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މި އެސޯސިއޭޝަނަކީ، އިންޓަނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަނާއި އޭޝިއަން ހެންޑްބޯލް ފެޑެރޭޝަންގައި ވެސް ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ އެ ދެ ފެޑަރޭޝަންގެ މެންބަރު އެސޯސިއޭޝަނެކެވެ.