14 Aug 2014, 22:05
"މިނިވަން ނިއުސް"ގައި މަސައްކަތް ކުރާ ޖާނަލިސްޓެއް ކަމުގައި އަހުމަދު ރިލުވާން ގެއްލުނު މައްސަލަ ހިއުމަން ރައިޓްސް އޮފް ދަ މޯލްޑިވްސް އިން އދ.ގެ ސަމާލު ކަމަށް ގެނެސްފި އެވެ.
އެޗްއާރުސީއެމުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިނިވަން ނޫހުގެ ޖާނަލިސްޓަކު ގެއްލިގެން އުޅޭ މައްސަލައަކީ އެކޮމިޝަނުން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަަމަށެވެ. އަދި ރިލުވާން އަށް އެކި ފަހަރު މަތިން މަރުގެ އިންޒާރުތައްދީ ބިރުދައްކަމުން ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ވެސް އެކޮމިޝަނަށް ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެކޮމިޝަނުން ވަނީ އެފަދަ އިންޒާރުތައް ދީ ނޫސްވެރިންނަށް ހަމަލާތައް ދެމުންގެންދާތީ އެކަމާ މެދު ވެސް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެޗްއާރުސީމުން ބުނީ ނޫސްވެރިންނަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދެމުންގެންދާ އެފަދަ އިންޒާރުތަކާއި ރިލުވާން ގެއްލުނު މައްސަލާގައި ސަރުކާރުން އަމަލު ކުރާ ގޮތް ވަރަށް ގާތުން ބަލަމުން އަންނަ އިރު އެކަންކަން އދ.ގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
އެޗްއާރުސީއެމްގެ އިތިރުން މޯލްޑިވްސް ޖާނަލިސް އެސޯސިއޭޝަނުން ވެސް ރިލުވާން ގެއްލުނު މައްސަލާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެ ޖަމިއްޔާ އިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައި ވަނީ އޭނާ ހޯދުމަށް ހާއްްސަ މަސައްކަތްތަކެއްކޮށް އޭނާ އަށްވީ ގޮތެއް ސާފުކޮށްދިނުމަށް ކަމާ ބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. އަދި ފަަހަކަށް އައިސް ގޮތް ނޭނގޭ ފަރާތްތަކުން މީޑިއާގެ ފަރާތްތަކަށް ޓެކްސްޓް މެސެޖްތަކުން ދެމުން ގެންދާ އިންޒާރުތަކާ މެދު ކަންބޮޑުވުން ފާޅުކުރާ ކަމަށާއި މިނިވަން މީޑިއާއެއްގެ މަސައްކަތަކަށް ހުރަސް އެޅޭ އެއްވެސް ކަމެއް ނުކުރުމަށް ވެސް އެމްޖޭއޭ އިން ވަނީ ގޮވާލައިފަ އެވެ.
ރިލްވާންގެ ހަބަރެއް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ނުވެގެން އޭނާގެ އާއިލާ އިން އެކަން ވަނީ ފުލުހުންގެ އިދާރާއަށް ވެސް ހުށަހަޅައިފަ އެވެ. އަދި ފުލުހުން ވެސް ގެންދަނީ ހާއްސަ ސަމާލުކަމެއް ދީގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.