ތޫނިސް : ތޫނިސްގެ ބަރުލަމާނުގެ ރައީސް ފުއާދުލްމުބްޒަޢް އެޤައުމުގެ ރައީސްކަމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ރައީސް ކަމުގެ ޤާނޫނީ ހުވާ ކުރައްވައިފިއެވެ.

ބަރުލަމާނުގެ ރައީސް ޤައުމުގެ ރިޔާސަތާ ޙަވާލުވެވަޑައިގަތީ ތޫނިސްގެ ދަސްތޫރު ނުވަތަ ޤާނޫނު އަސާސީގެ 57 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ. ތޫނިސްގެ ދަސްތޫރީ މަޖިލީހުން ބުނިގޮތުގައި ކުރީގެ ރައީސް ޒައިނުލްޢާބިދީން ބިން ޢަލީ މަޤާމު ދޫކުރައްވައި ޤައުމުން ބޭރަށް ވަޑައިގެންނެވުމުގެ ކުރިން ޤައުމުގެ ރިޔާސަތު، ބޮޑުވަޒީރު މުޙައްމަދުލްޣައްނޫޝީއާ ޙަވާލުކުރައްވާފައިވަނީ ދަސްތޫރާ ޚިލާފަށެވެ.

މިފަދަ ޙާލަތެއްގައި ޤައުމުގެ ރިޔާސަތާ ވަގުތީގޮތުން ޙަވާލުވެ ވަޑައިގަންނަވަންޖެހޭނެ ކަމަށް ދަސްތޫރުގެ 57 ވަނަ މާއްދާ ބުނާ ފަރާތަކީ ބަރުލަމާނުގެ ރައީސް ކަމަށްވެސް ދަސްތޫރީ މަޖިލީހުން ބުނެއެވެ.
ބަރުލަމާނުގެ ރައީސް ފުއާދުލްމުބްޒަޢް، ރައީސް ކަމުގެ ޤާނޫނީ ހުވާކުރެއްވީ ރައީސް ޒައިނުލްޢާބިދީން ބިންޢަލީ މަޤާމު ދޫކުރައްވައި ޤައުމުން ބޭރަށް ފިއްލެވުމާ ގުޅިގެން ތޫނިސްގެ ރައީސްކަމުގެ މަޤާމު ހުސްވެފައިވާކަން ދަސްތޫރީ މަޖިލީހުގެ ވެރިޔާ ފަތްޙީ ޢަބްދުއްނާޒިރު ރަސްމީކޮށް އިޢްލާން ކުރެއްވުމާ ގުޅިގެންނެވެ.

ރިޔާސަތާ ހަވާލުވެވަޑައިގަތުމަށްފަހު ވަގުތީ ރައީސް ފުއާދުލްމުބްޒަޢް ވަނީ އިންތިޤާލީ (ކެއަރޓޭކާ) ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ބޮޑުވަޒީރު މުޙައްމަދުލްޣައްނޫޝީއާ ހަވާލުކުރައްވާފައެވެ. ޣައްނޫޝީ މިހާރު ގެންދަވަނީ ތޫނިސްގެ ހުރިހާ ސިޔާސީ ޕާޓީތަކެއް ގުޅިގެން ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލެއްވުމަށްޓަކައި އިދިކޮޅު ލީޑަރުންނާ މަޝްވަރާ ކުރައްވަމުންނެވެ.

އަނެއްކޮޅުން ތޫނިސްގެ އެންމެބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ އިސްލާމިކް ނަހްޟާ ޕާޓީގެ ލީޑަރު ރާޝިދް އަލްޣައްނޫޝީ ވަނީ ވަރަށް އަވަހަށް އެނބުރި ޤައުމަށް ވަޑައިގަންނަވާނެކަން ޢިޢްލާން ކުރައްވާފައެވެ. ތޫނިސްގެ އެންމެބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ އިސްލާމިކް ނަހްޟާ ޕާޓީއަކީ އިސްލާމީ ޚިޔާލުގެ ޕާޓީއަކަށްވާތީ ބެންޢަލީގެ ވެރިކަމުގައާއި އޭނާގެ ކުރިން ވެރިކަންކުރެއްވި އަލްޙަބީބު ބޫރްޤީބާގެ ވެރިކަމުގައިވެސް މިޕާޓީ ވަނީ މަނާކޮށްފައެވެ. އަދި ޕާޓީގެ އިސްވެރިން ހައްޔަރުކޮށް އެމީހުންނާ ދެކޮޅަށް ތޫނިސްގެ ސަރުކާރުތަކުން ބޮޑެތި އަނިޔާތަކާއި ޖަރީމާތައް ވެސް ހިންގާފައިވެއެވެ.

އިދިކޮޅު އިސްލާމިކް ނަހްޟާ ޕާޓީގެ ލީޑަރު ރާޝިދުލްޣައްނޫޝީ އަމިއްލައަށް އަރުވާލެވިގެން ދިރިއުޅުއްވަމުން ގެންދަވަނީ ލަންޑަންގައެވެ. ލަންޑަންގައި ހުންނަވައިގެން އިއްޔެ ދެއްވި ބަޔާނެއްގައި އޭނާ ވިދާޅުވީ ތޫނިސްގެ ހިއްވަރުގަދަ ރައްޔިތުން ބިންޢަލީގެ ޚުދުމުޚްތާރު ވެރިކަން ވައްޓާލައިފި ކަމަށާއި އެހެންކަމުން ތޫނިސްގައި ޑިމޮކްރަސީ ޤާއިމްކުރުމަށް މިހާރު މަގުފަހިވެގެން ހިނގައްޖެކަމުގައެވެ. އަދި މިކަމުގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށް ތާއީދު ކުރައްވާކަމަށްވެސް އިދިކޮޅު އިސްލާމީ ލީޑަރު ވިދާޅުވިއެވެ.

އަނެއްކޮޅުން ބިންޢަލީގެ ވެރިކަމުގައި ބޮޑެތި ނާޖާއިޒު ފައިދާތަކާއި އިމްތިޔާޒްތައް ލިބުނު މަހުޖަނުންނާއި އެނޫން ފަރާތްތަކުން ތޫނިސްގައި ހަމަނުޖެހުން އުފައްދަމުން ގެންދާ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި ރައްޔިތުންގެ އުތުރިއެރުމާގުޅިގެން ބިންޢަލީގެ ވެރިކަން ސަލާމަތް ނުކުރެވޭނެކަން ކަށަވަރުވުމުން ބިންޢަލީގެ ގާތްތިމާގެ މީހުންނާއި އަނބިކަނބަލުންގެ ޢާއިލާގެ އިސް ފަރާތްތައްވެސް ތޫނިސް ދޫކޮށް އަވަށްޓެރި ފަރަންސޭސިވިލާތަށް ގޮސް ޕެރިހުގެ ބައެއް ހޮޓާތަކުގައި އެބަތިބި ކަމަށް ފަރަންސޭސި މީޑިޔާ ޚަބަރުދެއެވެ.

ބިންޢަލީ މިދިޔަ ހުކުރުދުވަހު ޤައުމު ދޫކުރައްވައި ފިއްލަވައިވަޑައިގަތީ އޭނާގެ ވެރިކަމާ ދެކޮޅަށް ތެދުވި ރައްޔިތުންގެ ގަޔަށް ބަޑިޖެހުމުގެ ސަބަބުން މަރުވެ އަދި ޒަޚަމްވެގެން އެތަށްބަޔަކު ބިންމައްޗަށް ވެއްޓުނު ނަމަވެސް މުޒާހަރާތަކަށް ކުޑަވެސް ހުއްޓުމެއް ނައިސް ކުރިޔަށްދާތީ، ރުޅިއައިސްފައިވާ ރައްޔިތުން މައިތިރި ނުކުރެވޭނެކަން ބިންޢަލީއަށާއި އޭނާގެ މުސްތަޝާރުންނަށް ކަށަވަރުވެ ވަޑައިގަތުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމެރިކާއާއި ހުޅަނގު ޔޫރަޕްގެ ތާއީދު ލިބިގެން ތޫނިސްގައި ޚުދުމުޚްތާރު ވެރިކަމެއް ކުރެއްވި ބިންޢަލީއަކީ ޢަރަބި ޤައުމެއްގައި ރައްޔިތުން ނުކުމެ ވެރިކަން ވައްޓާލައި ޤައުމުން ބޭރުކޮށްލި ފުރަތަމަ ރައީސެވެ.