14 Aug 2014, 21:47
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރު ކަމަށް ގާނޫނީ ވަކީލަކު އިންތިހާބު ކުރުމުގައި އަމަލު ކުރާނެ އުސޫލުގެ މާއްދާއެއް ސުޕްރީމް ކޯޓުގެ އަމުރަކުން މިއަދު ބާތިލްކޮށްފައި ވާތީ، އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު ބާއްވަން އުޅުނު އިންތިހާބު އެޓާނީ ޖެނަރަލްގެ އޮފީހުން ބާތިލްކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިރޭ ކުރި އަމުރަކުން ވަކީލުންގެ އިންތިޚާބާ ބެހޭ އުސޫލުގެ 11 ވަނަ މާއްދާގެ ހ. ވަނީ ބާތިލްކޮށްފަ އެވެ. އެ މާއްދާގެ ހ. ގައި ބުނެފައިވާ ގޮތުން އަތޮޅު ތެރޭގައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސޭނީ އެ ރަށެއްގައި ވޯޓުލުމަށް މަދުވެގެން ފަސް ވަކީލަކު ރަޖިސްޓްރީވެގެންނެވެ.
ސުޕްރީމް ކޯޓުން އެ މާއްދާ ބާތިލްކޮށް ނެރުނު އަމުރުގައި ވަނީ މަދުވެގެން ފަސް ވަކީލަކު ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް އޮތުމަކީ 2009ގެ ވަކީލުންގެ އިންތިޚާބާ ގުޅިގެން ހައި ކޯޓުން ކުރި ހުކުމާއި ވަކީލުކަމުގެ ހުއްދަ އޮންނަ ފަނޑިޔާރުންނާއި މަޖިލިސް މެމްބަރުންނަށް ވޯޓު ލެވޭނެ ގޮތް ހަދަން ސުޕްރީމް ކޯޓުން ނެރުނު އަމުރާ ފުށުއަރާ މާއްދާއެއް ކަމަށެވެ.
އޭޖީ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވަކީލުންގެ އިންތިޚާބާ ބެހޭ އުސޫލު ބާތިލްކޮށް އަންނަ ބުރާސްފަތި ދުވަހު ބާއްވަން ނިންމާފައިވާ އިންތިހާބު ވެސް ބާތިލްކޮށްފައިވާ ކަމަށެވެ.
އޭޖީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ފަރާތަކަށް އެ މީހަކު ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ކަމުގައި ވިޔަސް ވޯޓުލުމުގެ ފުރުސަތު ލިބިދެވޭ ގޮތަށް އަލުން އިންތިޒާމް ކުރުމަށް ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރުގެ ސަބަބުން އިންތިހާބުގެ ވޯޓު ސިއްރު ނުކުރެވޭނެ ކަމަށެވެ.
"ޖޭއެސްސީގެ މެމްބަރު ކަމަށް ގާނޫނީ ވަކީލަކު އިންތިހާބު ކުމުރުގައި އަމަލު ކުރާނެ ގޮތުގެ އުސޫލުގެ 11 ވަނަ މާއްދާގެ ހ.ގެ މައިގަނޑު އަސާސަކީ ވޯޓު ސިއްރު ކުރުން ކަމަށްވެފައި އެ މާއްދާގެ (ހ) ބާތިލް ކުރެއްވުމުން އެ މަގުސަދު ހާސިލް ނުވާނެތީ އެވެ." އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައިވެ އެވެ.
އޭޖީ އޮފީހުން އިއްޔެ އާންމުކޮށްފައިވާ ގޮތުން މިފަހަރުގެ އިންތިޚާބުގައި އަތޮޅު ތެރޭގައި ވޯޓުލުމުގެ އިންތިޒާމް ހަމަޖައްސާނީ 13 ރަށެއްގަ އެވެ.