ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ އެއްގޮތަށް މާލެ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލުން އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހިންގި ގޮތުގެ ތަފްސީލް ރިޕޯޓް ހުށަހަޅާފައިނުވާ ކަމަށް ލޯކަލް ގަވާންމަންޓް އޮތޯރިޓީ އިން ބުނެފި އެވެ.

އެލްޖީއޭ އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނުގެ 108 ވަނަ މާއްދާ އާއި 109 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ އަހަރީ ރިޕޯޓް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން އެލްޖީއޭ އަށް ހުށަހަޅާފައިވާ ކަމަށެވެ.

އެގޮތުން 12 އަތޮޅު ކައުންސިލުންނާއި 72 ރަށު ކައުންސިލުން އެ ރިޕޯޓް ވަނީ އެލްޖީއޭ އަށް ހުށަހަޅައިފަ އެވެ.

ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް ޖުލައި 10 ވަނަ ދުވަހުގެ ކުރިން އެ އަހަރެއްގެ ފުރަތަމަ ހަ މަސް ދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ރިޕޯޓް ރަށު ކައުންސިލްތަލުން އަތޮޅު ކައުންސިލްތަކަށް ހުށަހަޅަންޖެހޭނެ އެވެ. އަދި ކޮންމެ އަތޮޅު ކައުންސިލަކުންނާއި ސިޓީ ކައުންސިލަކުން ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 20 ވަނަ ދުވަހުގެ ކުރިން އެ ކައުންސިލަކުން ހިންގި ހަރަކާތްތަކުގެ ތަފްސީލް ރިޕޯޓް އެލްޖީއޭ އަށް ހުށަހަޅަންޖެހެ އެވެ.