14 Aug 2014, 21:06
މިސޫރީ (އޮގަސްޓް 14) : އެމެރިކާގެ ފުލުން ކަޅު ނަސްލުގެ ޒުވާނަކު ވަރަށް އިހާނާތްތެރި ގޮތަކަށް މަރާލުމާ ގުޅިގެން އެގައުމުގެ މިސޫރީ ސްޓޭޓްގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓާލުމަށް ރައީސް ބަރަކް އޮބާމާ ގޮވާލައްވައިފި އެވެ.
އޮބާމާ ވިދާޅުވީ އެމެރިކާގެ ފުލުން އެގައުގެ ކަޅު ނަސްލުގެ ޒުވާނަކު މަރާލުމަކީ ބޮޑުހިތާމައެއް ކަމަށާއި މިފަދަ ހާދިސާތައް ތަކުރާރުވެގެން ނުވާނެ ކަމުގަ އެވެ. ނަމަވެސް މި ހާދިސާއާ ގުޅިގެން ހަމަނުޖެހުންތައް ހިނގައިގެން ނުވާނެ ކަމަށާއި މިފަދަ މައްސަލަތައް ބުއްދީގެ ބޭނުންކޮށްގެން ޙައްލުކުރަން ޖެހޭ ކަމަށް އޮބާމާ ވިދާޅުވި އެވެ.
މިސޫރީގެ ފާގަސަން ސިޓީގައި އުފެދިފައިވާ ހަމަނުޖެހުންތަކުގައި ޒުވާނުންތަކެއް ވަނީ އެ ރަށުގެ ސެއިންޓް ލުއިސް އަވަށުގެ ފިހާރަތައް ފަޅާލައި އާންމު މުދަލަށާއި ވެހިކަލްތަކަށާއި އާންމުންގެ ތަކެއްޗަށާއި މުދަލަށްވަނީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. ކަޅު ނަސްލުގެ ޒުވާނާ މަރާލި މައްސަލާގައި އިޙްތިޖާޖްކުރި ފަރާތްތަކާ ދެކޮޅަށް އެމެރިކާގެ ފުލުހުން ބާރުގެ ބޭނުން ކުރުމުގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރު ވެސް ވަނީ ކޮށްފަ އެވެ.
މިސޫރީސްޓޭޓްގައި ކަޅުނަސްލުގެ ޒުވާނެއްގެ ގަޔަށް ފުލުހުން ބަޑިޖަހައި އޭނާ މަރާލި ކަމަށް ވަނީ ފުލުހުންނަށް އޭނާ އަމާންދީ އަތްމައްޗަށް ނަގާފައި ވަނިކޮށްކަން ވަނީ ހާމަވެފަ އެވެ. މިސޫރީގެ ސެއިންޓް ލުއިސް އަވަށުގެ ރަށްބޭރު ސަރަހައްދެއްގައި އެމެރިކާގެ ކަޅުނަސްލުގެ ޒުވާނެއް ކަމަށްވާ އުމުރުން 18 އަހަރުގެ މައިކަލް ބްރައުން ގަޔަށް ފުލުހުން ތަކުރާރުކޮށް ބަޑިޖަހައި އޭނާ މަރާލި ކަމަށް ވަނީ ނަސްލީ ތަޢައްސުބާއި ކަޅުމީހުން ދެކެ އަންނަ ރުޅީގެ ތެރެއިން ކަމަށް ވަނީ ބެލެވިފަ އެވެ.
ކަޅާއި ދޮނުގެ ނަސްލީ އިމްތިޔާޒު ނުވަތަ ނަސްލީ ތަފާތުކުރުންތައް ވަރަށް ބޮޑު އެމެރިކާގައި މިކަން ކޮންޓްރޯލް ކުރުމަށް ގާނޫނުތައް ހަދާފައި ވީ ނަމަވެސް ދޮންނަސްލުގެ މީހުންގެ ޝިކާރައަކަށް ކަޅުނަސްލުގެ މީހުން ވަރަށް ގިނައިން ވެ އެވެ. އަދިކަޅު ނަސްލުގެ މީހުން ޝިކާރަކުރެވޭ ޙާލަތްތަކުގައި ވެސް އެމީހުންނަށް އެމެރިކާގެ ކޯޓުތަކުގައި އިންސާފު ވެސް ނުލިބޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)