14 Aug 2014, 20:23
ސްކޫލްތަކުގެ ގްރޭޑް އަށެއްގެ ދަރިވަރުންނަށް ހަތަރު ވަނަ ސްޓްރީމެއްގެ ގޮތުުގައި މަސައްކަތްތެރިންގެ ސްރީމެއް އަންނަ އަހަރު ތައާރަފްކުރައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
އިޖްތިމާއީ ކައުންސިލުން މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމަކީ މި ސަރުކާރުގެ ވައުދަކަށްވާއިރު، ގްރޭޑް އަށެއްގެ ދަރިވަރުން ކިޔަވާ ތިން ސްޓްރީމްގެ އިތުރަށް މަސައްކަތްތެރިކަމުގެ ސްޓްރީމެއް އަންނަ އަހަރުން ފެށިގެން ޕައިލެޓް ކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސްކޫލްތަކުގެ ޓީޗަރުންނާއި މެނޭޖްމަންޓް އަދި ޕްރިންސިޕަލުންނަށް އިތުރަށް ބޭނުންވާ ތަމްރީން ފޯރުކޮށްދިނުމަށް ރާއްޖޭންނާއި ރާއްޖޭން ބޭރުން ލިބޭ ފުރުސަތުތަކާއި މަޝްވަރާ ކުރެވެމުން އަންނަ ކަމަށާއި މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމަށެވެ.
ސްކޫލްތައް ހިންގުން ހަރުދަނާކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދަމުންދާއިރު، މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް މިނިސްޓަރު ޝިހާމް ވިދާޅުވި އެވެ.
ސްކޫލްތަކުގައި މިހާރު ކިޔަވާދެމުން ގެންދަނީ ސައެންސް ސްޓްރީމާއި ކޮމާސް ސްޓްރީމްގެ އިތުރުން އާޓްސް ސްޓްރީމެވެ.