އައިޗީއެމްއެޗް އިމާރާތުގެ އޯޕީޑީ ބައިގައި އަލަށް ހުޅުވި ކެފޭ ގަވައިދާ އެއްގޮތަށް ހިންގުމަށް އެންޓިކޮރަޕްޝަން ކޮމިޝަން ކޮމިޝަން (އޭސީސީން) އިން އެންގުމާއި ގުޅިގެން އެ ކެފޭ ބަންދުކުރުމަށްފަހު އަލުން ހުޅުވައިފި އެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު އަލީ ހަބީބު ވިދާޅުވީ އެ ކެފޭ އަލުން ހުޅުވާފައި ވަނީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

"ހޯޕް ކޯނާ" ގެ ނަމުން ނަންދީފައިވާ އެ ކެފޭ އަލުން ހުޅުވާފައި ވަނީ އޭސީސީގެ އެންގުމުގައި އިސްލާހު ކުރުމަށް އަންގާފައި ހުރި ހުރިހާ ކަމެއް ފުރިހަމަކުރުމަށްފަހު ކަމަށް ވެސް ޒީނަތު ވިދާޅުވި އެވެ.

"އެ ކެފޭ އަލުން ހުޅުވާފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން އިސްލާހު ކުރުމަށް އަންގާފައިވާ ކަންތައްތައް، އަންގާފައިވާ ގޮތުގެމަތިން ފުރިހަމަ ކުރުމަށްފަހު،" ޒީނަތު ވިދާޅުވި އެވެ.

އައިޖީއެމްޗްގެ އާ އިމާރާތުގެ ގްރައުންޑު ފްލޯގައި ހިންގަމުންދާ އެ ކެފޭއަކީ އެ ހޮސްޕިޓަލްގެ ރެކްރިއޭޝަން ކުލަބަށް ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން ހަދީޔާކުރެއްވި ތަނެކެވެ. އަދި އެ ކުލަބުން އެތަން ހިންގާނެ ފަރާތެއް ހޯދާފައިވަނީ އާންމުކޮށް އިއުލާންކޮށްގެނެވެ.