14 Aug 2014, 19:27
ގިނަ އަހަރުތަކެއް ވަންދެން ޗެލްސީއަށް އިނގިރޭސި ޕްރިމިއާ ލީގު ހިފަހައްޓާލެވިދާނެ ކަމަށް ބުނެ، އެ ކްލަބުގެ ވާދަވެރިންނަށް ޗެލްސީގެ ކޯޗު ހޯސޭ މޮރީނިއޯ އިންޒާރެއް ދީފި އެވެ.
މިހާރު ކުރިއަށްދާ ޓްރާންސްފާ މާކެޓްގައި އެންމެ ފާހަގަކޮށްލެވޭ އެއް ކްލަބަކީ ޗެލްސީ އެވެ. ކުރިއަށް އޮތް ސީޒަނަށް ޗެލްސީ ވަރުގަދަ ކުރުމަށް 90 މިލިއަން ޕައުންޑާ ގާތްކުރާ އަދަދެއް ހޭދަކޮށްފައި ވެއެވެ. އެ ކްލަބަށް ގެނައި އާ ކުޅުންތެރިންގެ ތެރޭގައި ޑިއޭގޯ ކޮސްޓާ އާއި، ސެސް ފެބްރިގާސް އާއި، ފިލިޕޭ ލުއިސް އަދި ޑިޑިއާ ޑްރޮގްބާ ހިމެނެ އެވެ.
"މިހާރު އަހަރެމެންގެ ސްކޮޑަކީ ފެންވަރު ރަނގަޅު ސްކޮޑެއް،" ނޫސްވެރިންނާ ވާހަކަދައްކަމުން މޮރީނިއޯ ބުންޏެވެ. "މިއީ ކުރިއަށް އޮތް ތަނުގައި ވެސް ބޭނުން ހިފޭނެ ކުޅުންތެރިންތަކެއް ތިބި ސްކޮޑެއް. މި ސްކޮޑުގައި ތިބި ޒުވާން ކުޅުންތެރިންތަކާ އެކު، އަހަރެމެންނަށް ކުރިއަށް އޮތް 10 ވަރަކަށް އަހަރު ދުވަހު ކާމިޔާބީ ހޯދިދާނެ. މިއަށްވުރެ ރަނގަޅު ސްކޮޑެއް އޮތް ކްލަބެއް މިހާރަކު ނޯންނާނެ،"
މޮރީނިއޯ ބުނީ، އޭނާ ބޭނުންވީ ލެފްޓް ބެކަކާއި، މިޑްފީލްޑަރެއް އަދި ފޯވާޑެއް ކަމަށާއި އެ މަގާމުތަކަށް މިހާރު ކުޅުންތެރިން ލިބިއްޖެ ކަަމަށެވެ. އަދި ޗެލްސީގެ ކުރީގެ ލެޖެންޑް ޑިޑިއާ ޑްރޮގްބާ އެ ކްލަބާ ގުޅުމުން ހިތްހަމަޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.
މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ޗެލްސީއިން ނިންމާލީ ތިން ވަނައިގައި އޮވެ އެވެ. ނަމަވެސް ކުރިއަށް އޮތް ސީޒަނުގައި އެ ޓީމުގެ ޓާގެޓަކީ ލީގުގެ އެއްވަނަ މަގާމު ހޯދުން ކަމަށް އެ ކްލަބުގެ ގިނަ ކުޅުންތެރިންތަކެއް ބުނަމުން ދެއެވެ.